އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 35 ސިކުންތު
ވަރަށް ގިނަ ފަހަރު ކިޔާލަން ލިބޭ ވާހަކަތަކުގައި ހުންނަނީ އެހެން މީހުން ކުށްވެރިކޮށްފައެވެ. ވަރަށް މަދުން ނޫނީ އެމީހަކަށް ކުރެވުނު ކުށުގެ ވާހަކަ ކިޔައިދީފައި ހުންނަ ތަނެއް ނުފެނެއެވެ. އެހެންކަމުން އަޅުގަނޑުގެ ވާހަކަ ތަފާތުވާނެއެވެ. ސަބަބަކީ އަޅުގަނޑު މިކިޔައިދެނީ އަޅުގަނޑަށް ކުރެވުނު ކުށުގެ ވާހަކަ ވީމައެވެ.
އަޅުގަނޑުވެސް މީހަކުދެކެ ލޯބިވީމެވެ. އޭނާވެސް އަޅުގަނޑު ދެކެ ލޯބިވިއެވެ. އަޅުގަނޑާއިމެދު ކަންކަން ކުރަމުން އައީ ވަރަށް ފަރުވާތެރިކަމާއިއެކުގައެވެ. އެއިރުވެސް އޭނާއަކީ ތަނަވަސް މީހަކު ނޫންކަން އެނގެއެވެ. އެކަން މައްސަލައަކަށްވެސް ނުވެއެވެ.
ކައިވެނިކުރިތަނާހެން ދަރިއަކު ލިބިއްޖެއެވެ. އެހިސާބުން އަތްމަތި ދަތިވިއެވެ. ކުރިއަށްވުރެ މާދަތިޙާލުގައި އުޅެންޖެހިއްޖެއެވެ. އެގޮތަށް ކަންކަން ދިމާވުމުން ފިރިމީހާމަތިން ފޫހިވާން ފެށިއެވެ. އެކުވެރިން ފަދައިން ތަނަވަސްކަމުގައި ނުއުޅެވޭތީ ފިރިމީހާ ދެކެ ރުޅިއައުދެވެން ފެށިއެވެ. އެންމެފަހުން ދަރިފުޅަށް 6 އަހަރުގައި ފިރިމީހާގެ ގާތުން ވަރިވެ ދަރިފުޅުވެސް ބަހައްޓާފައި ދެބަފައިންނާއި ވަކިވީމެވެ. އެމީހުން ރޮއި އާދޭސްކުރަމުން ދަނިކޮށެވެ.
އަޅުގަނޑު އެގޮތަށް އެކަންކަން ކުރީ ތަނަވަސް މީހެއްގެ އަވާގައި ޖެހި އޭނާގެ ބަސް ޤަބޫލުކުރެވިގެންނެވެ. އެކަމަކު އުފަލުގައި އުޅެވުނީ ވަރަށް މަދު ދުވަސްކޮޅަކުއެވެ. ފިރިމީހާ އަޅުގަނޑު އަޅަކަށް ހަދައިފިއެވެ. އަޅުގަނޑު ގޭގައި އުޅެނިކޮށްވެސް ހިލޭ އަންހެނުން ގެއަށް ގެނެސްގެން ތާސްކުޅެ މަޖާކުރަން ފަށައިފިއެވެ. ތާސްކުޅެން ފެށުމުން ކޮޓަރިން ނުކުތުން އަޅުގަނޑަށް މަނާކޮށްފައެވެ. އެހެންވެ ދެން ހިނގާ ކަންތައްތަކެއް ނުއެނގެއެވެ.
އެޙާލުގައިވެސް އެކުގައި ދިރިއުޅެން މަސައްކަތްކުރީމެވެ. އަޅުގަނޑާއިއެކު ރޭނުކުރާތާ 6 މަސްދުވަސްވުމުން އެވާހަކަ ދެއްކުމުން ދިންޖަވާބަކީ އަޅުގަނޑު ވަރިކޮށް ގެއިން ނެރެލުމެވެ. ހަދާނެ އެއްވެސް ގޮތެއް ނެތުމުން މާފަށް އެދެން ކުރީގެ ފިރިމީހާގެ ގާތަށް ދިއައިމެވެ.
އެގެއަށް ގޮސް ދޮރުގައި ޓްކިޖެހުމުން ދޮރުހުޅުވީ އަންހެނެކެވެ. އެހެންވެ ފުރަތަމަ ސުވާލުކުރީ ދަރިފުޅު ކޮބައިތޯއެވެ؟ އޭނާ ދަރިފުޅަށް ގޮވުމުން އައެވެ. ނަމަވެސް އަޅުގަނޑު ފެނުމާއިއެކު "ޣޯސްޓް" (ފުރޭތަ) ކިޔަމުން ދުވެ ދިއައީއެވެ. ދަރިފުޅުގެ ބައްޕަ ކޮބައިތޯ ސުވާލުކުރުމުން ބުނީ ވިޔަފާރި ދަތުރެއްގައި ރާއްޖެއިން ބޭރުގައިވާ ކަމަށެވެ.
އޭނާ އަޅުގަނޑު ގެއަށް ވައްދައި މެހްމާންދާރީ އަދާކުރިއެވެ. އޭނާއަކީ ކާކުތޯ ސުވާލުކުރުމުން ކިޔައިދިނެވެ. "ކަލޭ ވަރިވެގެން ދިއަތަނާހެން ފިރިމީހާގެ ވަޒީފާވެސް ގެއްލުނެވެ. އެއީ ދަރިފުޅުގެ ކަންކަން ކޮށްދޭންޖެހުމުން އޮފީހަށް ގަޑިޖެހޭތީއެވެ. އަހަރެންނާއި ބައްދަލުވީ ވަޒީފާއެއް ހޯދަން އަހަރެންގެ އޮފީހަށް ދިއުމުންނެވެ.
އޭނާއަށް ވަޒީފާ ދިނީމެވެ. އެކުގައި ގެންގުޅެން ފެށުމުން އޭނާގެ ކިބައިން ފެނުނު ރަނގަޅު ސިފަތަކަށް ބަލައި ކައިވެނިކުރީއެވެ. މިހާރު އަހަރެން އޮފީހަށްދަނީ ވަރަށް މަދުންނެވެ. އޮފީސް ހިންގަނީ އޭނާއެވެ. މިވަޤުތު ވީ ދުބާއީގައި އޮތް ފެއާއަކަށް ގޮހެވެ. އަންނާނީ އަދި ހަފްތާއެއްހައި ދުވަސްފަހުންނެވެ. ދުބާއީގައި އޮތް ފެއާ ނިމިގެން ތުރުކީއަށްވެސް ގޮސްފައެވެ.
އެހެން ބުނެފައި މިހައި ގިނަ ދުވަސްކޮށްލާފައި ފިރިމީހާ ހޯދަން އައީ ކީއްކުރަންތޯ ސުވާލުކުރުމުން އަޅުގަނޑަށް ޖެހިފައިވާ ޙާލުގެ ވާހަކަ ކިޔައިދިނީމެވެ. އަޑުއަހާފައި އޭނާ ބުނީ ވަރަށް ދެރަވެއްޖެ ކަމަށާއި ފިރިމީހާ އައުމުން ވާހަކަދައްކާލަން އައުމަށެވެ. އެހެން ބުނެފައި ކައިގެން ހުންނާށޭ ބުނެފައި ރުފިޔާކޮޅެއް ދިނުމުން ވަރަށް ލަދުން ހުރެފައިވެސް ހިފީމެވެ. އެއީ އަތުގައި އެންމެ ރުފިޔާއެއްވެސް ނެތުމުންނެވެ.
މަގުމަތިވުމުން ސަލާމަތްވީ އެކުވެރިއަކު އެހީތެރިވެދިނީތީއެވެ. އެއީ އެކުގައި ކިޔަވަން އުޅުނު އަންހެން ކުއްޖެކެވެ. އެގޭގައި އޭނާގެ ދަރިން ބަލައިދޭން ހުންނަތާ 2 އަހަރުފަހުން ބައްދަލުވި މީހަކާއި ކައިވެނިކޮށްގެން މިހާރު މިއުޅެނީ އޭނާ އާއިއެކުގައެވެ. އެއީވެސް ފަޤީރަކަށްވުމުން މިއުޅެނީ ހަމަ ވަރަށް ދަތި ޙާލުގައެވެ. ފުރަތަމަ ދިރުޅެންޖެހުނު ޙާލަށްވުރެވެސް މާދަތިޙާލުގައެވެ. އޭނާގެ 5 ދަރިންވެސް ބަލައިދީގެން ވަރަށް ބުރަކޮށެވެ.
އަޅުގަނޑުގެ ޙަޔާތުގައި ކުރިމަތިވި ކަންކަން ކުރިމަތިވެ މިހާބޮޑަށް ނިކަމެތިވެގެން މިދިއައީ ހަމަ އަޅުގަނޑުގެ ކުށުންނެވެ. އެކުވެރިންގެ ފެންވަރަށް ބަލައި އެފެންވަރުގައި ދިރިއުޅެން ވިސްނުނީތީއެވެ. ނުލާހިކު ލޯބިވާ ފިރިމީހާ އާއި ކުޑަ ދަރިފުޅު ރޮއްވާލާފައި ތަނަވަސްކަމާއި ދިމާއަށް ދެވުނީތީއެވެ. ހުރިހާ ގޮތަކުންވެސް ކުށްވެރިއަކީ ހަމަ އަޅުގަނޑެވެ. އެކަން ހިތުގެ އަޑިން ޤަބޫލުކުރަމެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތްތެރި ފިލާވަޅަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.
ނަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
6 މާޗް 2025