އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު
ސިއްޙީ ވުޒާރާއިން ވަނީ ގިނަ ޢަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ހޯދުމަށް އިޢުލާންކޮށްފައެވެ. މި އިޢުލާނުގައި ވަނީ 40 ސްޕެޝަލިސްޓު ޑޮކްޓަރުންނާއި 70 ނަރުހުން ހޯދުމަށް ބޭނުންވާ ކަމަށް ބަޔާންކޮށްފައެވެ.
މި މަޤާމުތަކަކީ އެ ވުޒާރާގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކަށް ހޯދާ ބައެކެވެ. މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
ސްޕެޝަލިސްޓުން ހޯދަނީ މައިގަނޑު 8 ދާއިރާއަކުންނެވުންނެވެ. މީގެ ތެރޭގައި ހިމެނެނީ ޕީޑިއަޓްރިޝަނުން، އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން، އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން، ލޮލުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން، ހޭނައްތުމަށް ޚާއްސަ ޑޮކްޓަރުން، ކަށީގެ އޮޕަރޭޝަން ޑޮކްޓަރުން، އާންމު ސަރޖަރީތަކަށް ޚާއްސަ ޑޮކްޓަރުން އަދި ރޭޑިއޮލޮޖިސްޓުންނެވެ. ކޮންމެ ސްޕެޝަލިޓީއަކުން ފަސް ޑޮކްޓަރުން ބޭނުންވާ ކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ނަރުހުންގެ ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންވާ އެންމެ ދަށް ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ޤަބޫލުކުރާ ނަރސިންގ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ފާއިތުވި 2 އަހަރުގެ ތެރޭގައި 150 އެނދު ނުވަތަ އެއަށްވުރެ ގިނަ އެނދު ހުންނަ ހޮސްޕިޓަލެއްގައި މިޑްވައިފް ނުވަތަ ސައިކިއޭޓްރީ ދާއިރާއިން މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ. އަދި އުމުރުން 35 އަހަރުން ދަށް ފަރާތްތަކަށް އިސްކަންދޭނެ ކަމަށްވެސް ސިއްޙީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
މި މަޤާމުތަކަށް ޝަރުޠު ހަމަވާ ފަރާތްތަކުން ކުރިމަތިލުމަށް ސިއްޙީ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
Advertisement
18 އޭޕްރީލް 2025