އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން ބޭރުކުރުމަށް އިސްރާއީލުން އަޅާ ފިޔަވަޅުތައް ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން ބޭރުކުރުމަށް އިސްރާއީލުން އަޅާ ފިޔަވަޅުތައް ރާއްޖެއިން ކުށްވެރިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ފަލަސްޠީނުގެ ރައްޔިތުން މަޖުބޫރުން ޣައްޒާއިން ބޭރުކޮށް، ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އާބާދީތައް އިތުރުކުރުމަށް އިސްރާއީލު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ދިވެހި ސަރުކާރުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ފަލަސްޠީނުގެ ރައްޔިތުން މަޖުބޫރުން ޣައްޒާއިން ބޭރުކުރުމުގެ މަޤްޞަދުގައި އޭޖެންސީއެއް ޤާއިމުކުރުމަށް އިސްރާއީލު ސަރުކާރުން ކޮށްފައިވާ އިޢުލާނާއި، ހުޅަނގު އައްސޭރީގައިވާ 13 ޣައިރުޤާނޫނީ އާބާދީ ހިމެނޭ ސަރަޙައްދު ވަކިކޮށް، އެ އާބާދީތަކަށް ޤާނޫނީ ހައިސިއްޔަތު ދިނުމަށް ރާވާފައިވާ ރޭވުންތައް ވަނީ ކުށްވެރިކޮށްފައެވެ.

މި މައްސަލައާ ގުޅޭގޮތުން ޚާރިޖީ ވުޒާރާއިން ފާހަގަކޮށްފައިވަނީ، "ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ ބިމުން ނެރުމަށް ހިންގާ މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ ޤަރާރުތަކާއި، ޚާއްޞަކޮށް އދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 2334 އާ މުޅިން ޚިލާފު އަމަލުތަކެއް" ކަމަށެވެ. އަދި މިފަދަ އަމަލުތަކަކީ ޞުލްޙައަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކާއި ކަރާމާތަށް ނުރައްކާވާފަދަ ކަންތައްތަކެއްކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ޚާރިޖީ ވުޒާރާގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ޞުލްޙަވެރި ޙައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިއޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނަކީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރުހިނގާ ދައުލަތެއްގެގޮތުގައި ޤާއިމުކުރެވިގެން ކަމަށެވެ.

ދިވެހިރާއްޖެއިން މިފަދައިން މި މައްސަލަ ކުށްވެރިކޮށްފައިވަނީ، އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ރައްޔިތުންނަށް ދަތި އުނދަގޫތަކާ ކުރިމަތިލާންޖެހި، ގިނަ އަދަދެއްގެ މަދަނީ ރައްޔިތުން މަރުވެފައިވާ ދަނޑިވަޅެއްގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު