އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 48 ސިކުންތު
އަޅުގަނޑަކީ ސަރުކާރުގެ އޮފީހެއްގައި ވަޒީފާއަދާކުރަމުންދިއަ ޒުވާނަކީމެވެ. ކައިވެނިކުރަން ބޭނުންވިއިރު އަތުގައި ފައިސާ ނެތުމުން ބޭންކުން ލުއިލޯނެއް ނެގީމެވެ. ކައިވެންޏަށްފަހު ޚަރަދުތައް ބޮޑުވުމުން ލޯނު ދެއްކޭނެ ގޮތެއް ނުވިއެވެ. އެހެންވެ އިންޓަރެސްޓް އަރަމުންގޮސް ލޯނުގެ 3 ގުނަ އޮތީ ބޮޑުވެފައެވެ.
ބޭންކުން ކޯޓަށް މައްސަލަ ހުށަހެޅުމުން ދައްކަންދިނީ 30 ދުވަހުގެ މުއްދަތެކެވެ. ދެއްކޭނެ ގޮތަކަށް ފެންނަން އޮތީ އެންމެ ގޮތެކެވެ. އެއީ އަތުގައި ހުންނަ އޮފީހުގެ ފައިސާއިން ނެގުމެވެ. ނަމަވެސް އެއިރުން އެކުރެވެނީ ވައްކަމަކަށްވާނެތީ ނިންމީ ކޮންމެ ޙާލެއްގައި ޖެހުނަސް ވައްކަން ނުކުރުމަށެވެ.
އެއީ ލޯނުދައްކަން ކޯޓުން ދީފައި އޮތް އެންމެ ފަހު ދުވަހެވެ. ވަރަށް ފިކުރު ބޮޑުވެފައި ހުރެގެން އޮފީހަށް ގޮސް ސައިކަލް ޕާކުކޮށްފައި ހިނގައިގަތްތަނާ ފެނުނީ ބިންމައްޗަށް ވެއްޓިފައި އޮތް ސިޓީއުރައެކެވެ. ބަންދުނުކޮށް އޮތުމުން ހުޅުވައި އެތެރެ ބަލައިލިއިރު 500 ރުފިޔާގެ 4 ބޮނޑި އޮތެވެ. ފައިސާތައް ފެނުނު ތަނާ އިބިލީސް ވިސްނައިދިނެވެ. "ތިއައީ ކަލޭގެ ލޯނު އަދާކުރަން ލިބުނު ފައިސާއެވެ. އަވަހަށް ގޮސް ލޯނު އަދާކޮށް އެކަން ނިންމައިލާށެވެ. އަދި އިތުރުވާ ފައިސާއަކީ ކަލޭ ޚަރަދުކުރަންހުރި ފައިސާއެވެ."
ހަމަ އެވަޤުތު ހިތަށް އެރިއެވެ. "މިއީ ކޮންމެވެސް މީހެއްގެ އެއްޗެކެވެ. އެމީހާއަތުން މިއުރަ ވެއްޓުނުކަން އަދި ނުއެނގެނީއެވެ. އެނގުނީމާ ހޯދަން އަންނާނެއެވެ. މީހެއްގެ ފައިސާ ބޭނުންކުރީމާ ﷲ ދެއްވަވާނެ ޢަޛާބު ނުވެސް އެނގޭނެއެވެ. އަމާނާތަށް ތެދުވެރިވީމާ ﷲ ދެއްވަވާނެ ނިޢްމަތްވެސް ނުއެނގޭނެއެވެ."
ސިޓީ އުރައިން ތެރަސް ހުންނަ ފަރާތުގެ ކަރުދާސްކޮޅެއްގައި ލިޔުނީމެވެ. "މިސަރަޙައްދަށް ސިޓީއުރައެއް ގެއްލިފައިވާނަމަ އެމީހަކު -------- އަށް ގުޅައިލާށެވެ." ދެން އެކަރުދާސްކޮޅު އަޅުގަނޑުގެ މަޑީގައި ތަތްކޮށްލީމެވެ.
އުރަ ހިފައިގެން ގޮސް އޮފީހުގެ މޭޒު ވަތްގަނޑަށް ލައިގެން އިންނަތާ 2 ގަޑިއިރުފަހުން މީހަކު ގުޅާފައި އުރަ ކޮބައިތޯ ސުވާލުކުރުމުން ބަލައި އަންނަން ބުނީމެވެ. އޭނާ އައުމުން އުރަ ޙަވާލުކޮށްފައި ބެހެއްޓިވަރަށް ފައިސާ ހުރިތޯ ސުވާލުކުރުމުން ވީއުފަލުން ނުވެސް ގުނައި ބުނީ ހަމައަށް އެބަހުރިކަމަށެވެ. އަދި ހަވީރު އޭނާގެ އޮފީހަށްގޮސް އޭނާއާއި ބައްދަލުކުރުމަށެވެ.
އަޅުގަނޑު ދިއުމުން ވަރަށް ކަމޭހިތާފައި އަޅުގަނޑުގެ ވަނަވަރާއި ޙާލަތު އޮޅުންފިލުވާފައި ބުނީ އޭނާގެ އޮފީހަށް ބަދަލުވުމަށެވެ. ފެށޭ މުސާރައަކަށްވެސް މިހާރު ލިބޭ މުސާރައިގެ ދެގުނަ ދޭނެ ކަމަށެވެ. އަދި ހަދިޔާއަކަށް ލޯނުގެ ދަރަނިވެސް އަދާކޮށްދޭނެ ކަމަށެވެ. އަޅުގަނޑު ވަރަށް އުފަލުން އެކަން ޤަބޫލުކުރީމެވެ.
މިއީ އެއިގެ 6 އަހަރު ފަހެވެ. އަޅުގަނޑަށް ވަރަށް ރަނގަޅު، ބޮޑު މުސާރައެއް ލިބެއެވެ. ދިރިއުޅެނީ އޮފީހުން ދީފައި ހުރި ފްލެޓެއްގައެވެ. ކުލިދައްކާކަށް ނުޖެހެއެވެ. ކޮންމެ އަހަރަކު އަހަރީ ބޯނަސްވެސް ދެއެވެ. މަޤާމަކީ މެނޭޖަރެއްގެ ވަޒީފާއެވެ. އަނބިދަރިން ގޮވައިގެން ދިރިއުޅެނީ އުފަލުގައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑު މިކިޔައިދިނީ ތަފާތު ވާހަކައެކެވެ. ލޯބީގެ ވާހަކައެއް ނޫނެވެ. ތެދުވެރިވުމުގެ ހުރި ފައިދާގެ ވާހަކައެކެވެ. އަމިއްލަ ތަޖުރިބާއިންނެވެ. ވީމާ ކިޔުންތރިންނަށް ފައިދާއެއް ކުރާނެ ކަމަށް ހީކުރަމެވެ.
ބުނެލަން އޮތީ އެދުވަހު އިބިލީސް ބުނިގޮތަށް ކަންތައްކުރިނަމަ ބޮޑުވަރަށް ލިބޭނީ އެފައިސާކޮޅެވެ. އެގޮތަށް ކަންތައް ނުކުރުމުން އަޅުގަނޑަށް ،ިލިބުނު ފައިދާ ޙިސާބުކުރީމާ ކިތައްގުނަ އިތުރުވާނެތޯއެވެ؟ އަދިވެސް ހުއްޓުނީއެއް ނޫނެވެ. ދަނީވެސް ދާނީވެސް އިތުރުވަމުންނެވެ. އިން ޝާ ﷲ
- މުޙައްމަދު / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
21 ފެބްރުއަރީ 2025