އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު
ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން އެ ޤައުމަށް އެތެރެވުމުގެ ކުރިން ފުރަންޖެހޭ ޑިޖިޓަލް އެރައިވަލް ކާޑު ފުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އިލްތިމާސްކުރައްވައިފިއެވެ.
މިއީ ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނެވުނު އައު ބަދަލެއްގެ ދަށުން ތަންފީޒުކުރަން ފަށާފައިވާ ކަމެކެވެ.
ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނެވުނު ބަދަލާ ގުޅިގެން، މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުން އޮންލައިންކޮށް އެރައިވަލް ކާޑު ފުރުން ވަނީ ލާޒިމުކޮށްފައެވެ.
ޚާރިޖީ ވުޒާރާއިން ދެއްވި މަޢުލޫމާތުގައި، މި ބަދަލާ ގުޅިގެން ރާއްޖެއާއި ތައިލެންޑާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވާ ކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދި ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް 90 ދުވަހުގެ "އެންޓްރީ ވިސާ" ގައި ތައިލެންޑަށް ދަތުރުކުރުމުގެ ފުރުސަތު އޮތްކަންވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
މީގެއިތުރުން، ރާއްޖެއިން ބޭރު ޤައުމުތަކަށް ދަތުރުކުރައްވާ ފަރާތްތަކުން އެ ޤައުމެއްގެ ޤާނޫނާއި ޤަވާއިދުތަކަށް ފަރުވާތެރިވުމަށްވެސް ޚާރިޖީ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
Advertisement
10 އޭޕްރީލް 2025