އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު
ފުރަތަމަވެސް ބުނެލާނަމެވެ. ލޯބިވެރިއަކު ހުރުމުން އެއީ ފާފައަކަސް ނުވާނީ އެކަމާއި ގުޅިގެން ފާފައެއް ނުކުރެވޭނަމައެވެ. ކިތަންމެ ކުޑަނަމަވެސް ފާފައެއް ކުރެވޭނަމަ އެއޮތީ މުޅިން ގޯސްވެފައެވެ. ވީމާ ވިސްނާށެވެ!
ފާފަކުރުމަކީ ބޮޑު ކަމެއް ކަމަށް ނުބެލެވޭ، ފާފަކުރުން މިހައި ފަސޭހަ، ފާފަކުރަން ހިތްވަރުލިބޭ އެތައް ކަންތައްތަކެއް ތިމާގެ ވަށައިގެން ހިނގަމުންދާއިރު ފާފައެއް ނުކޮށް ހުރުމަކީ ވަރަށް އުނދަގޫ ކަމަކަށްވާނެއެވެ. ފާފަތަކުން ތިމާ ވަށައިލެވިފައިވާ މާޙައުލެއްގައި ނުވަތަ ޒަމާނެއްގައި ފާފަ ނުކޮށ ހުރުމުން ދެއްވަވާ ޘަވާބާއި ދަރުމަ އެހައި ބޮޑުވެގެންދަނީ އެ ސަބަބަށްޓަކައެވެ.
ބައެއް ޒުވާނުން ކުރާ ސުވާލެކެވެ! "ޝައިޚް އެވެ! އަޅުގަނޑު މަސައްކަތްކުރަނީ ހަމަ އެންމެ ފާފައެއްވެސް ނުކުރާށެވެ! ނަމަވެސް ލޯބިވެރިއަކު ހުރުމުން ބައެއް ކުދިކުދި ފާތައްކުރެވޭތީ ވަރަށް ބޮޑަށް ކަންބޮޑުވެއެވެ. ގިނަގިނައިން ތައުބާވާންޖެހޭތީ ލަދުވެތިވެސް ވަމެވެ! ޙައްލަކީ ކޮބައިހެއްޔެވެ؟"
ޖަވާބަކީ އަވަހަށް ފާފަކުރެވެން ހުރި ދޮރުތައް ބަންދުކުރާށެވެ! އެއީ ކައިވެނިކުރުމެވެ! ކައިވެނިކުރުމުން ހުރިހާ މައްސލަތަކެއް ޙައްލުކުރެވުނީއެވެ. މިހާރު ތިއަ ކަންބޮޑުވާ ހުރިހާ ފާފަތައް ބަދަލުވާނީ ޘަވާބުލިބޭ އަޅުކަމަށެވެ.
މިސާލަކަށް ބާލިޣްވެ ތަޝައްރަފް ފުދިއްޖެ ނަމަ ސުންނަތުގައިވާފަދައިން ކައިވެނިކުރުމަކީ ޘަވާބު ދެއްވަވާ އަޅުކަމެކެވެ. ދެމަފިރިން އެކަކު އަނެކެއްގެ ޙައްޤުތައް އަދާކޮށްގެން ލޯބން ދިރިއުޅުމަކީ ޘަވާބު ދެއްވަވާއަޅުކަމެކެވެ. އެކަކު އަނެކަކަށް ލޯބިކުރުމަކީ ވެސް ޘަވާބު ދެއްވަވާ އަޅުކަމެކެވެ. ދަރިއަކު ލިބިއްޖެ ނަމަ ﷲ އެންގެވިގޮތުގައި ބަލައި ތަރުބިއްޔަތުކުރުމަކީ ޘަވާބު ދެއްވަވާ އަޅުކަމެކެވެ.
ދެމަފިރިން އެކަކު އަނެކަކަށް ކޮށްދޭ ކޮންމެ ހެޔޮކަމަކީ އަޅުކަމަކީ ޘަވާބު ދެއްވަވާ އަޅުކަމެކެވެ. އެކަކު އަނެކަކުގެ ބޭނުންތައް ފުއްދައިދިނުމަކީވެސް ޘަވާބު ދެއްވަވާ އަޅުކަމެކެވެ. އަދި ކީއްހެއްޔެވެ؟ އަނބިދަރިންނަށް ކާންދޭ ކޮންމެ ސުވަލަކީވެސް ޞަދަޤާތެކެވެ!
ކޮންމެ އަޅުކަމަމަކީވެސް ޘަވާބު ދެއްވަވާ އަޅުކަމެކެވެ. އަލުކަމުގެ ކުރިއަށް ޘަވާބު ދެއްވަވާ ލައިގެން މިބުނީ ފާފަކުރެވޭތީ އެފާފަތައް އަޅުކަމަކަށް ބަދަލުކުރުމާއި އެއިރުން ޘަވާބު ދެއްވަވާނެކަން ބަޔާންކުރުމަށެވެ.
ދެންއޮތްކަމަކީ ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ނުކުރަން މަސައްކަތްކުރާށެވެ! ފާފައެއް ކުރެވިއްޖެ ނަމަ ތައުބާވުމަށް އަވަސްވެގަންނާށެވެ! ކިތަންމެ ގިނަ ފަހަރު ތައުބާވާން ޖެހުމަކީވެސް ލަދުގަންނަން ޖެހހެންވީ ކަމެއް ނޫނެވެ! އެއީ ﷲ ތަޢާލާ އެންމެ ބޮޑަށް މީސަތަކުންނަށް ލޯބިވެވޮޑިގަންނަވާ ޢަމަލެވެ!
އަބަދުވެސް ބުނާފަދައިން ކައިވެނިނުކޮށް ލޯބިވެގެން އުޅުމަކީ އިސްލާމްދީނުގައި އޮތްކަމެއް ނޫނެވެ! އޮތީ ކައިވެނިކޮށްގެން ލޯބިވެގެން އުޅުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
17 ފެބްރުއަރީ 2025