އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 30 ސިކުންތު
އަޅުގަނޑުމެން ވެސް ކައިވެނިކުރީ 2 އަހަރެއްހައި ދުވަހު ލޯބިވެގެން އުޅުމަށްފަހުއެވެ. އެކަކު އަނެކަކަށް ދަސްވެއްޖެ ކަމަށް ބަލައިގެންނެވެ. ޢުމުރަށް އެކުގައި ދިރިއުޅެވޭނެ ކަމުގެ އުންމީދާ އަދި އެކުގައި ސުވަރުގެދާން މަސައްކަތްކުރާނެ ކަމުގެ ވަޢުދުތަކާއިއެކުގައެވެ.
ކައިވެންޏަށްފަހު ދިރިއުޅުނީ ފިރިމީހާގެ ފްލެޓުގައެވެ. އަޅުގަނޑަކީ ފަސޭހައިން ދަރިން ލިބޭ ޒާތުގެ އަންހެނަކަށްވުމުން 5 އަހަރުވީއިރު 3 ދަރިންވަނީ ލިބިފައެވެ. ޚަރަދުކުރަނީ ދެމީހުންގެ މުސާރައިންނެވެ. ވީމާ ފިރިމީހާއަށް އެހައި ބޮޑަކަށް ބުރައެއްވެސް ނުވާނެއެވެ.
ކޮންމެއަކަސް 3 ވަނަ ދަރިފުޅުލިބި އަހަރުވީތަނުން 4 ވަނަ ދަރިފުޅަށް ބަލިވެއިނދެއްޖެއެވެ. އެކަން އެނގުނު ދުވަހުން ފެށިގެން ފިރިމީހާ އަޅުގަނޑާއި ދުރުހެލިވާން ފަށައިފިއެވެ. މަޑުމަޑުން ދުރުހެލިވަމުން ގޮސް ބަނޑަށް 6 މަހުގައި ވަރިކޮށްލައި 3 ދަރިންނާއިއެކު ގެއިންވެސް ނެރެލައިފިއެވެ.
ކައިވެނިކުރިއިރުވެސް މައިންބަފައިން ބުނަމުން އައީ އެއީ ރަނގަޅު ފިރިއަކަށް ނުވެދާނެ ކަމަށެވެ. ނަމަވެސް އެމީހުންގެ ބަސް ޤަބޫލުނުކޮށް ކައިވެނިކުރެވުނީއެވެ. އޭނާ ދެއްކި ކުލަކުލައިގެ ހުވަފެންތަކަށް ޣަރަޤުވެވުނީއެވެ. ވަރިކޮށް ގެއިން ނެރެލުމުން ކުޑަކުޑަ 3 ދަރިންނާއި އަދި ބަނޑުގައި އޮތް ދަރިފުޅާއިއެކު މައިންބަފައިންގެ ގާތަށް ދާން ވަރަށް ލަދުގަތެވެ.
އެހެންވެ ކަންކަން ކުރާނެ ގޮތަކަށް ވިސްނާލަން މަޑުކޮށްލިތަނުން ކަމެއް ހަނދާނަށް އައެވެ. އެއީ ބޮސްގެ އަނބިމީހާ ބުނެފައި އޮތް ވާހަކައެކެވެ. "ކަމަކަށް ދަތިވެއްޖެނަމަ ބުނުމަށެވެ. ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް" ބުނިބުނުމެވެ. މެޑަމް އެހެން ބުނީ ބޮސްގެ އިހްމާލުން ވިޔަފާރިއަށް ލިބެން އުޅުނު ވަރަށް ބޮޑު ގެއްލުމެއް، ބޮސްގެ ސަމާލުކަމަށް ގެނެސްދީގެން އެކަމުން ބޮސް ސަލާމަތްކުރި ދުވަހުއެވެ.
އެއީ އަޅުގަނޑު ކައިވެނިކުރުމުގެ ކުރިއެވެ. އެކަމާއި ގުޅިގެން ބޮސް އަޅުގަނޑުގެ ފަހަތުން އަޅައިގަތެވެ. ނަމަވެސް ބޮސްދެކެ ވަރަށް ލޯބިވާ އަންތބަކު ހުރިކަމާއި އޭނާގެ ހިތުގައި ޖައްސުވަން ހެޔޮނުވާނެކަން ބޮސްއަށް ވިސްނައިދިނީމެވެ. މެޑަމަށް އޮތީ އެކަން އެނގިފައެވެ. އަޅުގަނޑަށް ކަމެއް ޖެހިއްޖެނަމަ އެހީތެރިވެދޭނެ ކަމަށް ބުނީ އެކަމަށް ބަލައިގެންކަން އަޅުގަނޑަށް އެނގެއެވެ.
އެހަނދާންތައްވުމުން މެޑަމަށް ގުޅައި އަޅުގަނޑު މަގުމަތިވެއްޖެކަމާއި އެހީތެރިކަމަށް އެދޭކަމަށް ބުނީމެވެ. އަނބުރައި މައިންބަފައިންގެ ގާތަށް ދާންނުޖެހި ސަލާމަތްވެވޭނެ މަގެއް ވަގުތީ ގޮތުން ނަމަވެސް ދައްކައިދެވިދާނެތޯ ސުވާލުކުރީމެވެ.
މެޑަމް ވަޤުތުން އެހީތެރިވެދިނެވެ. މެޑަމްގެ ފްލެޓެއްގައި އިނދެވިދާނެކަމަށްބުނެ އެކަން ހަމަޖައްސައިދިނެވެ. ފްލެޓް ދިނުމުގެ އިތުރުން ކުދިން ބަލައިދޭނެ މީހަކުވެސް ހަމަޖައްސައިދިނެވެ. އަޅުގަނޑު ވިހައި ގަދަވެ ދެވަނަ ކައިވެނިކުރީވެސް އެފްލެޓުގައި އިނދެއެވެ. ކައިވެނިކޮށްގެން ފިރިމީހާގެ ގެއަށް ބަދަލުވާން އުޅުމުން އެކަމަށްވެސް ދެކޮޅު ހެދިއެވެ. ބުނީ އެކުގައި އުޅެވޭނެކަން ޔަޤިންކުރެވެންދެން އިހަށް ފްލެޓުގައި އިނުމަށެވެ. އެއިގެ ފަހުން މިހާރު 6 އަހަރުވީއެވެ. އަދިވެސް މިއިނީ ހަމަ މެޑަމްގެ ފްލެޓުގައެވެ. ވަޒީފާ އަދާކުރަނީ ހަމަ ބޮސްގެ ކުންފުނީގައެވެ. ރަނގަޅު މުސާރައެއްވެސްދެއެވެ. ފިރިމީހާ ކުލިދައްކަން އުޅުމުން ކުލީގައިވެސް ނުހިފައެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ތަނަވަސް ދިރިއުޅުމެއް ލިބުމުގެ އުންމީދުގައިވެސް ދެމަފިރިއެއްގެ ދޭތެރެއަށް ނުވަންނާށެވެ. ކޮންމެ އަންހެނަކީ އަޅުގަނޑުގެ މެޑަމް ފަދަ ދީލަތި މީހަކަށް ނުވެދާނެއެވެ. ނަމަވެސް ދެމަފިރިއެއްގެ ދޭތެރެއަށް ނުވަނުމުން ﷲ ގެ ދީލަތިވަންތަކަން ލިބި އެކަމުން ކުރާ ފައިދާ މާބޮޑުވާނެއެވެ.
- އާޤިސާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
2 މާޗް 2025