އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 57 ސިކުންތު
އެއީ ދެ ލޯބިވެރިންނެވެ. އަންހެން ކުއްޖާ އޭނާގެ ޙަޤީޤަތް ފިރިހެންކުއްޖާއަށް ކިޔައިދީފައެއް ނުވެއެވެ. އަންހެންކުއްޖާގެ ޢާއިލާ އާއި ތަނަވަސްކަންހުރިވަރުވެސް ކިޔައިދީފައެއް ނުވެއެވެ. ދެމީހުން ލޯބިވެ ކައިވެނިކުރަން ތައްޔާރުވަމުން ދިއައީ އެކަކު އަނެކަކުދެކެ ވާލޯބީގެ ސަބަބުންނެވެ.
ކައިވެނީގެ ކަންކަން ނިންމަން އެންމެ ފަހުގެ ތައްޔާރީތައްވަމުން އައިއިރު އަންހެން ކުއްޖާ ވާންއުޅޭ ފިރިމީހާގެ ގެއަށް ދިއަ ދުވަހެކެވެ. އޭނާ ހުރީ ލޯބިވެރިޔާގެ އިންތިޒާރުގައެވެ. އޭނާ ފެނުނީ އަންހެން ކުއްޖާ އަގުބޮޑު ކާރަކުން ފޭބިތަނެވެ. އަދި ހަމައެކާރުން އައި މުސްކުޅި ޢުމުރުގެ ފިރިހެނެއްގެ ގައިގައި ބައްދާލިތަނެވެ.
އަންހެން ކުއްޖާ އައިސް ގެއަށް ވަނުމުން މަރުޙަބާ ކިޔުމުގެ ބަދަލުގައި ފެށީ އެއްޗެތިގޮވާށެވެ. ދިފާޢުގައި ބަހެއް ބުނާނެ ފުރުޞަތުވެސް ނުދީ ހިތަށް އައިހާ އެއްޗެއް ގޮވައި ނިންމާލުމުން އަންހެންކުއްޖާ ބުންޏެވެ. "މިއަދު ކަންތައް ތިއަކުރެވުނީ ރަނގަޅަކަށް ނޫނެވެ. އަހުރެން ބައްދައިލީ ކާކުގެ ގައިގައިކަން އެނގޭނަމަ ތިއަ ބަސްތަކެއް ނުބުނާނެއެވެ. އެކަމަކުވެސް އަހުރެން ތިބާދެކެ ލޯބިވާތީ ކައިވެނި ނުކުރާކަށް އަދި ނުނިންމާނަމެވެ." އެހެން ބުނެފައި ފޯނު ނަގައި މެސެޖެއްކޮށްލިއެވެ.
ކުޑަ ވަޤުތުކޮޅެއްގެ ތެރޭގައި ފެނުނީ ހަމައެކާރު އައިސް ދޮރުމައްޗަށް މަޑުކުރިތަނެވެ. ކާރުން ފޭބީ ހަމަ އެމުސްކުޅިޔާއެވެ. ފައިބައިގެން ހިނގާފައި އައިސް ގެއަށް ވަނުމުން ޒުވާނާ ދިއައީ ސިއްސައިގެންނެވެ. ކުރިމަތީގައި އެހުރީ އޭނާގެ ސީއީއޯއެވެ.
"ކައިވެނީގެ ކަންކަން ފުރިހަމަ ނުކުރެވެނީސް އަނގައިންވެސް ނުބުނެ ހުންނަން ދަރިފުޅު އެދެމުން އަންނާތީ މިހުރީ އަނގައިން ނުބުނެ. އެކަމަކު މިދިމާވިގޮތުން މިޖެހުނީ ދަރިފުޅު ސިއްރުކުރަން ބޭނުންވި ކަންތައް ބޭޒާރުކުރަން. ތިއައީ އަހުރެންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު. ދަރިފުޅު އެކަން ސިއްރުކުރަން ބޭނުންވީ އޭނާގެ ހުރި ތަނަވަސްކަން ކައިވެނީގެ ކުރިން އަންގަން ބޭނުން ނުވާތީ. ކައިވެނީގެ ޙަފްލާއާއި ހަމައަށް ސއްރުކުރަން ދަރިފުޅު ބޭނުންވީ. މިވަރުން މައްސަލަ ޙއްލުވާނެ ކަމަށް އުންމީދުކުރަން." ކަމަށް ބުނެފައި ހިނިތުންވެގެން ހުރެގޮސް ޒުވާނާގެ ގައިގައި ބައްދާލުމަށްފަހު ނުކުމެގެން ދިއައީއެވެ.
ޒުވާނާ ވަރަށް ލަދުގަތެވެ. ދެރަވެސް ވިއެވެ. ދެރަވީވަރުން ރޮވެން ފެށުމުން އަންހެން ކުއްޖާ ގޮސް އޭނާގެ ގައިގައި ބައްދާލުމަށްފަހު ބުންޏެވެ. "މިއީވެސް އިމްތީޙާނެކެވެ. ލޯބިވެވޭވަރު ބޮޑުކަމުން މާފުކޮށްފީމެވެ. އެކަމަކު ކައިވެންޏަށްފަހު ތިއަ ފަދަ ކަމެއް ނަމަނަމަ ތަކުރާރުނުކުރާށެވެ!"
އަޅުގަނޑުގެ ކުރިމަތީގައި މިއީ ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ. ލޯބިވެރިނަ ކަމުގައިވީނަމަވެސް ދެމަފިރިން ކަމުގައިވީނަމަވެސް ކަމެއް ފެންނައިރަށް ނުވަތަ އެނގޭއިރަށް ޙަޤީޤަތް ނުބަލައި ފުންމައި ނުގަންނާށެވެ! ނޫންނަމަ މިފަދަ ގޮތްތައް މެދުވެރިވުން އޮންނާނީ ވަރަށް ގާތުގައެވެ.
- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
2 މާޗް 2025