އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ހޮސްޕިޓަލުގަ އެޑްމިޓްވާން ޑޮކްޓަރު ބުނުމުންވެސް މަންމައަށް ޚިދުމަތް ނުކުރެވިދާނެތީ ކަންބޮޑުވި އަންހެނަކަށް ތަނަވަސް އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ހޮސްޕިޓަލުގަ އެޑްމިޓްވާން ޑޮކްޓަރު ބުނުމުންވެސް މަންމައަށް ޚިދުމަތް ނުކުރެވިދާނެތީ ކަންބޮޑުވި އަންހެނަކަށް ތަނަވަސް އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 16 ސިކުންތު

އަޅުގަނޑު ނިޞްބަތްވަނީ ވަރަށް ފަޤީރު ޢާއިލާއަކަށެވެ. އަޅުގަނޑަކީ މަންމަ އާއި ބައްޕަގެ ހުރި ހަމައެކނި ދަރިފުޅެވެ. ވަޒީފާ އަދާކޮށްގެން ލިބޭ ފައިސާކޮޅުން މުސްކުޅި މަންމަ އާއި ބައްޕަގެ ކަންކަން ކިރިޔާ ބަލަހައްޓައިލެވެނީއެވެ. އަޅުގަނޑުގެ ބޭނުމަށް އެއްވެސް ކަމެއް ކޮށްލެވޭ ވަރެއް ނުވެއެވެ. އެހެންވެ އޮފީހަށްދާނެ އައު ހެދުމެއްވެސް އޮންނަނީ ނުހޯދިފައެވެ. ޖަހާނެ ސެންޓެއްވެސް ނުގަނެވެއެވެ. 

އެކަންކަމަށް އޮފީހުގެ ކުދިން ވަރަށް މަލާމާތްވެސް ކުރެއެވެ. އެކަމަކުވެސް އަޅައެއް ނުލަމެވެ. އެއީ އަޅުގަނޑަށް ލިބިގެންދާ ހެޔޮކަމެއް ކަމަށް ބަލައިގެން ހުރީއެވެ. އެފަދަ ވާހަކަތަކުގެ އަޑުވެސް އިވެއެވެ. ނަމަވެސް އިވުނު ކަމަކަށް ނުހަދަމެވެ. ދެކޮޅަށް ބަހެއް ނުބުނާ ތަނުގައި ރުޅިވެރިކަމެއްވެސް ނުދައްކަމެވެ.  

ލޯބިވާކަމަށާއި ކައިވެނިކުރަން ބޭނުންވާ ކަމަށް ބުނާ ކުދިންނަށްވެސް އަޅުގަނޑު ދިރިއުޅޭ ދަތިޙާލު އެނގުމުންނާއި މުސްކުޅި މައިންބަފައިން ދޫކޮށްލާފައި އުފާވެރިކަން ހޯދަން ނުދާނެ ކަމަށް ބުނުމުން ގުޅެން ބޭނުމެއް ނުވެއެވެ. އަޅުގަނޑާއި ކައިވެނިކޮށްގެން އަޅުގަނޑުގެ މައިންބަފައިން ބަލައިދޭން ބޭނުންނުވަނީއެވެ.  

އެހެނަސް ޢަޒުމަކަށް ބަދަލެއް ނައުދެއެވެ. އުންމީދުވެސް ކަނޑައެއް ނުލަމެވެ. އެކަމުގެ ވަޤުތު ޖެހުމުން ކޮންމެވެސް މަގަކުން ރަނގަޅު ގޮތްތަކެއް މާތް ﷲ މިންވަރުކުރައްވަވާނެ ކަމުގެ ޔަޤިންކަން އަބަދުވެސް އޮވެއެވެ. އެކަމުގެ ހިތްހަމަޖެހުންވެސް އޮވެއެވެ.  

އެއީ ހޮނިހިރު ދުވަހެކެވެ. އޮފީސް ނިމިގެން ގެއަށް އަންނަނިކޮށް ޒުވާނަކު ދެއްވަމުން އައި ސައިކަލެއް ކޮންޓްރޯލުނުވެ ކަހާލައިގެން އައިސް އަޅުގަނޑުގެ ގައިގައި ޖެހުމުން ވެއްޓުނެވެ. ފައަށް ވަރަށް އަނިޔާވެސް ވިއެވެ. އެވަޤުތު އެތަނުގައި ތިބި ޒުވާނުންތަކެއް އެޒުވާނާ ހިފަހައްޓައި ތަޅައި ގަންނަން އުޅުމުން އާދޭސްކޮށްފައި ބުނީމެވެ. "އޭނާއަށް އެއްވެސް ކަމެއް ނުކުރާށެވެ. މިއީ ޤަޞްދުގައި އޭނާދިން އަނިޔާއެއް ނޫނެވެ."  

ކޮންމެއަކަސް އެޒުވާނާ ކާރަކަށް ލައިގެން އަޅުގަނޑު ގެންގޮސް ޑޮކްޓަރަކަށް ދައްކައި އެކްސްރޭ ނެގުމުން ބުނީ ފައިތިލައިގެ ކަށިތަކުގައި ދެ ރެނދު އެޅިފައިވާކަމަށާއި ހަފްތާއެއްހައި ދުވަހު ހޮސްޕިޓަލުގައި އޮންނަން ޖެހޭނެ ކަމަށެވެ.  

ހަދާނެ ގޮތަކާއިބެހޭ ގޮތުން އެޒުވާނާ ސުވާލުކުރުމުން ބުނީމެވެ. "ހޮސްޕުޓަލަކު ނުއޮވެވޭނެއެވެ. ބަލަންޖެހޭ މުސްކުޅި ބައްޕައަކާއި މަންމައަކު އެބަތިއްބެވެ. އެހީވާނެ އެއްވެސް މީހަކު ނެތެވެ. އަދި އެދެމީހުންގެ ކަންކަން ބަލަހައްޓާނެ ފައިށާސާއެއްވެސް އަތަކު ނެތެވެ. ވީމާ ކައިރީގައި ނެތިއްޔާ މަންމަ ޢާއި ބައްޕަ ވަރަށް ނިކަމެތިވާނެއެވެ."  

އެޒުވާނާ ބުނީ އެކަމާއި ނުވިސްނުމަށެވެ. އަޅުގަނޑުގެ ކަންކަންވެސް އަދި މަންމަމެންގެ ކަންކަން ވެސް ބަލަހައްޓައިދޭނެ ކަމަށެވެ. އޭނާގެ ކިބައިން ލިބުނު އަނިޔާއަކަށްވާތީ ހުރިހާ ޒިންމާތަކެއް އުފުލާނެ ކަމަށެވެ.  

ހޮސްޕިޓަލުގައި އޮތްއިރު ރޭގަނޑު އޭނާ އައިސް ވަރަށް ގިނައިރު ގާތުގައި އިނދެ ވާހަކަދައްކައެވެ. އަޅުގަނޑު ކުރާ މަސައްކަތާއި ވަޒީފާއަދާކުރާ ތަނަކާއިބެހޭ ގޮތުންވެސް ސުވާލުކުރިއެވެ.  

ހޮސްޕުޓަލުން ދޫކޮށްލަމުން ބުނީ ރެނދު ބެދޭނީ މަހެއްހައި ދުވަހުން ކަމަށާއި އުޅެންޖެހޭނީ ޕްލާސްޓަރު އަޅައިގެން ދަނޑިގަނޑުވެސް ޖަހައިގެން ކަމަށެވެ. އެހެން ނޫންނަމަ ނުބެދޭނެ ކަމަށެވެ.  

ކޮންމެގޮތެއްވިއަސް އެކަންކަމަށް ރުހުން ނޫން ގޮތެއް ނެތުމުން އެއްބަސްވީމެވެ. ނަމަވެސް ބުނެވުނެވެ. "ވަޒީފާވެސް ގެއްލޭނީކަން ނުއެނގެއެވެ. އެހެންވެއްޖެނަމަ ހާދަދެރައެވެ." އެޒުވާނާ ބުނީ ކިތަންމެ ގިނަ ދުވަހަކު ގޭގައި އޮންނަން ޖެހުނަސް ވަޒީފާ ނުގެއްލޭނެ ކަމަށާއި ވަޒީފާއަދާކުރާތަނާއި ވާހަކަދައްކައިގެން އެކަންވެސް ހަމަޖައްސައިދޭނެ ކަމަށެވެ.  

ގެއަށް ދެވުނުއިރު ޒުވާނާ ހުރީ މަންމަމެންގެ ކަންކަން ބަލަހައްޓަން އަންހެނަކު ލައިފައެވެ. އަދި އެމީހުންނަށް ބޭނުންވާ ކަންކަންކުރެވޭނެ ގޮތްވެސް ވަނީ ހަމަޖައްސައިފައެވެ. އެހެންވެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.  

ގޭގައި އޮންނަތާ 3 ހަފްތާވީފަހުން އެއް ދުވަހަކު އެޒުވާނާ ގެއަށް އައިސްފައި ބުނީ ކުއްލިކަމެއްގައި ފުރަންޖެހިއްޖެ ކަމަށާއި ނަމަވެސް އެއްވެސް ކަމަކަށް ދަތިނުވާނެ ކަމަށެވެ. އޭނާގެ މަންމަ އާއި ބައްޕަ އަޅުގަނޑުމެންގެ ކަންކަނަ ބަލަހައްޓައިދޭނެ ކަމަށެވެ.  

އެއިގެ 2 ރޭ ފަހުން އަޅުގަނޑުގެ ބޮސްގެ ދެމަފިރިން ގެއަށް އައުމުން ދިއައީ ސިއްސައިގެންނެވެ. ޙާލްއަހްވާލުގެ ވާހަކަ އަހާލާފައި ޑޮކްޓަރު ދޫކޮށްނުލަނީސް އޮފީހަށް ނުނުކުންނަން ބުނެފައި ދިއައީއެވެ. ދަމުން ހަދިޔާއެއްވެސް ދިނެވެ.  

އެއިގެ 2 ރޭ ފަހުންވެސް ދެމީހުން އައެވެ. އެރޭ ބުންޏެވެ. "ނަޖިއްޔާއެވެ! ނަޖިއްޔާއަކީ މިހާރު އަހަރެމެންގެ ދަރިއެކެވެ. ނަޖިއްޔާ ގައިގައި ޖެހުނީ އަހަރެމެންގެ 2 ވަނަ ދަރިފުޅުގެ ސައިކަލުންނެވެ. އޭނާއަކީ އަމިއްލައަށް ވިޔަފާރިކުރާ ކުއްޖެކެވެ. ފުރައިގެން އެދިއައީ އޭނާގެ މަސައްކަތެއްގައެވެ. އޭނާ އެހުރީ ނަޖިއްޔާ ގަދަވުމުން ކައިވެނިކުރަން ނިންމައިގެންނެވެ.  ފުރީ ނަޖިއްޔާގާތުން ރުހުން ހޯދުމުގެ ކަންކަން އަހަރެމެން ދެމަފިންނާއި ޙަވާލުކޮށްފައެވެ. ނަޖިއްޔާއަށް މިހާރު ދަރިފުޅުގެ އަޚްލާޤް އެނގޭނެއެވެ. އަހަރެމެން ދެމަފިރިންގެ ކަންކަން ހުންނަ ގޮތްވެސް އެނގޭނެއެވެ. ވީމާ ދެކޮޅު ނުހަދައި ރުހޭނެ ކަމަށް ހީކުރަމެވެ." 

އުފަލުން އަޅުގަނޑަށް ރޮވުނެވެ. އެޙާލުގައި ހުރެވެސް ވަޤުތުން ޝުކުރުގެ ސަޖިދަ ކުރީމެވެ. އަޅުގަނޑުގެ މަންމަ އާއި ޒުވާނާގެ މަންމަ އިށީނދެތިބީ ޖެހިޖެހިގެންވީމަ ގާތަށްގޮސް ދެމީހުންމެދުގައި ތަޅުންގަނޑުގައި އިށީނދެ އިނދެ ދެމީހުންގެ ފައިގައި އެކުގައި ހިފީމެވެ. ދެމަންމައިންގެ ކަކުލުގައި ބޯޖައްސައިގެން އިނދެ ރުއީމެވެ.  

އޭނާ ދަތުރު ނިންމާފައި އައިސް ކައިވެނިކުރިއެވެ. އެކައިވެނީގައި މިހާރު 8 އަހަރުވީއެވެ. ކައިވެނިކުރި ފަހުން މަސައްކަތްކުރަނީ އޭނާއާއިއެކުގައެވެ. އެއީ އެކުގައި ގިނަ ވަޤުތު ހޭދަކުރަން ބޭނުންވެގެން އޭނާ ނިންމި ގޮތެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ކިތަންމެ ބޮޑު ޤުރްބާނީއެއްވެގެންވެސް މައިންބަފައިންނަށް ހެޔޮކޮށްހިތާށެވެ. މައިންގެ ހެޔޮދުޢާ ލިބޭނަމަ ނުލިބޭނެ ނިޢްމަތެއް ނުއޮންނާނެއެވެ.

 

- ޝިޔާމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް