އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައިވެރިޔާ ތަނަވަސް ނަމަވެސް މައިމީހާއަށްޓަކާ ވަކިވާންޖެހިއްޖެނަމަ ވަކިވީމާ މާއުފާވެރި ދިރިއުޅުމެއް ދެއްވަވާކަން އެނގިގެންދާ ޢިބްރަތްތެރި ވާހަކައެއް!

ބައިވެރިޔާ ތަނަވަސް ނަމަވެސް މައިމީހާއަށްޓަކާ ވަކިވާންޖެހިއްޖެނަމަ ވަކިވީމާ މާއުފާވެރި ދިރިއުޅުމެއް ދެއްވަވާކަން އެނގިގެންދާ ޢިބްރަތްތެރި ވާހަކައެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 51 ސިކުންތު

އަޅުގަނޑު ނިޞްބަތްވަނީ ރާއްޖެތެރެއަށެވެ. މައިންބަފައިންނަކީވެސް އެހައި ތަނަވަސް ބައެއްވެސް ނޫނެވެ. ނަމަވެސް ރަށުގެ ސްކޫލުން ކިޔެވެނީ ހަމައެކަނި އޯލެވެލް އާއިހަމައަށް ކަމަށްވާތީ ސްކޫލް ނިންމުމުން ކިޔަވަން މާލެ ފޮނުވައި ގެއެއްގައި ބަހައްޓައިގެން ކިޔަވައިދިނެވެ. އެކަމަށް ކުރަންޖެހޭ ޚަރަދުތައްވެސްކުރިއެވެ. 

ކިޔަވައިގެން ވަޒީފާއަދާކުރަން ފެށިތަނުން ބައްދަލުވި ތަނަވަސް އަންހެން ކުއްޖަކު އަޅުގަނޑުދެކެ ލޯބިވާކަމަށްބުނެ ކައިވެނިކުރަން އެދުމުން ކައިވެނިކުރީމެވެ. އޭނާގެ މައިންބަފައިންނަކީ ޢުމުރުން ދުވަސްވެފައި ތިބި ބަލިކަށި ބައެކެވެ. ދެމީހުން ނިޔާވަންދެން އަމިއްލަ މަންމައާއި ބައްޕަފަދައިން ވަރަށް ލޯބިން ކަންކަން ކޮށްދިނީމެވެ. 

ދުވަސްކޮޅެއްފަހުން އަޅުގަނޑުގެ ބައްޕަ ނިޔާވެ މަންމަ އެކަނިވުމުން މާލެ ގެނެސް ގޭގައި އަޅުގަނޑުމެންނާއިއެކު ގެންގުޅެންފެށީމެވެ. އަޅުގަނޑަށް ފެންނަ ތަނުގައި އަނބިމީހާ މަންމައާއިމެދު ކަންކަން ކުރަނީ ވަރަށް ލޯބިންނެވެ. އެހެންވެ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ. 

އަނބިމީހާގެ ޙަޤީޤަތް އަޅުގަނޑަށް އެނގުނީ އަހަރެއްހައި ދުވަސްފަހުން މަންމަ އެނބުރި ރަށަށްދާން އުޅުމުންނެވެ. އެކަނި އިންނަންވެސް ރަށުގައި މާހިތްހަމަޖެހޭނެ ކަމަށް ބުނުމުން މަންމައާއި ކުރި ސުވާލުތަކުންނެވެ. 

މަންމަ ކިޔައިދިން ގޮތުގައި ގޭގައި މަންމަ ގެންގުޅެނީ ނޯކަރެއް ފަދައިންނެވެ. ނޯކަރަކު ކުރަންޖެހޭނެ ހުރިހާ މަސައްކަތްތަކެއް ކުރުވައިގެންނެވެ. އަރާމުކޮށްލަން މަޑުކޮށްލައިފިނަމަ އެއްޗެތި ގޮވައެވެ. މަންމަގެ ވާހަކަތައް އަޑުއިވުމުން ވަރަށް ދެރަވިއެވެ. ޤަބޫލުކުރަންވެސް އުނދަގޫވިއެވެ. އެހެންވެ ފާރަލައިގެން އެއީ ތެދުކަން ކަށަވަރުކުރުމަށްފަހު އަނބިމިހާ ގާތުގައި އެވާހަކަ ދެއްކުމުން ބުނީ މަންމަ ދޮގު ހަދަނީ ކަމަށެވެ. އަމިއްލަ ލޮލަށް ފެނި އަޑުއިވިފައިވާ ވާހަކަތައް ކިޔައިދިނުމުންވެސް ބުނީ އެއީ ތެދުނޫން ކަމަށެވެ. 

އެއްގޮތަކަށްވެސް ޤަބޫލުނުކުރުމުން ފޯނުން ވީޑިއޯތައް ދެއްކީމާ ބުނީ އެމުސްކުޅި އަނހެންމީހާ އާއި އަނބިމީހާ އާއި ދެމީހުންކުރެ އެކަކު އިޚްތިޔާރުކުރުމަށެވެ. އަޅުގަނޑު ބުނީމެވެ. "ކަލޭގެ މަންމަ އާއި ބައްޕައަށް އަހުރެން ކުރި ޚިދުމަތުގެ އަގު ތިއަދިނީ ވަރަށް ރަނގަޅަށެވެ. އަހުރެންނަކީ ފަޤީރަކީމެވެ. މަންމަ އާއި ނުލައި ތަނަވަސްކަމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ އެހެންވީމާ އަހަރެން މަންމަ ގޮވައިގެން މިދަނީއެވެ. އުޅޭނެ ތަނެއް ނުލިބިގެން ރަށަށް ދާންޖެހުނަސް މައްސަލައެއް ނެތެވެ." 

އެހެން ބުނެފައި އަނބިމީހާގެ ތަނަވަސް ދިރިއުޅުމަށް އަލްވިދާޢު ކިޔާފައި މަންމަ ގޮވައިގެން ނުކުމެގެންދިއައީއެވެ. ރައްޓެއްސެއްގެ ހިޔާ ފްލެޓް ކުއްޔަށް ހިފައިގެން ބަދަލުވީ އެތަނަށެވެ. ބަދަލުވިތާ 3 ވަނަ މަހު އެއްރޭ އޮޅުމަކުން އަޅުގަނޑުގެ ފޯނަށް ގުޅުނު އަންހެނަކާއި ދެމީހުންގެ މެދުގައި ގުޅުން އުފެދި 5 ވަނަ މަހު ކައިވެނިކޮށްފީމެވެ. 

ދަންނަވަންތޯއެވެ! މަންމަގެ ހެޔޮ ދުޢާ އާއި އަޅުގަނޑު މަންމަދެކެވީ ލޯތްބާއި ވީޤުރްބާނީގެ ނަތީޖާ މިވަނީ ފެނިފައެވެ. މިހާރުގެ އަނބިމީހާއަކީ ކުރީގެ އަނބިމީހާއަށްވުރެ ތަނަވަސް އަންހެނެކެވެ. މަންމަ ދެކެވެސް ވަރަށް ލޯބިވެއެވެ. މަންމައަށް ޚިދުމަތްކުރާވަރު ބޮޑުކަމުން އަޅުގަނޑަށް އަބަދު ހުންނަން މިޖެހެނީ ލަދުންނެވެ. ދަރަނިވެރިވެފައެވެ. 

މިހާރުގެ އަނބިމިހާއަކީ ކުރިން 2 ކައިވެނިކޮށްފައިވާ އަންހެނެކެވެ. އެކަމުގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ ކުރީގެ އަނބިމީހާގެ ކިބައިން ދުވަހަކުވެސް ނުލިބޭވަރަށް ލޯތްބާއި އަޅައިލުން އަޅުގަނޑަސްވެސް ލިބެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ އަނބިމީހާ ކިތަންމެ ރީތިވެފައި ތަނަވަސް ނަމަވެސް އެކަންކަމުގެ ދަހިވެތިކަމުގައި މަންމަ ޤުރްބާން ނުކުރާށެވެ. ހުރިހާ ކަމަކަށްވުރެ މަންމަ މާމުހިންމެވެ. މަންމައަށްޓަކައި ދަރިންވާ ޤުރްބާނީގެ ބަދަލު ދެދުނިޔޭގައިވެސް މާފުރިހަމައަށް ދެއްވަވާނެއެވެ. އިން ޝާ ﷲ

 

- ނިޔާޒް / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް