އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: އަނބިމީހާއަށް އަނިޔާކުރަމުން އައި ފިރިއެއްގެ އަތުގެ ބޭނުން ނުހިފޭގޮތްވުން- އަނިޔާވެރިން ޢިބްރަތް ލިބިގަންނަން ޖެހޭ ޙާދިސާއެއް!

ޢިބްރަތްތެރި ވާހަކަ: އަނބިމީހާއަށް އަނިޔާކުރަމުން އައި ފިރިއެއްގެ އަތުގެ ބޭނުން ނުހިފޭގޮތްވުން- އަނިޔާވެރިން ޢިބްރަތް ލިބިގަންނަން ޖެހޭ ޙާދިސާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 0 ސިކުންތު

ބޭރުފުށުން ފެންނަ ފެނުމުގައި އުފާވެރިކަމުގައި ދިރިއުޅޭ ކަމަށް ފެނުނު ނަމަވެސް ހިތާމައާއި ހިތްދަތިކަމުގައި ދިރިއުޅެން ޖެހިފައިވާ އަންހެނުން މަދެއް ނޫނެވެ. އެމީހުންގެ ހިތުގައި ރޯވެ އަނދަމުންދާ އަލިފާނުގެ ހުޅުގަނޑުން ހިތް ފިހެމުން ދިއަނަމަވެސް އެކަން ބަޔާންކުރަން ނުކެރި ސިއްރުކޮށްގެން ދިރިއުޅެމުންދާ އަންހެނުން ވަރަށް ގިނައެވެ. އަހަރެން މިކިޔައިދެނީ އެފަދަ ޙާލުގައި އުޅެން ޖެހުނު އެކުވެރިއެއްގެ ވާހަކައެވެ. 

އެނާއަކީ ވަރަށް މަޖާ މިޒާޖުގެ އެކުވެރިއެކެވެ. ނަމަވެސް ކައިވެންޏަށްފަހު މަޑުމަޑުން ބަދަލު އަންނަމުން އައިސް މަންމަނަކަށް ބަދަލުވިއެވެ. އޭނާގެ ގާތުގައި ތިބެގެން އަހަރެމެން ހީނމަޖާކުރިނަމަވެސް އެކަމުގައި ބައިވެރިނުވާތަނުގައި އެކަމުން އޭނާއަށް އުނދަގޫވާތަން އަހަރެމެންނަށް ފެންނަން ފެށިއެވެ. 

ސަބަބާއިމެދު ސުވާލުކުރުމުން ސާފުޖަވާބެއް ނުދެއެވެ. ޖަވާބެއް ދިން ނަމަވެސް ދައްކަނީ ދެކޮޅު ނުޖެހޭ ވާހަކަތަކެކެވެ. އެހެންވެ ކަމުގެ ޙަޤީޤަތް އޮޅުންފިލުވަން ވަރަށް އުނދަގޫވިއެވެ. ކިތަންމެ އުނދަގޫވިނަމަވެސް އަހަރެމެން 3 އެކުވެރިން ތިބީ އެކުވެރިޔާ ދޫކޮށްލާ ގޮތަކަށް ނޫނެވެ.  

އެއްދުވަހަކު އަހަރެމެންނަށް އެގެއަށް ދެވުނުއިރު އެކުވެރިޔާ ހުރީ ސްކާފެއް އަޅައި ނިވާވެގެންނެވެ. މޫނުމަތި ހުރީ މަރުވެފައެވެ. އެހެންވެ އަހަރެމެން ވަރަށް ގިނަ ސުވާލުތައް ކުރުމަށްފަހު ސްކާފް ނަގައިގެން ބެލުމުން ފެނުނީ ލިބިފައި ހުރި އަނިޔާތަކުގެ އަސަރެވެ. ދެތިންތަން ހުރީ ދުޅަވެސް ވެފައެވެ.  

އެވަރުންވެސް އެއްވެސް ވާހަކައެއް ކިޔައިނުދީ އަހަރެމެންނާއި ކުރީ ސުވާލެކެވެ. "މިގެއިން ނުކުމެގެން އަހަރެންދާނީ ކޮން ތަނަކަށް ހެއްޔެވެ؟" ޖަވާބުގައި އަހަރެމެން ބުނީ އަހަރެމެންނާއިއެކުގައި ކަމަށެވެ.  

"އެކުވެރިޔާއެވެ! ތިއަފަދައިން އަނިޔާ ލިބެމުން އަންނަ އެތައް ބައިވަރު އަންހެނުން އެބަތިއްބެވެ. އެހެން ގޮތެއް ނެތްކަމަށް ޤަބޫލުކޮށްގެން ތިއްބައި ޖެހެނީ ދުނިޔެވެސް ދޫކުރާށެވެ! މުހިންމީ ފިރިމީހާގެ ތަނަވަސްކަމެއް ނޫނެވެ. މިރީތި ބޮޑު ގެއެއްވެސް ނޫނެވެ. މުހިންމީ މީހާގެ ފުރާނައެވެ. ކަންބޮޑުނުވާށެވެ! އެކަނިވެރިއެއްވެސް ނުވާނެއެވެ! އެހީތެރިވެދީ ލޯބިދޭނެ ކޮންމެވެސް މީހަކުވެސް ލިބޭނެއެވެ. އެކުވެރިޔާގެ ހުރިހާ ކަމަކަށް އަހަރެމެން 3 އެކުވެރިން ޖާމިނުވަމެވެ. އަހަރެމެންނާއިއެކު ހިނގާށެވެ!"  

އެވަޤުތު އޭނާގެ ފިރިމީހާ ގެއަށް އައިސް އަހަރެމެންނަށް އެއްޗެތި ގޮވަން ފެށިއެވެ. ދެމަފިރިންގެ ދެމެދަށްވަދެގަނެ ދިރިއުޅުން ހަލާކުކުރާކަމުގެ އިލްޒާމްވެސް އެޅުވިއެވެ. އެހިސާބަށް ދިއުމުން އެކުވެރިޔާގެ ސްކާފް ނަގާފައި ސުވާލުކުރީމެވެ. "މިހިރީވެސް އަހަރެމެން ކޮށްފައިހުރި ކަންކަން ހެއްޔެވެ؟ އަތުގައި ފައިސާ ހުރުމަކީ ނޫނީ ބޮޑުގެއެއް ލިބިފައި ހުރުމަކީ އަނބިންނަށް މިގޮތަށް އަނިޔާކުރުން ހުއްދަވާ ކަމެއް ހެއްޔެވެ؟"  

އެހިސާބުން އޭނާގެ އަނިޔާވެރިކަން އަހަރެމެންނަށް އެނގިއްޖެކަން ޔަޤީންވުމުން އަހަރެމެންނަށް އެންގީ ގެއިން ނުކުތުމަށެވެ. ނުނުކުތްނަމަ ފުލުހުން ގެނުވާނެކަމަށްވެސް ބުންޏެވެ. އަހަރެމެން ބުނީ އަވަހަށް ފުލުހުން ގެނެސް ދިނުމަށެވެ. އަމިއްލައަށް ނުގެންނަނަމަ އަހަރެމެން ގުޅައިގެންވެސް ފުލުހުން ގެނުވާނެ ކަމަށެވެ.  

އައި ރުޅީގައި އޭނާ ބުނީ "ތިއައިނީ ވަރިކޮށްފައެވެ. ރަނގަޅު އެކުވެރިންނާއިއެކުގައި އަވަހަށް ނުކުމެގެންދާށެވެ." ލިބުނު ފުރުޞަތުގެ ބޭނުން ހިފައި އެކުވެރިޔާ ގޮވައިގެން ނުކުމެގެން އައީއެވެ.  

އެކުވެރިޔާއަށް ބޭސްކުރުމުގެ އިތުރުން ނަފްސާނީ ގޮތުން ލިބިފައިވާ އަނިޔާތަކަށް ފަރުވާދީ ކުރީގެ އެކުވެރިޔާކަމަށް ހެދުނީ 2 އަހަރު ދުވަހު ކެނޑިނޭޅި އެތައް މަސައްކަތެއްކޮށްގެންނެވެ. ހުރިހާ ކަމެއްގެ ޝިފާއަކަށްވީ އޭނާއަށް ލިބުނު ދެވަނަ ބައިވެރިޔާއެވެ. އޭނާގެ ރަނގަޅު އަޚްލާޤެވެ. އަނބިމިހާއަށް ބެހެއްޓި އޯގާތެރިކަމެވެ.  

ކައިވެނިކުރިއިރުވެސް އަނބިމީހާއަކީ ހަމަ މަންމަނެކެވެ. އެހެންކަމާއިއެކުވެސް ކައިވެނިކޮށް އޭނާ ލޯބިދޭން ފެށުމުން، އަޅާލައި ފިރުމަން ފެށުމުން ކަންކަން ބަދަލުވެގެން އައީއެވެ. ވީމާ ޑޮކްޓަރަކީ ފިރިމީހާއެވެ. އަހަރެމެންނަކީ ނަރުހުންނެވެ.  

ފިރިމީހާއަކީ ތަނަވަސް މީހަކަށް ނުވާތީ އެދެމަފިރިން ދިރިއުޅެން ފެށީ ވަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް ކައިވެންޏަށް 7 އަހަރުވީއިރު އެދެމަފިރިންނަކީ މެދުމިނުގެ ތަނަވަސްކަމުގައި އުފަލުގައި ދިރިއުޅޭ ދެމަފިރިންނެވެ. 3 ދަރިންނާއިއެކު އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ ޢާއިލާއެކެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ޚާއްޞަކޮށް އަންހެނުންގެ ގާތުގައި ބުނެލަން ބޭނުންވަނީ އެކުވެރިއަކަށް މިފަދަ ގޮތަކަށް އަނިޔާލިބޭކަމަށް ޝައްކުކުރެވިއްޖެނަމަ އަޅާނުލައި ދޫކޮށްނުލާށެވެ! ޙަޤީޤަތް ހޯދައި އެހީތެރިވެދޭށެވެ. އެކުވެރިންގެ ކިބައިން އެންމެ ބޮޑު އެހީތެރިކަމަކަށް ބޭނުންވާނީ އެފަދަ ޙާލަތުގައެވެ.  

މިފަދަ އަނިޔާވެރި ފިރިހެނުންގެ ގާތުގައި ބުނެލަން އޮތީ އަނިޔާކުރާ އަތުގެ ބޭނުން ނުހިފޭނެ ގޮތް ހެއްދެވުމަށް ﷲ ކުޅަދުންވަންތައެވެ. އެކުވެރިޔާއަށް އަނިޔާކުރި ފިރިމީހާ އެކްސިޑެންޓެއްވެފައި ލިބުނު ގެއްލުންތަކުގެ ސަބަބުން ކަނައަތުން ބޭނުމެއް ނުކުރެވެއެވެ. އަތުގައި ފައިސާހުރީތީ ވަރަށް ގިނަ ފަރުވާކޮށްފިއެވެ. އަދިވެސް އެއުޅެނީ އެއަތުން އެއްޗެއް ނަގައި އަނގައަށްވެސް ނުލެވިގެންނެވެ.

 

- އިޙްސާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް