އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ގެ މަގުގަ ޘާބިތުވެ ހުރި ފަޤީރު ޒުވާން އަންހެނަކު ބައްޕަގެ ފުރާނަ ސަލާމަތްކުރެވޭތޯ ތަނަވަސް މުސްކުޅިއަކާ ކައިވެނިކުރުމުން މުސްކުޅިޔާ ޒުވާނަކަށް ބަދަލުވެ ބޮޑު ތަނަވަސްކަމެއް ލިބުނު ގޮތުގެ ވާހަކަ-

ﷲ ގެ މަގުގަ ޘާބިތުވެ ހުރި ފަޤީރު ޒުވާން އަންހެނަކު ބައްޕަގެ ފުރާނަ ސަލާމަތްކުރެވޭތޯ ތަނަވަސް މުސްކުޅިއަކާ ކައިވެނިކުރުމުން މުސްކުޅިޔާ ޒުވާނަކަށް ބަދަލުވެ ބޮޑު ތަނަވަސްކަމެއް ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 14 ސިކުންތު

އެއީ އަވަށުގެ އެންމެ ފަޤީރު އެއްޢާއިލާއެވެ. އެހެންކަމުން އެމީހުންނަށް ސަމާލުކަންދޭނެ އެއްވެސް މީހަކު ނުވެއެވެ. އަތުގައި ފައިސާ ނެތިފައި ގެދޮރުވެސް ނެތުމުންނެވެ. މީހެއްގެ ބިންކޮޅެއްގައި ފަން ޖިފުޓިއެއް ޖަހައިގެން އެތަނުގައި ދިރިއުޅޭތީއެވެ.  

ޢާއިލާގައި ތިބެނީ ދެބެއިންނެވެ. އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ދެކުދިންވެސް ވަނީ ކައިވެނިކުރާ ޢުމުރަށް އެޅިފައެވެ. ނަމަވެސް ފަޤީރުކަމުން އެއްވެސް މީހަކު ދެކުދިންކުރެ ކުއްޖަކާއި ކައިވެނިކުރަން ބޭނުމެއް ނުވެއެވެ.  

ޢާއިލާއަކީ ވަރަށް ތަޤްވާވެރި ޢާއިލާއެކެވެ. މަންމައާއި ބައްޕަ ފަދައިން ދެކުދިންވެސް ނަމާދުކުރަން ސަމާލުކަންދެއެވެ. ރޭއަޅުކަން ކުރެއެވެ. ޛިކުރުކޮށް ދުޢާކުރެއެވެ.  

ދެބެއިންގެ ބޮޑު ދައިތަ ދިރިއުޅެނީ ސިޓީގައެވެ. ތަނަވަސްކަމުގައެވެ. ބޮޑުދައިތަ އަވަށަށް އައި ދުވަހަކު ދިއައީ އަންހެން ކުއްޖާ ގޮވައިގެންނެވެ. ކިޔަވައިދީ ރަނގަޅު ވަޒީފާއެއް ހޯދައިދިނުމުގެ ބޭނުމުގައެވެ.  

އޭނާއަށް ފިހާރައަކުން ކޭޝިއަރެއްގެ ވަޒީފާ ލިބުނެވެ. ވަޒީފާލިބި މުސާރަ ލިބެން ފެށުމުން ވަރަށް ކުޑަ މިންވަރެއް އަތުގައި ބަހައްޓާފައި ފޮނުވަނީ މަންމަމެންނަށެވެ. އަހަރެއްހައި ދުވަސްވީތަނާ ބައްޕަ ވަރަށް ބޮޑަށް ބަލިވެގެން ޖެހުނީ ވަޒީފާ ދޫކޮށްލާފައި އަނެއްކާވެސް އަވަށަށްދާށެވެ. ހުރިހާ ކަމަކަށްވުރެ މައިންބަފައިން މުހިންމު ވީމައެވެ.  

އަވަށަށް ދިއަ ނަމަވެސް ކުރެވޭނެ ކަމެއް ނެތެވެ. އަވަށުން ބޭސްފަރުވާ ކުރެވޭކަށް ނެތެވެ. ސިޓީއަށް ގެންގޮސްގެން ޚަރަދުކުރާނެ ފައިސާއެއް އަތަކު ނެތެވެ. ކުރެވޭނެ ކަމެއް ނެތުމުން ވަކީލްކޮށްލައިގެން ދުޢާކުރުންމަތީގައި ތިއްބައި އެއްދުވަހަކު ގޭދޮރުމައްޗަށް މަޑުކޮށްލީ ކާރެކެވެ. ކާރުން ފޭބި ޢުމުރުން 60 އަހަރުގެ މީހަކު ގެއަށް ވަދެފައި ބުނީ މިއައީ އަންހެން ދަރިފުޅުގެ ކައިވެންޏަށް އެދިގެންކަމަށެވެ. ދުވަހަކުވެސް ދެރަގޮތެއް ނުހަދާނެ ކަމަށާއި ޢާއިލާއަށްވެސް ތަނަވަސްކަން ހޯދައިޑޭނެ ކަމަށެވެ. ބައްޕައަށް ބޭސްކޮށްދޭނެ ކަމަށާއި ޢާއިލާ އެކުގައި ތަނަވަހުގައި ގެންގުޅޭނެ ކަމަށެވެ.  

އޭނާގެ ވާހަކަތައް އަޑުއިވުމުން އެންމެންނަށް ލިބުނީ ހަމަހިމޭންކަމެވެ. އޭނާގެ ޢުމުރަކީ 60 އަހަރެވެ. ޝާހިދާގެ ޢުމުރަކީ 24 އަހަރެވެ. ބައްޕައަށް ބޭސްފަރުވާ ކުރުމާއި ޢާއިލާއަށް ތަނަވަސްކަން ކިތަންމެ ބޭނުން ނަމަވެސް ޝާހިދާގެ ދިރިއުޅުން ޤުރްބާން ކުރުމަކީ އިންޞާފެއް ހެއްޔެވެ؟ މިފަދަ ކަންކަމަށް ވިސްނަން ތިބެން ފެށުމުން ޖަވާބުދިނީ ޝާހިދާއެވެ.  

"އަހުރެންގެ ދިރިއުޅުން މާތް ﷲ އަށް ވަކީލްކޮށްފީމެވެ. ތިއަވީ ވަޢުދުތައް ފުއްދައިދޭނެކަމަށް މާތް ﷲ ގަންދީ ހުވާކުރާށެވެ! ހުވާކޮށްފައި ރަންކިޔުއްވާށެވެ! އަހުރެން މިހުރީ ބައްޕަގެ ފުރާނަ ސަލާމަތްކުރެވޭތޯ މަސައްކަތްކުރަން އަދި މަންމައާއި ބައްޕައަށް ތަނަވަސްކަން ލިބުމަށްޓަކައި އަހުރެންގެ ދިރިއުޅުން ޤުރްބާންކުރަން ތައްޔާރަށެވެ!"    

ޖެހިގެން އައި ދުވަހު ކައިވެނި ކުރެވިއްޖެއެވެ. ކައިވެނިކުރުމުގެ ކުރިން ބައްޕަ ސިޓީގެ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާކުރަން ފެށިއެވެ. ތަނަވަސްގެއަކަށް ޢާއިލާ ބަދަލުކުރިއެވެ. އެއީ އޭނާގެ އަމިއްލަގެއެވެ.  

ކައިވެނި ކުރެވުނީ ރޭގަނޑުއެވެ. ކައިވެނީގެ ކަންކަން ނިމި، ރަސްމިއްޔާތަށް އައި އެންމެން ދިއުމުން ފިރިމީހާގެ ފަހަތުން ގޮސް ފިރިމީހާގެ ކޮޓަރިއަށް ވަނުމަށްފަހު ފިރިމީހާ ބުނީ ކައިވެނީގެ ހެދުން ބާލައި ފެނަވަރައި ނިދާ ހެދުމެއް ލުމަށެވެ. އޭނާވެސް ފެންވަރައި ހެދުން ބަދަލުކޮށްލައިގެން އެބަ އަންނަން ކަމަށެވެ.  

ފިރިމީހާ ބުނި ގޮތަށް ކަންކަންކޮށްގެން ޝާހިދާ އެނދުގައި އިށީނދެ އިންނަތާ އެތައް އިރެއް ފަހުން ކުރިމައްޗަށް ނުކުތީ ޒުވާން ފިރިހެނެކެވެ. ޝާހިދާއަށް ބިރުން އަޑުގަދަކުރަން ފެށުނެވެ. "ކޮންފަދަ ބޮޑު އޮޅުވައިލުމެއް ހެއްޔެވެ؟ އަހަރެން ކައިވެނިކުރީ ތެދުވެރިކަމާއިއެކުގައެވެ. މުސްކުޅިއަކާއިއެކު ދިރިއުޅުމަށެވެ. އަހަރެންގެ ހަށިގަނޑުގައި ހިލޭ ފިރިހެނަކަށް ނުބީހެވޭނެއެވެ. އަވަހަށް އަހަރެން މިތަނުން ނެރޭށެވެ! އަހަރެންނަށް މިހައި ބޮޑު މަކަރެއް ތިއަހެދީ އަހަރެން ކޮންކުށެއް ކޮށްގެން ހެއްޔެވެ؟" 

ޒުވާނާ ބުންޏެވެ. "ކަންބޮޑުނުވާށެވެ! މުސްކުޅިއެއްގެ ސިފައިގައި އަހަރެން ޝާހިދާ އާއި ބައްދަލުކުރީ ޤަޞްދުގައެވެ. އެއީ ކުރި އިމްތިޙާނެކެވެ. ދެން ކުރާނެ ސުވާލަކީ އަހަރެންނަށް ޝާހިދާ އެނގުނީ ކިހިނަކުން ހެއްޔެވެ؟ އެސުވާލުގެ ޖަވާބުވެސް މިދެނީއެވެ. އަހަރެންގެ ކާފަ ޝާހިދާ މަސައްކަތްކުރާ ފިހާރައަށް ދެއެވެ. އެތަނުން ޝާހިދާ ފެނި އިމްތިޙާނުކުރީ ކާފައެވެ. އެއްދުވަހަކު އެއްޗެތިތަކެއް ނަގާފައި އަތުގައި ފައިސާ ނެތްކަމަސް ބުނީމާ ޝާހިދާގެ ފަޤިރުކަމާއިއެކުގައިވެސް އެއެއްޗެތީގެ އަގު ދެއްކީ ޝާހިދާއެވެ. އެއިމްތިޙާނަށްފަހު އަހަރެންނަށް ޝާހިދާ ދައްކައި ކައިވެނިކުރަން ބުނީ ކާފައެވެ. އެކަމަށް ވިސްނަމުން ދަނިކޮށް އެނގުނީ ޝާހިދާގެ ބައްޕަ ބަލިވެގެން ވަޒީފާ ދޫކޮށްލައި އަވަށަށް ހިނގައްޖެ ކަމެވެ. އެއީ ޝާހިދާ ފާސްވި ދެވަނަ އިމްތިޙާނެވެ. ބައްޕަގެ ބޭސްފަރުވާއަށްޓަކާ ދިރިއުޅުން ޤުރްބާން ކުރަން ނިންމި ނިންމުން އެއީ ފާސްވި 3 ވަނަ އިމްތިޙާނެވެ." 

ޝާހިދާ ބުންޏެވެ. "ތިއަ ވާހަކަތަކަކު މައްސަލައެއް ނެތެވެ. އެކަމަކު ތިއައީ އަހުރެން ކައިވެނިކުރި މުސްކުޅި މީހާއެއް ނޫނެއް ނޫންހެއްޔެވެ؟ މިވާ ގޮތް ބުނެދީބަލާށެވެ!"  

ޒުވާނާ އަނގައިން ނުބުނެ ދުރަށް ގޮސްފައި އެނބުރި އައީ މުސްކުޅިޔާގެ ސިފައިގައެވެ. އައިސް ކުރިމަތީގައި ހުއްޓިފައި މޫނުގައި އަޅައިގެން ހުރި މާސްކް ނެގުމުން މިވާ ގޮތް ޝާހިދާއަށް ވިސްނުނެވެ. ބިރުން ތުރުތުރުއެޅުން ހުއްޓި އުފަލުން ރޮވެން ފެށިއެވެ. ފިރިމީހާއަށް ޖަވާބުދިނީ ޢަމަލުންނެވެ. ތެދުވެ ބައްދާލައި ދޮންދެމުން ގެނެސް އެނދަށް ދެމީހުން އެކުގައި ވެއްޓިގަތީއެވެ.  

އެކައިވެންޏށް މިހާރު 28 އަހަރެވެ. 8 ދަރިން ލިބިފައެވެ. ދިރިއުޅެމުން އަންނަނީ ވަރަށް ލޯބިން އެންމެ އުފަލުގައެވެ.  

މިއީ ފިލްމެއްގެ ކުރު ޚުލާޞާއެކެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ގެނެސްދިނުމުގެ ބޭނުން ވަރަށް ގިނައެވެ. އެއިގެ ތެރެއިންވެސް އެންމެ ޚާއްޞަ ދެކަމެއް ފާހަގަކޮށްލާނަމެވެ!  (1) ހެޔޮލަފާ ރަނގަޅު ބައިވެރިއަކަށް ބޭނުންވާނަމަ އޮތީ ލޯބިވަމުން ދުވުމުގެ ބަދަލުގައި ﷲ  ތަޢާލާގެ މަގުގައި ޘާބިތުވެ ދުޢާކޮށް އަދި ހެޔޮ ޢަމަލުކުރުން ކަމެވެ. (2) މައިންބަފައިންގެ ޙައްޤުގައި ވާންޖެހޭ ޤުރްބާނީވުމަކީ އެއިގެ ބަދަލު މާފުރިހަމައަށް އެމީހަކަށް ދެއްވަވާނެ ކަމެއް ކަމެވެ.  

 

- ޢިބްރަތްތެރި ވާހަކަ-

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް