އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް އާމްދަނީ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި 'ހާލު ކިހިނެއް؟' ޕްރޮގްރާމްގެ ތެރެއިން ދެނެގަނެވޭ ފަޤީރު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ފަރާތުން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާއަށް އައްޔަނުކޮށް މަސައްކަތް ހަވާލުކުރާއިރު މަސައްކަތްކުރަން ކަނޑައަޅާ ތަނަކީ އެ ފަރާތްތައް މަސައްކަތްކުރުން އެކަށީގެންވާ ތަންތަންކަން ޔަޤީންކުރާނެ ކަމަށެވެ. އަދި "ހާލު ކިހިނެއް" ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާ ހަމަޖައްސާއިރު، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރާއި ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ ޤާބިލުކަން ހުރިކަން ކަށަވަރުކުރާނެ ކަމަށެވެ.
މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވެމްކޯ އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް އާމްދަނީ ހޯދުމުގެ ފުރުޞަތު ލިބި، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ. އަދި މިއީ ސަރުކާރުގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައިވެސް ބެލެވެއެވެ.
Advertisement
18 އޭޕްރީލް 2025