އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 47 ސިކުންތު
ކަންކަން ދިމާވިގޮތުން އަޅުގަނޑަކީ މާމޮޅަށް ކިޔެވުނު އަންހެނަކީމެއް ނޫނެވެ. ނުކިޔެވުނީ މަންމަމެން ކިޔަވައި ނުދިނީމައެއްވެސް ނޫނެވެ. ކުކުޅަށވުރެ ބިސްދޮށިވާން ލޯބިވެރިއަކު ހޯދައިގެން "ތެޅިއަރުވަން" ފެށުނީމައެވެ.
އެކަމަކު މަސައްކަތެއް ދަސްކުރީމެވެ. އެއީ އަންހެންކުދިންގެ ބޯކޮށުމާއި އިސްތަށްޓަށް ފަރުވާ ދިނުމާއި ބޯމަސާޖުކުރުމެވެ. އެކަންކަން ދަސްކުރީ ބޭބެއަށް ދަރިއަކު ލިބުމުން ފަހަރިއަށް އެހީތެރިވާން މެލޭސިޔާގައި މަޑުކޮށްލައިގެން ހުރި ދުވަސްކޮޅުގައެވެ.
ކޮންމެއަކަސް ލޯބިވެރިޔާ އާއި ކައިވެނިކުރެވުނެވެ. 2 ދަރިންވެސް ލިބުނެވެ. އެހިސާބުން ކައިވެނީގެ މުއްދަތު ހަމަވެއްޖެއެވެ. މިބުނީ އަޅުގަނޑު ދެކެ ލޯބިވުމުގެ މުއްދަތު ހަމަވިވާހަކައެވެ. ހަމަ އެއާއިއެކު ކައިވެނީގައި ލިބިފައިވާ ދެ ދަރިން ދެކެ ލޯބިވުމުގެ މުއްދަތުވެސް ހަމަކޮށް ނިންމައިފިއެވެ.
މުއްދަތު ހަމަވީމާ ގޮޑަށް އެއްލައިލާ އުޞޫލުން ވަރިކޮށްލައި ގެއިން ބޭރުކޮށްލައިފިއެވެ. ލޯބިވުމުގެ މުއްދަތު ހަމަވުން ކަމަށް މިބުނަނީ އަޅުގަނޑު ވަރިކޮށް އެއްލައިލީ އަޅުގަނޑުގެ ކޮން ކުށަކާ ލައިގެންކަން ބުނެނުދެވުނީތީއެވެ. ސަބަބެއް ކަމަށް ބުނީ މިހާރު އަޅުގަނޑު ކަމުނުދާވާހަކައާއި ފޫހިވާކަމެވެ.
ނަޞީބަކުން ދެ ދަރިން ގޮވައިގެން ގެއަށް ދިއައިމަވެސް މަންމަމެން އަޅުގަނޑަށް މަރުޙަބާ ކިޔެވެ. އެންމެ ބޮޑު މައްސަލައަކަށްވީ ކިޔެވިފައި ނެތުމުން ރަނގަޅު ވަޒީފާއެއް ނުލިބޭނެތީއެވެ. އެކަމާއި ވަރަށް ދެރަވެފައި ހުއްޓައި އެކުވެރިއަކު ލަފާދިނީ އަޅުގަނޑަށް ކުރަން އެނގޭ މަސައްކަތްކުރަން ފެށުމަށެވެ.
އޭނާގެ ގޭގައި ކުރިން ކުޑަފިހާރައެއް ހިންގި ތަންކޮޅެއް ހުރެއެވެ. އެތަންކޮޅު ސެލޫނަކަށް ބަދަލުކުރީއެވެ. މަސައްކަތު ގަޑީގައި އެކުވެރިޔާ އަޅުގަނޑުގެ ދެ ދަރިންގެ ކަންކަން ކޮށްދެއެވެ. ގެންގުޅެނީވެސް އެގޭގައެވެ. އެހެންވެ ލިބޭ އާމްދަނީން ކުލި ދައްކާފައި ބާކީވާ އެއްޗެއް ދެމީހުން ހަމަހަމަކޮށް ބަހައިލަނީއެވެ.
އެގޮތަށް މަސައްކަތކުރަން ފެށިތަނާ ބޭބެ ހޯދައިދިން ފުރުޞަތެއްގައި މިހާރު މިތިބީ މެލޭސިޔާގައެވެ. ކުރަނީ ހަމަ އެއް މަސައްކަތެކެވެ. މަސައްކަތްކުރަނީވެސް އެކުވެރިޔާ އާއި ދެމީހުން އެކުގައެވެ. މަސައްކަތް މިކުރަނީ މިއަހަރު ނިމުމުގެ ކުރިން އަމިއްލަ ސެލޫނެއް ހުޅުވުމަށެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ އެންމެންނަކީ އެއްފެންވަރަކަށް ކިޔެވޭނެ ބައެއް ނޫނެވެ. ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ނުކިޔެވިއްޖެނަމަ ކުރާނެ ކޮންމެވެސް މަސައްކަތެއް ދަސްކުރާށެވެ. އެކަމުން ފައިދާކުރާނެ ދުވަހެއް އަންނާނެއެވެ. މިހެން މިބުނަނީ އެކަން އަމިއްލައަށް ތަޖުރިބާކޮށްގެން ހުރެއެވެ.
- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
2 މާޗް 2025