އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 57 ސިކުންތު
ޤައުމެއްގެ ހަމަޖެހުމަށް އެންމެ މުހިންމީ އެ ގައުމެއްގައި އަދުލު އިންސާފު ގާއިމްވެފައި އޮތުން ކަމަށާއި، އެކަމުގެ އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބަޔަކީ ފުލުހުންކަމަށް ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ، މާމިގިލީގައި ފުލުހުންގެ މަރުކަޒު ބިނާކުރުމަށް ފުލުހުންނާއި ވިލާ ފައުންޑޭޝަނާ ދެމެދުގައި އެއްބަސްވުމުގައި ސޮއިކޮށް، އެ މަރުކަޒުގެ ބިންގާ އެޅުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތަކީ، އެކި ސަރުކާރުތަކުން ވެސް ނިންމަން ވަރަށް މަސައްކަތްކޮށްފައިވާ ދުވަސްވީ މަސައްކަތެއްކަން ފާހަގަކުރައްވައި ޤާސިމް ވިދާޅުވީ، މިއަދު އެ މަރުކަޒު އިމާރާތްކުރަން ލިބިފައިވާ ބިން ހުރި ސަރަހައްދަކީ، ރަށުގެ މުހިންމު ލޮކޭޝަނެއްގައި އޮތް، ތަނަވަސް ބިމެއް ކަމަށެވެ.
އެހެންކަމުން ކުރެވޭ މި މަސައްކަތަކީ، މާމިގިލީގެ ކުރިއެރުމަށްވެސް، ރާއްޖޭގެ އަދުލު އިންސާފަށް ވެސް ކުރިއެރުން އަންނާނެ މަސައްކަތެއްކަން ޤާސިމް ފާހަގަކުރެއްވިއެވެ.
"ބިން މާމިގިލިން ކަނޑާދީފައި އޮންނަތާ ވަރަށް ޒަމާން ވެއްޖެ. ގާތްގަނޑަކަށް 20 ވަރަކަށް އަހަރު ވެއްޖެ. އެއްތަނުން އަނެއްތަނަށް ބަދަލުވެ މިއަދު ލިބިފައިވާ މި ބިމުގެ އޭރިއާއަކީ ވަރަށް މުހިންމު ލޮކޭޝަނެއްގައި އޮތް ވަރަށް މަގުބޫލު އަދި އެހާމެ ތަނަވަސް ބިމެއްކަމަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރާއްޖޭގެ ނިސްބަތުން. އެހެންވީމަ މި ރަށުގެ ކުރިއެރުމަށްވެސް އަދި ރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރުމަށް ވެސް ކުރެވޭ މުހިންމު މި މަސައްކަތަކީ އަޅުގަނޑުމެންގެ މުސްތަގްބަލު ދުވަހުން ދުވަހަށް ފުޅާވެގެންދާނެކަމަކަށް ވާތީ އަޅުގަނޑުމެން ވިލާ ފައުންޑޭޝަނުން ފުލުހުންނަށް ސްޕޮންސަރކޮށް އެކަން ކޮށްދޭން އަޅުގަނޑު ނިންމީ". ޤާސިމް އިބްރާޙީމް ވިދާޅުވިއެވެ.
ފާއިތުވީ 20 ވަރަކަށް އަހަރުގެ ތެރޭގައި ފުލުހުންގެ ކޮމިޝަނަރަކަށް އައި ކޮންމެ ބޭފުޅަކު ވެސް އަދި ކަމާ ބެހޭ ވުޒާރާތަކާ ހަވާލުވެވަޑައިގަންނަވާ އިސް ބޭފުޅުން ވެސް، މާމިގިލީގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމަށް މަސައްކަތްތަކެއް ކުރެއްވިކަން ޤާސިމް ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިކަމުގެ މުހިންމުކަން އޮތް މިންވަރު ފާހަގަކުރެއްވުނު ކަމަށާއި، އެމިކުފާނު ފަދައިން ތަނަވަސްކަން ލިބިފައިވާ ފަރާތްތަކުން، މިފަދަ ކަންކަމުގައި ވެދެވެން އޮތް އެހީތެރިކަމެއް ވެދީ، ދެއްވެން އޮތް އެއްބާރުލެއްވުމެއް ދެއްވުން އެއީ މުހިންމުކަމެއްކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމްގެ ވާހަކަފުޅުގައި، މިފަދަ ކަންކަން ކުރުމުގައި އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމާއި، އަދުލު އިންސާފު ގާއިމްވެފައި އޮތުމަކީ އެ ގައުމެއްގެ ހަމަޖެހުމާ އެންމެ ބޮޑަށް ގުޅިފައިވާ ކަންތައްކަމުގައި ވިދާޅުވިއެވެ. އަދި އަދުލު އިންސާފު ގާއިމްކުރުމުގައި އެންމެ ފުރަަތަމަ، އެންމެ މުހިންމު ދައުރެއް އަދާކުރާނެ ބަޔަކީ ފުލުހުންކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަމަކީ އަޅުގަނޑުމެން ތަނަވަސްކަމުގެ އަހުލުވެރިން، ރާއްޖޭގައި މި ބާވަތުގެ ކަންތައްތަކުގައި އަޅުގަނޑުމެން އިސްކޮށް ތިބެގެން އަޅުގަނޑުމެން އެކީގައި، އެއް ހިތްވަރަކާއި އެއް އަޒުމެއްގައި މަސައްކަތްކޮސްގެން އަޅުގަނޑުމެންގެ ގައުމު ތަރައްގީކުރުމަށް ކުރެވޭ މި ބާވަތުގެ މަސައްކަތް ކަމުގައި ވިޔަސް، އެއްބާރުލުން ލިބިގެން ނޫނީ އަޅުގަނޑުމެން ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުދެވޭނެ. ޤައުމެއްގެ މި ބާވަތުގެ ކަންކަން ހަމަޖެހިގެން ނޫނިއްޔާ ގައުމެއްގައި ހަމަޖެހުން ލިބިގެނެއް ނުދާނެ. އަދުލު އިންސާފު އެއީ އެންމެ ބޮޑު ކަންތައް. އަދުލު އިންސާފު ގާއިމްކުރުމުގައި އެންމެ ޕްރައިމަރީކޮށް މަސައްކަތްކުރަން ތިބޭ ބަޔަކީ އަޅުގަނޑުމެންގެ ފުލުހުން". ޤާސިމް އިބްރާޙީމް ވިދާޅުވިއެވެ.
ރާއްޖެ މިވަގުތު އޮތް އިގްތިސާދީ ދަތި ހާލަތުގައި ވެސް، ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ވިސްނުންފުޅާއި ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވައި ޤާސިމް ވަނީ އެކަމަށްޓަކައި ރައީސް އަށް ޝުކުރު ދަންނަވާފައެވެ.
މާމިގިލީގައި ފުލުހުންގެ މަރުކަޒު ބިނާކުރުމަށް ފުލުހުންނާއި ވިލާ ފައުންޑޭޝަނާ ދެމެދުގައި އެއްބަސްވުމުގައި ސޮއިކޮށް، އެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މާމިގިލީގައި ބޭއްވިއިރު، މި ރަސްމިއްޔާތުގައި، ޤާސިމް އިބްރާޙީމާއި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފުލުހުންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރައްވައި، ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއެވެ. ވިލާ ފައުންޑޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، މާމިގިލީގެ ތަރައްގީއަށާއި އިޖުތިމާޢީ ކަންކަން ކުރިއެރުވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ، އެ ދާއިރާގެ މަޖިލިސް މެމްބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާޙީމެވެ.
ޤާސިމް އިބްރާޙީމްގެ ހިލޭ އެހީގައި އިމާރާތްކުރާ މި މަރުކަޒުގައި، އޮފީސް އިމާރާތާއި ފުލުހުންގެ އެކަމޮޑޭޝަން އަދި މެސް ރޫމް ވެސް ހުންނާނެއެވެ. އިމާރާތް ނިންމައި ފުލުހުންނާ ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައެވެ.
ހަބަރު: ވީނިއުސް
Advertisement
11 އޭޕްރީލް 2025