އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 34 ސިކުންތު
އަޅުގަނޑުގެ ނަމަކީ ފަރީއެވެ. އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ ކައިވެނިކޮށްގެން އުޅެނީ ވަރަށް ތަނަވަސް މީހަކާއިއެވެ. ދެމީހުންނަށް ދަރިއަކުވެސް ވަނީ ލިބިފައެވެ. އަނބިމީހާ އަކީ މިޒަމާނަށް ބަލައިފިނަމަ ޖަވާހިރެއް ފަދަ އަންހެނަކު ނަމަވެސް ފިރިމީހާ އެކަމުގެ އަގު ވޒަނެއް ނުކުރެއެވެ. އަބަދުވެސް އުޅެނީ އިތުރަށް 2، 3 އަންހެންކުދިންނާއި ހިތާވެގެންނެވެ.
މިގޮތަށް އުޅުމުގެ ތެރޭގައި އެންމެފަހުން އަޅުގަނޑު ދެކެވެސް ލޯބިވެއްޖެއެވެ. ފާޑުފާޑުގެ ދަޢުވަތުތައް ދޭން ފަށައިފިއެވެ. ހަދިޔާތައްވެސް ދޭން ފަށައިފިއެވެ. އަޅުގަނޑު ބުނީމެވެ. "އެކުވެރިޔާގެ ފިރިމިހާއެވެ! އަހަރެމްނަކީ ލޯބީގައި ފިލްމުކުޅެން ދަންނަ އަންހެނަކީމެއް ނޫނެވެ. ބޭނުންނަމަ ހެކިވެރިން ފޮބުވާށެވެ.!"
ވީގޮތެއްވެސް ނުއެނގުނެވެ. އެކުވެރިޔާ ވަރިކޮށް ގެއިން ފޮނުވާލައިފިއެވެ. ރަންކިޔުއްވަން ފޮނުވައިފިއެވެ. ރަންކިޔާފައި ގޮސް އެކުވެރިޔާ އާއި ބައްދަލުކޮށް ބުނީމެވެ. "މިކުރަން އުޅޭ ކަންތަކުން ހުންނާނީ އިންތިހާއަށް ރުޅިގަދަވެފައިކަން އެނގެއެވެ. އެކަމަކު އަޑުއަހާށެވެ. އަހުރެން މިކުރާ ހުރިހާ ކަންކަން މިކުރަނީ އެކުވެރިޔާއަށްޓަކައިކަން އެނގި އުފާކުރާނެ ދުވަސް ލަހެއް ނުވެ ފެންނާނެއެވެ. އެކުވެރިޔާއަށް އެއްވެސް ޙާލެއްގައި އުޅޭކަށްވެސް ނުޖައްސުވާނަމެވެ. ހުރިހާ ކަންކަން ކޮށްދޭނަމެވެ. އިތުރު ކައިވެންޏަކަށްވެސް ނުވިސްނައި އަދި މަޑުކޮށްލައިދޭށެވެ."
ކޮންމެއަކަސް ކައިވެނި ކުރެވި ދުވަސްކޮޅެއް ފާއިތުވުމުން މުދަލަށް ދަހިވެތިވާކަމަށް ބުނަން ފަށައިފީމެވެ. 8 އަކަފޫޓުގެ ބިމެއްގައި 4 ބުރިއަށް އަޅާފައިހުރިގެއެއް އަތުލައިގެންފީމެވެ. ދެނަ ދުވަސްކޮޅެއް ކޮށްލާފައި ވިޔަފާރިއެއް ފެށުމުގެ ނަމުގައި ލާރިގަނޑެއްވެސް ދަމައިގެންފީމެވެ.
ހުރިހާ ކަންކަން ޙާޞިލުކުރެވުނީމާ ފިރިމީހާއަށް ނުއެނގޭނެ އަޅުގަނޑުގެ ދެބެއިންގެ ދެދަރި ބޭބެއަކު ގެއަށް ގެނެސް އޭނާދެކެ ލޯބިވެގެން އުޅޭކަން ދައްކަން ފަށައިފީމެވެ. އެހިސާބުން ފިރިމީހާއަކަށް ޙަޖަމެއް ނުކުރެވުނެވެ. ޒުވާބުކުރަމުން ގޮސް ބުންޏެވެ. "ކަލެއަށް ގެއާއި ވިޔަފާރިކުރާނެ ފައިސާދިނީމާ އަހުރެންނަށް ތިއަހެން ހަދަން ތިއަކެރުނީ ކަލޭގެ ހިތުގައި އެއްވެސް މީހަކަށް ރަޙުމާއި ހަމްދަރުދީ ނެތީމައެވެ."
ޖަވާބުގައި ބުނީމެވެ. "ބުނަންހެއްޔެވެ؟ ކަލޭގެ ކަލޭގެ އަނބިމީހާގެ ކިބައިން ޙާޞިލުކުރި ބިކުރުވެރިކަމުގެ އަގު ކުރާނީ ކިތައް މިލިއަނުން ހެއްޔެވެ؟ ތެދުވެރިކަމާއި ވަފާތެރިކަމުގައި އިނދެ ކަލެއަށް ދަރިއަކު ވިހައި ދިނުމުގެ އަގު ވަޒަންކުރާނީ ކިތައް ގޯތިން ހެއްޔެވެ؟
އެހެންވީމާ ވަފާތެރި އަނބިމީހާ އާއި ލިބުނު އެންމެ ދަރިފުޅަށް ލޯތްބެއް ރަޙުމެއް ކުލުނެއް ނެތް މީހަކު އަހަރެންފަދަ ނުކަމެތި އަންހެނަކު ދެކެ ލޯބިވެ ގޮވައިގެން އުޅޭނަކަމަށް ޤަބޫލުކުރާނީވެސް މޮޔައަކު ނޫން ހެއްޔެވެ؟ އަހުރެން ވަރިކޮށްފައި އެއްލައިލާލެއް މާއަވަސްވާނެ ނޫންހެއްޔެވެ؟
އެހެން ބުނެފައި އެކުވެރިޔާއަށް ގުޅައި ފިރިމީހާ އަޅުގަނޑަށް ދިން ގެއަށް ދަރިފުޅާއިއެކު އަންނަން ބުނީމެވެ. ފިރިމީހާ ގާތު ބުނީމެވެ. "ކަލޭވެސް އަންނާށެވެ! ދިރިއުޅުމަކީ ކޮބައިކަން ދަސްކޮށްދޭނަމެވެ. ކަލޭ ކަހަލަ އަނިޔާވެރިންނަށް މިދެނީ ވަރުގަދަ ފިލާވަޅެކެވެ."
އަޅުގަނޑު ދިއައީ ސައިކަލުގައެވެ. ފިރިމީހާ ދިއައީ ކާރުގައެވެ. ދެވުނު ތަނާހެން އެކުވެރިޔާ ޓެކްސީއެއްގައި އަތުވެއްޖެއެވެ.
ސިޓިންރޫމްގައި ހުރި އަލަމާރީގެ ދޮހުޅުވާލާފައި ދައްކާލާފައި ބުނީމެވެ. "އެކުވެރިޔާގެ ފިރިމީހާ އަހަރެންނަށް ދިން ހުރިހާ ހަދިޔާއެއް އެހެރީއެވެ. އެއްވެސް އެއްޗަކު ބޭނުމެއް ނުކުރަމެވެ. ވިޔަފާރިއެއް ފެށުމުގެ ނަމުގައި ފިރިމިހާގެ އަތުން ދަމައިގަތް ހުރިހާ ފައިސާ މިއެކައުންޓުގައި ހުންނާނެއެވެ. ކޭޝްކާޑު މިއޮތީއެވެ. ދެން ހުރީ މިގެއެވެ. މިގޭގައި ދިރިއުޅެން ފަށާށެވެ. މިގެވެސް ހަމަ އެކުވެރިޔާޢަށެވެ."
އަދި ބުނީމެވެ. "ނަމަނަމަ މިހިރަ އަނިޔާ ވެރިޔާ ދައްކާ ވާހަކަ ޤަބޫލުކޮށް މަޅީގައި ނުޖެހޭތިއެވެ! މުއުމިނެއްގެ ގައަށް އެއްހޮރަކުން ދެފަހަރަށް ކަށިޖެހިއަދީގެން ނުވާނެއެވެ. ކައިވެނީގެ ގޮތުން އަލުން ގުޅެންޖެހޭނީވެސް ހަމައާއި އިންޞާފު ހުންނަ، ހިތުގައި ރަޙުމާއި ކުލުނު ހުންނަ މީހުންނާއިއެވެ. ވަރިކޮށް މިހައި ދުވަސްވީއިރު ދަރިފުޅު އުރައިވެސް ނުލީމާ ދެން ބުނާނެ އެއްޗެއް ނެތެއް ނޫންހެއްޔެވެ؟"
އެކުވެރިޔާ އައިސް އަޅުގަނޑުގެ ގައިގައި ބައްދައި އޮޅުލައި އުފަލުން ރޯން ފެށިއެވެ. ފިރިމީހާ ހުރީ ގިއަރުތާށިވެފައެވެ. އަނގައިން ބުނާކަށް ނުއެނގުނެވެ. އެންމެ ކުޑްމިނުން ހީނލަންވެސް ނުއެނގުނެވެ.
އއެންމެފަހުން އަޅުގަނޑު ބުނީމެވެ. "އަވަހަށް ވަރިކޮށްލައިދޭށެވެ! އެކަމަކު ބުނަން ހެއްޔެވެ؟ ގޭގައި އަހަރެން ބައްދަލުކުރަމުން ދިއައީ ދެބެއިންގެ ދެދަރި ބޭބެއަކާއިއެކު އަހަރެމެންގެ މެދުގައި ލޭގެ ގުޅުން ނޫން އެއްވެސް ގުޅުމެއް ނުއޮންނާނެއެވެ. އޭނާއަކީ 2 ދަރިންގެ ބައްޕަވެސްމެއެވެ. ކަލޭކަހަލަ ދަރިން ލިބުނީމާ އަނބިމީހާ އާ ދަރިފުޅު އެއްލައިލާ ޒާތުގެ ފިރިހެނެއްވެސް ނޫނެވެ."
"ކަލޭމެން ނުބައި ނުލަފާ ފިރިންނަށް ނުބައިކަން ތިއަ ދެއްކެނީ އަހަރެމެން އަންހެނުން ހިމޭނުން ތިބޭތީއެވެ. އަހަރެމެންގެ އެކުވެރިންނަށް ލަނޑުދީފައި ފިލްމުކުޅެން އުޅާކަށް ހަމަލާހިކެއް ނޫނެވެ! މިއަންގައިލީ އެކަމެވެ."
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން އޮތީ މީދައު ހިފޭނީ ހިފަން ޖަހާކޮށީގައި ތާށިވީމާ ސަލާމަތްވެގެން ނުކުމެގެން ނުދެވޭނެ ވަރަށް ކޮށި ވަރުގަދަކޮށްގެން ނޫންހެއްޔެވެ؟ މިއުޅޭ މީދައުތައް ހިފައި ހުސްކުރަންވީއެވެ. މީދައުތައް ވީއްލި ތިބިހައި ދުވަހަކު ރުކަކުން އެންމެ ކާށްޓެއްވެސް ނުލިބޭނެއެވެ. މި ވަރުން ޢިބްރަތް ޙާޞިލުކުރެވޭނެ ކަމަށް ހީކުރަމެވެ.
- ފަރީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
26 ފެބްރުއަރީ 2025