އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 28 ސިކުންތު
ބޮޑަށް ހެޔޮކޮށް ހިތަން އޮތީ މަންމައަށެވެ. ނަމަވެސް އެއީ ބައްޕައަށް އަޅައިނުލަން ދެއްކޭނެ ޙުއްޖަތެއް ނޫނެވެ. އަދި އެކަކު ރަނގަޅުކޮށްފައި އަނެކަކު ނުބައި ކޮށްފައި ވާހަކަދައްކަން ލިބޭ ޙުއްޖަތެއްވެސް ނޫނެވެ. ނަމަވެސް ކަމެއް ހިނގައި ދިއުމުން ބުނަން ޖެހޭނީ އެކަމެއް ހިނގައި ދިއަ ގޮތަށެވެ.
އަޅުގަނޑު ވަރަށް ކުޑައިރު މަންމަ ނިޔާވެއްޖެއެވެ. މަންމަގެ ހަނދާންތަކުގެ ތެރެއިން ނުފިލައި ހުންނަ އެއް ހަނދާނަކީ މަންމަ މަރުވި ވަޤުތެވެ. މަންމަ އޮތީ ވަރަށް ބަލި ޙާލުގައެވެ. އެއިރު ބައްޕަ ކޮޓަރީގައި އުޅެއެވެ. މަންމަ ބޭސްގުޅައެއް ދިއްކޮށްލަން ބުނުމުން އެއަޑު އިވުނު ކަމަށް ނުހަދައި ކޮންމެވެސް ކަމެއްގައި ބައްޕަ އުޅެން ފެށުމުން ބޭސްކާޑާ ދިމާއަށް މަންމަ އަތްދިއްކުރިއެވެ. ނަމަވެސް މަންމަގެ އަތެއް ނުފޯރިއެވެ. މަންމަ އެއުޅެނީ ބޭސްކާޑަށް އަތް ނުފޯރައިގެންކަން އެނގުމުން އަޅުގަނޑު ބޭސްކާޑު ނަގަން ދިއައިމެވެ. ނަމަވެސް ވަޤުތު ފާއިތުވީއެވެ. އެންމެ ފަހު ނޭވާލީ ބޭސްކާޑާއި ދިމާއަށް ފުރޮޅެން މަސައްކަތްކުރަނިކޮށެވެ.
މަންމަ ނިޔާވީ އެ ބޭސްގުޅަ ނުލިބިގެންކަމަށް ބުނާކަށްވެސް ނެތީމެވެ. އެކަންވީ ގޮތެއް ދެނެވޮޑިގެންވާނީ ﷲ އެވެ. އެކަމަކު މިއީ ފެނުނު މަންޒަރެކެވެ.
ބައްޕަ އަޅުގަނޑަށް ވަރަށް ހެޔޮކޮށް ކަންތައް ކުރިއެވެ. ދޮންމަންމަ އަޅުގަނޑަށް ކަމެއް ކޮށްފާނެތީ ވަރަށް ބޮޑަށް ފާރަވެރިވިއެވެ. އަޅުގަނޑަށް ވަރަށް ހެޔޮކޮށް ހިތިއެވެ. ކިޔަވައިދިނެވެ. ހުރިހާ ކަމެއްވެސް ކޮށްދިނެވެ.
ބައްޕަ ނިޔާވީ އަޅުގަނޑު ބޮޑުވެ ވަޒީފާއަދާކުރަން ފެށިފަހުންނެވެ. ނިޔާވީ ވަރަށް ބަލި ޙާލުގައި އުޅެފައެވެ. ނިޔާވާން މެދުވެރިވި ސަބަބެއްކަމަށް ޑޮކްޓަރުން އަޅުގަނޑުގެ ގާތުގައި ބުނީ ބައްޕައަށް ބޭސްކާންދޭން ފަރުވާ ކުޑަކުރެވުމެވެ.
ބައްޕަގެ ހުރިހާ ކަންކަން ބެލެހެއްޓި ދޮންމަންމައެވެ. ބައްޕަ ބޭސްކައި ކަންތައްތައް ކުރަން ބޭނުންވީ ދޮންމަންމަގެ އަތުންނެވެ. އެކަމާއި އަޅުގަނޑު ބެހުނަސް ބައްޕަ ހިތް ހަމަނުޖެހޭތީ އަޅުގަނޑަށް ހުންނަން ޖެހުނީ ދުރުގައެވެ. އެހެންކަމާއިއެކުވެސް ބޭސްކާންދެންތޯ ދޮންމަންމަ އާއި ސުވާލުކުރަމެވެ. ބޭސް ޤަވާއިދުން ކަންތޯ ބައްޕަ އާއި ސުވާލުކުރަމެވެ. ނަމަވެސް ކަންކަން ނިމިގެން ދިއައީ މިބުނި ގޮތަށެވެ.
އަޅުގަނޑުގެ ހިތުގައި ދޮންމަންމަގެ މައްޗަކަށްވެސް ހިތްބުރަކަމެއް ނެތެވެ. ބައްޕަ އެވަނީ ނިޔާވެފައެވެ. އެކަމާއި ކިތަންމެ ގިނައިން ޝަކުވާ ކުރިޔަސް ރުޅިއަޔަސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ދެމަފިރިން އެކަކު އަނެކަކަށް އަޅައިލާށެވެ. ވަފާތެރިވާށެވެ. ބޭވަފާތެރިވުމަކީ ހަމައެކަނި ހިލޭ މީހަކާއި ގުޅުން ހިންގުމެއް ނޫނެވެ. ކޮށްދޭންޖެހޭ ކަންކަން ކޮށްނުދިނުމަކީވެސް ބޭވަފާތެރިވުމެވެ. ޚާއްޞަކޮށް ބަލިވީމާ އަޅައިނުލުމާއި ފޫހިވެ ފަރުވާކުޑަކުރުމަކީވެސް ހަމަ ބޭވަފާތެރިވުމެވެ.
ކޮންމެ ސިފައެއްގައި ނަމަވެސް ބޭވަފާތެރިވުމަކީ އަނިޔާވެރިވުމެވެ. ޚާއްޞަކޮށް ބަލިވުމުން ފަރުވާކުޑަކޮށްލައި އަޅައިނުލުމަކީ އަނެކެއްގެ ފުރާނައިގެ ޒިންމާވެސް އުފުލަން ޖެހިދާނެ ކަމެކެވެ. މިދުނިޔޭގައިވެސް އެކަންކަމުގެ ހިތިކަން ތަޖުރިބާކުރަން ޖެހުންގާތެވެ. އަދި ނުޖެހިވެސް ހިނގައިދާނެއެވެ. ޔަޤީންކުރަންވީ ކަމަކީ ޢަމަލުތަކުގެ ހިސާބު ބައްލަވާ ދުވަހު ޒިންމާ އުފުލަން ނުޖެހި ނުދާނެކަމެވެ.
- ފިރާޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
26 ފެބްރުއަރީ 2025