އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ބައިތިއްބާ "ސޭފް ހޯމް" ފެސިލިޓީ ތަރައްގީކުރުމަށް ސަރުކާރުން ހުޅުމާލެއިން 10،000 އަކަފޫޓުގެ ބިމެއް ގަތްކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހާމަކޮށްފިއެވެ.
ސަރުކާރުން މި ބިން ގަތުމަށް ހޭދަކޮށްފައިވަނީ 31.5 މިލިއަން ރުފިޔާއެވެ. ގަނެފައިވާ ބިމަކީ ހުޅުމާލޭ ލޮޓް ނަންބަރު 11707 (A2-1) އެވެ. މި ބިން ގަތުމާ ގުޅޭގޮތުން ސިވިލް ކޯޓުން ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ، ފިނޭންސް މިނިސްޓްރީން އެ ފައިސާ ދައްކައި އެއްކޮށް ހަލާސްކޮށްފައިވާތީ މިހާރު އެ ބިމުގެ މިލްކުވެރި ފަރާތަކީ މިނިސްޓްރީ ކަމަށެވެ.
އިތުރު ތަފްސީލުތަކަށް ބަލާއިރު، މި ބިން އެޗްޑީސީން ވިއްކާފައިވަނީ ފެމިލީ މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީއާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންކަން ކޯޓުގެ ހުކުމުން އެނގެއެވެ.
"ސޭފް ހޯމް" ގެ މައިގަނޑު މަޤްޞަދަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ދައުލަތުގެ ބެލުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި ފެސިލިޓީ އެޅުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރު ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ލިބިފައިވާ އެހީއަކުންނެވެ.
މި މަޝްރޫޢުގެ ސަބަބުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިތުރު ރައްކާތެރިކަމާއި އެހީތެރިކަން ލިބިގެންދާނެކަމަށް ބެލެވެއެވެ. އަދި މިފަދަ ފެސިލިޓީއެއް ގާއިމުކުރުމަކީ ގެވެށި އަނިޔާ ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެއްކަމަށް ފާހަގަކުރެވެއެވެ.
Advertisement
11 އޭޕްރީލް 2025