އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 53 ސިކުންތު
އަޅުގަނޑުގެ ބައްޕައަކީ ތަނަވަސް މީހެކެވެ. ލިބިފައިވަނީ 2 ފިރިހެންދަރިންނާއި އަޅުގަނޑެވެ. އެހެންވެ ބައްޕައާއި މަންމަ އަޅުގަނޑު ގެންގުޅެ ބޮޑުކުރީ ވަރަށް ބޮޑަށް ސަމާލުކަންދީގެންނެވެ. މަގުން ކައްސާލިއަ ނުދޭން ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. އަޅުގަނޑަށް ބޭނުންވާނެ ހުރިހާ ކަންކަން ކޮށްދިނެވެ. ނަމަވެސް އިންތަކެއްގެ ތެރެއިންނެވެ.
ކިޔަވައި ނިމުމުން ބައްޕަގެ މަސައްކަތުގައި ފިރިހެންދަރިންފަދައިން ބައިވެރިކުރުވިއެވެ. މަސްއޫލިއްޔަތު ހަވާލުކުރިއެވެ. ޒިންމާދާރުކުރުވިއެވެ. ޢުމުރުން 24 އަހަރުގައި ކައިވެނިކުރަން ބޭނުންވާ ކަމަށް ބުނުމުން އަޅުގަނޑު ބޭނުންވި ގޮތަށް އެކަންވެސް ހަމަޖައްސައިދިނެވެ. ކައިވެންޏަށްފަހު ފިރިމީހާއަށް ވަޒީފާއެއްދީ އޭނާއަށްވެސް ރަނގަޅު މުސާރައެއް ލިބޭނެ ގޮތް ހަމަޖައްސައިދިނެވެ.
ފިރިމީހާ އަޅުގަނޑާއިއެކު އުޅެމުން އައީ ބޭރުފުށުން ވަރަށް ރަނގަޅުކަމަށް ދައްކައިގެންނެވެ. ލޯބިވާކަމަށް ހެދިގެންނެވެ. ކިރިޔާ ފުރުޞަތެއް ލިބޭއިރަށް އަޅުގަނޑަށް ތަޢްރީފްވެސް ކުރާތީ ޤަބޫލުކުރެވިފައި އޮތީ މިއީ ހަމަ ހަޤީޤަތް ކަމަށެވެ.
ކައިވެނީގައި 3 ދަރިން ލިބުނު ފަހުން އެއްރޭ ގޭގައި ބައްޕަ ބޭއްވި ޖާފަތަކަށް ފިރިމީހާ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށާއި އޭނާގެ އަނބިމީހާއަށް ދަޢުވަތުދިނެވެ. އަޅުގަނޑުމެން 4 މީހުން ތިބީ ވަކިން ކުޑަ މޭޒެއްގައެވެ. ފިރިމީހާ އާއި އޭނާގެ އެކުވެރިޔާ ސިއްރުން ވާހަކަދައްކަން ފެށުމުން ސުވާލު އުފެދުނެވެ. "މިތަނުގައި މިދެމީހުން ސިއްރުން ދައްކަން އޮންނާނީ ކޮންވާހަކައެއްހެއްޔެވެ؟ މިކަމުގެ އަޑީގައި ކޮންމެވެސް މަކަރުވެރިކަންތައްތަކެއްވާނެއެވެ."
އެގޮތަށް ވިސްނުމުން ފޯނު ރެކޯޑިންގއަށްލާފައި ގޮނޑިމަތީގައި ބާއްވާފައި "ވަރަށް އަވަހަށް އެބަ އަންނަން" ކަމަށް ބުނެފައި ތެދުވެގެންދިއައިމެވެ. އެނބުރި އައީ ފުދޭވަރެއްގެ ވަޤުތުކޮޅެއް ދިނުމަށްފަހުގައެވެ.
އެރޭ ފިރިމީހާ ނިދުމުން ފޯނު ހިފައިގެން ސިޓިންގރޫމަށް ގޮސް އެކަނި އިނދެ ރެކޯޑިންގ އަޑުއަހައިލީމެވެ.
"ފިރިމީހާ އުޅެނީ ޒުވާން އަންހެންކުއްޖަކާއި ސިއްރުން ކައިވެނިކޮށްގެންނެވެ. ފަޅާއަރައިފާނެތީ ކައިވެނި ރަޖިސްޓްރީވެސް ނުކުރެއެވެ. އޭނާ އިންނަނީ ފިރިމީހާ ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓެއްގައެވެ. އޭނާ އިނީވެސް ބަލިވެއެވެ. ކައިވެނި ރަޖިސްޓްރީ ނުކޮށް އޮތުމުން ފަޟީޙަތްވާނެތީ ދެމީހުންގެ މެދުގައި އުޅެނީ މައްސަލަޖެހިގެންނެވެ.
ފިރިމީހާ އަޅުގަނޑުދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވެއެވެ. ކައިވެނީގެ ކުރިން ލޯބިވާކަމަށް ހެދިގެން އުޅުނީވެސް ކައިވެންޏަށްފަހުގައި ލޯބިވާކަމަށް ދައްކައިގެން ކުޅެނީވެސް ޑްރާމާއެވެ. ހަމައެކަނި ބޭނުމަކީ ބައްޕަގެ ތަނަވަސްކަމުގައި އުފަލުގައި އުޅުމެވެ."
މިއީ އަޅުގަނޑު ދިއުމުން ދެމީހުން ދައްކާފައިވާ ވާހަކަތަކުން އެނގުނު ކަންތައްތަކެވެ. އަޅުގަނޑު ދެކެ ވަރަށް ލޯބިވާކަމަށް ޤަބޫލުކުރެވިގެން އަހަރުތަކެއް އެކުގައި އުޅެވުނު ފިރިމީހާގެ މިޙަޤީޤަތްތައް އެނގުމުން ވަރަށް ދެރަވިއެވެ. ހިތަށް ވަރަށް އަސަރުކުރިއެވެ. އެހެންވެ ދެން ކަންކަން ކުރަންވީ ގޮތުގެ ޚިޔާލެއް ހޯދަން މަޝްވަރާކުރީ މަންމައާއި ބައްޕައާއިއެވެ. ދެމީހުންގެވެސް ޚިޔާލަކީ އަވަހަށް ވަރިވުމެވެ.
ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ! އަދިވެސް ދަރިފުޅު ވަރަށް ޒުވާނެވެ. ދަރިފުޅުގެ ފަރާތުގައި ތަނަވަސްކަން އެބަހުއްޓެވެ. ދަރިފުޅު ބޭނުން ޒުވާނަކާއި މާދަމާވެސް ކައިވެނިކުރެވިދާނެއެވެ. ތިއަފަދަ ޚިޔާނާތްތެރިއެއްގެ ފަރާތުން ފައިސާގެ ބޮޑު ގެއްލުމެއް ނުލިބެނީސް ކަންކަން އެނގުނުކަން އެއީ އަހަރެމެންގެ ނަޞީބެވެ. އަވަހަށް އެކަލޭގެ މިގެއިން ނެރެ ބޭރުކޮށްލާށެވެ. ބައްޕަ އޭނާގެ އަތުގައި އޮންނަ ކުންފުނީގެ ކްރެޑިޓްކާޑް މިބްލޮކްކޮށްލަނީއެވެ."
އެރޭ ފިރިމީހާ ގެއަށް އައީ ދަންވަރުއެވެ. ވަރަށް ލޯބިވާކަމަށް ހެދިގެން ވާހަކަ ދައްކަމުން ސުވާލުކުރިއެވެ. "އަހަރެންގެ އަތުގައި އޮތް އޮފީސް ކްރެޑިޓްކާޑު ބްލޮކްކޮށްފިއެވެ. އޮފީހަށް ވަންނަން ދިއައިރު ދޮރުހުޅުވާ ކާޑުވެސް ވަނީ ބްލޮކްކޮށްފައެވެ. މިވީ ކިހިނެއް ހެއްޔެވެ؟"
އަޅުގަނޑު ބުނީމެވެ. "މިވަގުތުން ފެށިގެން މިކޮޓަރީގެ ދޮރުވެސް މިގޭގެ ދޮރުތައްވެސް ކަލެއަށް ބަންދުވީއެވެ. ވަރިކޮށްފައި ނުކުމެގެންދާށެވެ."
އޭނާ ބުނީ ގޮސް ވަންނާނެ ތަނެއް ނެތްކަމަށާއި އަޅުގަނޑާއި 3 ދަރިން ދެކެ ވަރަށް ބޮޑަށް ލޯބިވާކަމަށާއި ދޫކޮށްލާފައި ނުދާނެ ކަމަށެވެ. އަޅުގަނޑު ބުނީ ވަންނާނެ ތަން އެބަހުރިކަމަށެވެ. ކުއްޔަށް ހިފައިގެން އުޅޭ ފްލެޓުގައި އުޅެވިދާނެކަމަށެވެ. ދެވަނަ އަންތބާއިއެކު އުފަލުގައި އުޅެވިދާނެކަމަށެވެ. މި 3 ދަރިންގެ މަތިން ހަނދާން ނައްތާލާފައި ލިބެން ތިއައުޅޭ ދަރިފުޅު ބަލައިގެން ރަނގަޅަށް އުޅެވޭތޯ ބެލީމާ މާއުފަލުގައި އުޅެވޭނެ ކަމަށެވެ.
އޮފީސްކާޑު ބޭނުންކޮށްގެން ރޭގަނޑު އުޅުނީ ފައިސާގެ ކޮން މުޢާމަލާތެއްކުރަންތޯ އާއި ރޭގަނޑު އޮފީހަށް ވަންނަން އުޅުނީ ކީއްކުރަންތޯ ސުވާލުކުރުމުން ޖަވާބެއް ނުދިނެވެ. އެވާހަކައިގައި ތިއްބައި މަންމަ އައިސް ފިރިމީހާގެ ކިބައިން އެދުނީ ޑްރާމާކުޅެ ޒުވާބުކުރަން ނުހަދައި ރީތި ގޮތުގައި ނުކުމެގެން ދިއުމަށެވެ.
ފިރިމީހާ ދެވަނަ އަންތބެއްގެ ގޮތުގައި ގެންގުޅުނީ ކާކުކަން އެނގުމުން ވަކިން ބޮޑަށް ދެރަވިއެވެ. އެއީ އަޅުގަނޑުގެ އުޚުތެއްފަދައިން ގެންގުޅުނު އެކުވެރިޔާއެވެ. އޭނާ ހުރީވެސް ބައްޕަގެ ވަޒީފާގައެވެ. ބައްޕަމެން ބޭރަށް ދަތުރެއް ކުރިނަމަވެސް އަޅުގަނޑާއި އެއްގޮތަށް އޭނާއަށް ހަދިޔާވެސް ގެނެސްދެއެވެ. އޮފީހުގައި ގެންގުޅުނީވެސް އެހައިބޮޑަށް އިތުބާރުކޮށްގެންނެވެ.
ދެމީހުންގެ ވަޒިފާ ގެއްލުމުން ޖެހުނީ ކުއްޔަށް ހިފައިގެން އުޅުނު ފްލެޓްވެސް ދޫކޮށްލާށެވެ. ދެމީހުން ދިއައީ ފިރިމީހާގެ ރަށަށެވެ. އަޑުއިވުނީ އެރަށުގައި ހިންގާ ކެފޭއެއްގައި ދެމީހުން މަސައްކަތްކުރާ ވާހަކައެވެ.
ނިކަން ވިސްނައިލަބަލާށެވެ. ކޮންފަދަ ބޮޑު މުސާރައެއް ލިބިގެން ކިހައި އުފަލުގައި އުޅެމުން އައި ދެމީހުން ހެއްޔެވެ؟ މަކަރުވެރިކަމާއި އަމިއްލަ އެދުން ބޮޑުވުމުގެ ނަތީޖާ އެފެނުނީ ކިހިނަކުންހެއްޔެވެ؟ އެހެންކަމާއިއެކުވެސް އެކުވެރިޔާ ވިހަންވެސް ކަންކަން ކޮށްދިނީމެވެ. މިހާރުވެސް އެކިމިންވަރުން އެހީތެރިވަމެވެ. އެމީހުންގެ ހުރި ނުބައިކަމުން ދެރަ ލިބުނީ އެމީހުންނަށެވެ. އަޅުގަނޑަށް ލިބުނު އެއްވެސް ދެރައެއް ނެތެވެ. އިން ޝާ ﷲ
3 ދަރިން ތިބިނަމަވެސް ދެވަނައަށްވެސް ކައިވެނިކުރީ ހަމަ ހުހަށްހުރި ޒުވާނަކާއިއެވެ. ފެންނަފެނުމުގައި ކުރީގެ ފިރިމީހާއަށްވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅެވެ. ކައިވެންޏަށް 5 އަހަރުވީއިރުވެސް ހަމަގައިމުވެސް އޮފީހުން އައިސް އަޅުގަނޑު ގޮވައިގެން ނޫނީ ބޭރަކަށް ނުދެއެވެ.
މިއަދުނޫހުގެ ކިޔުންތެރިން ނިކަން ވިދާޅުވެބައްލަވާށެވެ! އިތުބާރު ކުރަންވެދާނެ ހަމައެކަކު އެބަހުރިތޯއެވެ؟ ހަމަގައިމުވެސް އަޅުގަނޑު ދެން އެއްވެސް މީހަކަށް އިތުބާރެއް ނުކުރާނަމެވެ. ވައިލެވޭ ކޮންމެ ފަހަރަކުވެސް ކަރުން ބޭރުވަނީ އިތުބާރުކުރުމުގެ ހިތިރަހައެވެ. ނިންމާލަމުންވެސް ބުނެލަން ބޭނުންވަނީ މިޒަމާނުގައި ގިނައީ ފިރިމީހާއަށްވެސް އެންމެ ގާތް އެކުވެރިޔާއަށްވެސް އިތުބާރުކުރެވިއްޖެނަމަ ހިތުގައި އަލިފާން ޖައްސާ މީހުން ކަމަށެވެ!
- ޒޫނިސް / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
20 ފެބްރުއަރީ 2025