އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު
ކުރީގެ ވެރިންނަށް އަޅަން ނުކެރުނު، ގު، ގޮންޖެހުން ބޮޑު އެތައް ފިޔަވަޅުތަކެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިބްރާހީމް ދަނީ އަޅުއްވަމުން ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ނާޡިމް ވިދާޅުވީ، ޤާނޫނާއި ޤަވާއިދުތައް ހަރުދަނާކޮށް އާންމުން ހޭލުންތެރިކުރުމަށް މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ކޮށްފައި ނުވާ މަސައްކަތްތަކެއް މިހާރުގެ ސަރުކާރުން ކުރަމުންދާ ކަމަށެވެ.
"އާންމު ސިއްޙަތު ކުރިއެރުވުމަށް އެހެން ވެރިއަކު މީގެ ކުރިން ނުކުރާހާ މަސައްކަތް ރައީސް ޑރ. މުޢިއްޒު ކުރައްވަމުންދޭ. އެދޭ. އެގޮތުން ސިނގިރޭޓު ރާއްޖޭގައި މަނާކުރާ އުމުރެއް ކަނޑައެޅުމާ ގުޅޭގޮތުން، އަމިއްލަފުޅު ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ހުޅުވާލެއްވި ޕޯލް ފާހަގަކޮށްލަން," ވަޒީރު ނާޡިމް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެއްވެސް ވެރިއަކު އަމިއްލަ އެކްސް (ކުރީގެ ޓްވިޓަރ) އެކައުންޓުގައި ރައްޔިތުންގެ ޚިޔާލަކަށް ހުޅުވާލި ހަނދާނެއް ނުވާ ކަމަށެވެ. އަދި މަލްޓި ޕާޓީ ޑިމޮކްރަސީގައި ރާއްޖެއަށް 20 އަހަރު ވެފައިވާއިރު، ކެންސަރުފަދަ ބަލިތައް އިތުރުވުމާއި، ސިނގިރޭޓުގެ ނުރައްކަލުގެ ވާހަކައަކީ އެކަމުގައި ދެބަސްވެވޭނެ ކަމެއް ނޫން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
"މިއިން ކޮންމެ ކަމަކުން ފެންނަނީ އާންމު ސިއްޙަތު ކުރިއެރުވުމުގައި މި ސަރުކާރުން ދެމުންދާ އިސްކަން. މިކަމުގައި ރައްޔިތުންގެ ވަރަށް ބޮޑު ސަޕޯޓެއްވެސް އެބައޮތް," ވަޒީރު ނާޡިމް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވަޒީރު ނާޡިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް މުޢިއްޒުގެ މި ފިޔަވަޅުތަކަކީ ރާއްޖޭގެ އާންމު ސިއްޙަތު ރަނގަޅުކޮށް، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.
Advertisement
11 އޭޕްރީލް 2025