އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 13 ސިކުންތު
އޭނާއަކީ ވަރަށް ތެދުވެރި، ހިތްހެޔޮ ޒުވާނެކެވެ. އޭނާގެ ފެންވަރުން އެހެން މީހުންނަށް އެހީތެރިވެދޭ ޒުވާނެކެވެ. މީހަކު ސަލާން ޖަހައިފިނަމަ އެމީހާގެ މޫނަށް ބެލުމެއްނެތި އެވަޤުތު އަތުގައި އޮތް މިންވަރަކުން އެހީތެރިވެދޭ ޒުވާނެކެވެ.
އެއްދުވަހަކު އޭނާއަށް ފެނުނީ މަގުމައްޗަށް ވެއްޓިފައި އޮތް އަންހެން ކުއްޖެކެވެ. ކައިރިއަށް ގޮސް އިށީނދެފައި ބަލައިލިއިރު އޭނާއަށް އުޅެނީ ނޭވާނުލެވިގެންނެވެ. އެކަން އުނގުމުން އެއަންހެން ކުއްޖާގެ ދަބަސް ހުޅުވައި ބަލައިލިއިރު އިމްރޖެންސީގައި ބޭނުންކުރާ އިންހޭލަރފުޅި އޮއްވައި ފެނުމުން ވެގެންއުޅޭގޮތް ވިސްނުނެވެ.
ފުޅިނަގައި ސްޕްރޭކޮށްލުމުން އެކުއްޖާއަށް ނޭވާލެވި ހަމައަކަށް އެޅުމުން އެކުއްޖާ ނަގައި އިތުރު އެހީއަކަށް ބޭނުންވޭތޯ ސުވާލުކުރުމުން ބުނީ މިވަޤުތު ޙާލުރަނގަޅުކަމަށެވެ. އެހެންބުނެފައި ފޯރުކޮށްދިން އެހީތެރިކަމަށް ފައިސާއިން ބަދަލުދޭން އުޅުމުން ޒުވާނާ ބުނީ އެންމެ ފައިސާފޮތްޗެއްވެސް ބޭނުން ނޫން ކަމަށާއި ﷲ ދެއްވަވާ ބަދަލު މާފުރިހަމަވާނެ ކަމަށެވެ. އެހެންބުނުމުން އަންހެންކުއްޖާ އޭނާގެ ފޯނު ނަންބަރަށް އެދުމުން ނަންބަރު ދިނެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ނަންބަރު ދިނެވެ.
ޒުވާނާ އޮފީހަށް ދިއައިރު ޙާލަތުވަނީ މުޅިން ބަދަލުވެފައެވެ. ޒުވާނާ އަންހެންކުއްޖާއަށް އެހީތެރިވެދިން މަންޒަރު ވީޑިއޯކޮށްގެން ގެންގޮސް އެހެން މުވައްޒިފަކު ވަނީ ވެރިންނަށް ހުށަހަޅައިފައެވެ. ރިޕޯޓްކޮށްފައިވަނީ މަގުމަތިން ދިއަ އަންހެންކުއްޖަކު ބިންމައްޗަށް ވައްޓާލައި އޭނާއާއި ބެހެން އުޅުނު ކަމަށެވެ. އެހެންވެ ސަބަބުވެސް ބަޔާންކޮށްނުދީ ޒުވާނާ ވަޒީފާއިން ވަކިކޮށް ފޮނުވައިލީއެވެ.
އެދުވަހު އެހީތެރިވެދިން އަންހެން ކުއްޖާ، އޭނާއަކީ ތަނަވަސްކުއްޖެއް ކަމަށާއި ކަމަކަށް ބޭނުންވާނަމަ ގުޅަން ބުނެފައި އޮތުމުން އެކުއްޖާއަށް ގުޅައި ވަޒީފާ ގެއްލުނު ވާހަކަ ބުންޏެވެ. އަންހެންކުއްޖާ ބުނީ ބައްޕަގެ ގާތުގައި ބުނެގެން ވަޒީފާއެއް ހަމަޖައްސައިދޭނެ ކަމަށެވެ.
އަނެއްދުވަހު އަންހެން ކުއްޖާގެ ބައްޕަ ޒުވާނާ ގޮވައިގެން ދިއައީ ޒުވާނާ ކުރިން މަސައްކަތްކުރި އޮފީހަށެވެ. ބޮސް ފެނުމުން ހުރިހާ މުވައްޒިފުން ތިބީ އެލާޓްގައެވެ. އެންމެން ޙައިރާންވެގެންތިބީ ކުރީ ދުވަހު ވަޒީފާއިން ވަކިކުރި ޒުވާނާ ގޮވައިގެން އައުމުންނެވެ.
މެނޭޖަރުގެ ކޮޓަރިއަށް ވައްދާފައި ބޮސްބުނީ އެޒުވާނާއަށް އޮފީހުގެ އެކައުންޓްސްއިން ހުސްވެފައިވާ އިސްވަޒީފާ ހަމަޖެއްސުމަށެވެ. މެނޭޖަރު ބުނީ އެ ޒުވާނާއަކީ ވަރަށް އަޚްލާޤް ފެންވަރު ދަށް ޒުވާނެއް ކަމަށާއި އެހެންވެ އޭނާ ވަނީ އިއްޔެ ވަޒީފާއިން ވަކިވެސް ކޮށްފައި ކަމަށެވެ.
ޒުވާނާ ކުރީ ކޮން ކުށެއްތޯ ސުވާލުކުރުމުން "މަގުމައްޗަށް އަންހެންކުއްޖަކު ވައްޓާލައިގެން އުޅޭ މަންޒަރު" ފެންނަ ވީޑިއޯ ދެއްކިއެވެ. ވީޑިއޯ ބަލާފައި ބޮސްބުނީ އެއަންހެންކުއްޖަކީ އޭނާގެ ދަރިފުޅު ކަމަށެވެ. ޒުވާނާ ދަރިފުޅާއި ބެހުނީ ނޫންކަމަށާއި ފުރާނަ ސަލާމަތްކުރަން އެހީތެރިވެދިނީ ކަމަށެވެ. ވީޑިއޯއަށް ރަނގަޅަށް ބެލިނަމަ އެއީ އޭނާގެ ދަރިފުޅުކަން އެނގޭނެވެސް ކަމަށެވެ.
މުވައްޒިފުންނާއިމެދު ތުހުމަތެއް ކުރެވުމުން ކަމުގެ ހަޤީޤަތް އޮޅުން ނުފިލުވައި ވަޒީފާއިން ވަކިކުރުމަކީ ވަރަށް ޒިންމަދާރުކަން ކުޑަ ގޮތެއްކަމަށް ބުނެ މެނޭޖަރު ވަޒީފާ އާދައިގެ ވަޒީފާއަކަށް ބަދަލުކުރިއެވެ. އަދި ޙަޤީޤަތް ނުބަލައި އެފަދަ ރިޕޯޓެއްކުރި މުވައްޒިފް ވަޒީފާއިން ވަކިކުރިއެވެ. އެއީ ފިތުނަ އުފައްދަން މަސައްކަތްކުރީތީއެވެ. އަދި މެނޭޖަރަކަށް އެޒުވާނާ ހަމަޖެއްސިއެވެ.
އެއަށްފަހު ބޮސްގެ އަންހެންދަރިފުޅާއި ޒުވާނާގެ ގުޅުން ބަދަހިވަމުން އައިސް ލޯބިވެރިންނަށް ބަދަލުވެ ދެމީހުން ކައިވެނިކުރީއެވެ.
މިއީ އަޅުގަނޑު ބަލާފައިވާ ފިލްމެއްގެ ކުރުޚުލާޞާއެކެވެ. މިފިލްމާއި މިފަދަ ކިތަންމެ ފިލްމްތަކެއް މިއަދުނޫހުގެ ކިޔުންތެރިން ބަލާފައިވާނެކަންވެސް އެނގެއެވެ. އެކަމަކުވެސް މިވާހަކަ މިފޮނުވީ ޚުދު އަޅުގަނޑުވެސް ފުރަތަމަ މަސައްކަތްކުރި އޮފީހުގެ ވަޒީފާއިން ވަކިކުރީ މިފަދަ ނުބައި ތުހުމަތުތަކެއް ކޮށްފައިކަމަށްވާތީއެވެ.
އަޅުގަނޑު ވަރަށް ދެރަވެފައި ހުރި ދުވަހަކު އެކުވެރި މުވައްޒިފަކަށް އެވާހަކަތައް ކިޔައިދެވުނު ވަގުތު ރޮވެންފެށުމުން އޭނާގެ ކޮނޑުގައި ބޯޖައްސައިލެވުނުވަޤުތު އެމްންޒަރު ވީޑިއޯކޮށްފައި ދެމީހުން ލޯބީގެ ގުޅުން އޮފީހުގައި ހިންގަނީ ކަމަށް ހަދައިފައެވެ. ދެމީހުން ދެއްކި ވާހަކަތައް އަޑުވެސް ނުއަހައި ދެމީހުންވެސް ވަކިލޮށްލީއެވެ.
މިއީ އެއިގެ 8 އަހަރު ފަހެވެ. އެއިރު ލޯބީގެ އެއްވެސް ގުޅުމެއް ނެތް ނަމަވެސް ދިމާވި ކަންކަމުގެ ތެރެއިން ހުރިހާ ގުޅުމެއްވެސް އުފެދި މިއަދު ދެމީހުން މިތިބީ ކައިވެނިވެސް ކޮށްގެންނެވެ. ދެމީހުން މަސައްކަތްކުރީ އަމިއްލަ މަސައްކަތެއް ފެށުމަށެވެ. 3 އަހަރުތެރޭގައި އެކަން ކާމިޔާބުކުރެވުނެވެ. ދެމީހުން ހިންގަނީ ދެމީހުންގެ އަމިއްލަ ވިޔަފާރިއެވެ. ވަރަށް އާދައިގެ ގޮތަކަށް ކުރަންފެށި ވިޔަފާރި މިހާރު ވަނީ މަހަކު 2 މިލިއަން ރުފިޔާ ދައުރުކުރާ ވިޔަފާރިއަކަށް ބަދަލުވެފައެވެ. ދިރިއުޅެނީ ދެމީހުންގެ މަސައްކަތުން ގަނެފައިވާ ފްލެޓެއްގައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ނުބައި ތުހުމަތުތައްކޮށް ގެއްލުން ނުދޭށެވެ. އަދި އެފަދަ ގޮތަކުން ގެއްލުން ދިންނަމަވެސް ކަންބޮޑުނުވާށެވެ. އަނިޔާވެރިން ކުރާ އަނިޔާއިން ވަޤުތީ ގެއްލުމެއް ލިބުނަސް ފަހުންކުރާ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ
- ސަމީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
5 މާޗް 2025