އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާއަކީ އަނެހެނަކަށްވުމަކީ އޭނާ ބޭނުންވާ މީހަކާ ކައިވެނިކުރަން ބޭނުންވާކަން ހުށަހަޅަން ފަސްޖެހެން އޮތް ސަބަބެއް ނޫން! ހިތްވަރު ލިބިގަންނަންވީ ދުނިޔޭގަކުރެވުނު އެންމެ މަތިވެރި ކައިވެނިފުޅުން!

ތިމާއަކީ އަނެހެނަކަށްވުމަކީ އޭނާ ބޭނުންވާ މީހަކާ ކައިވެނިކުރަން ބޭނުންވާކަން ހުށަހަޅަން ފަސްޖެހެން އޮތް ސަބަބެއް ނޫން! ހިތްވަރު ލިބިގަންނަންވީ ދުނިޔޭގަކުރެވުނު އެންމެ މަތިވެރި ކައިވެނިފުޅުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

ތިމާއަށް ރަނގަޅު، ތަޤްވާވެރި ހެޔޮލަފާ ފިރިހެނުންނާއި ބައްދަލުވުމުން ނުވަތަ ގާތްކަން އުފެދުމުން ކައިވެނިކުރަން ބޭނުންވާކަން ހުށަހަޅަން ލަދުގަތުމެއް ނެތެވެ. ލަދުގަންނަންވީ ލޯބިވެގެން އެކުގައި އުޅެން ހުށަހެޅުމަށެވެ. ސަބަބަކީ އެއީ ދީނުގައި ހުއްދަ ކަމަކަށްނުވާތީއެވެ. ﷲ ތަޢަލާ ރުހިވޮޑިނުގަންނަވާ މީހުންގެ ލިސްޓަށް ތިމާގެ ނަން އަރައިފާނެތީއެވެ. އެއަށްވުރެ ބޮޑު ލަދުވެތިކަމަކީ އަދި ދެރައަކީވެސް ކޮބައިހެއްޔެވެ؟

މިއީ ކިޔުންތެރިންގެ ފަރާތުން އެކި ޢިބާރާތުން ސުވާލު ލިބެމުން އަންނަ ކަމެކެވެ.

ކައިވެނިކުރަން ބޭނުންވުމުން އަންހެނުން އިސްވެ ފިރިހެނުންގެ ގާތަށް ފޮނުވަން ލަދުގަންނަން ޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ. އަހުރެން ބުނާނީ އެކަން ހުށަހަޅަން މެދުވެރިއަކުވެސް ބޭނުންނުކުރާށެވެ! އަމިއްލައަށް ހުށަހަޅާށެވެ! ފުރަތަމަ ސަބަބަކީ ފަހަރެއްގައި އޭނާ ނުރުހިއްޖެނަމަ އަނެކާ އެކަމުގެ ވާހަކަ ފަތުރާނީ ތިބާގެ އަގުވެއްޓިގެންދާނެ ގޮތަށެވެ. އަމިއްލައަށް ހުށަހެޅީމާ އެނގޭނެ އިތުރު މީހަކު ނުހުންނާނެއެވެ.

ޒަވާޖީ ޙަޔާތެއް ފަށާ ހިސާބަށް ތިމާގެ ކަންކަން ދިއުމުން އެކަކުވެސް، އަންހެނަކު ނަމަވެސް އަދި ފިރިހެނަކު ނަމަވެސް ކައިވެނިކުރަން ބޭނުންވާ ކަމަށް ބުނަން ލަދުގަތުމެއް ނެތެވެ. ލަދުގަންނަންވީ ލޯބިވެގެން ކައިވެނިނުކޮށް އުޅެން ބޭނުންވާ ކަމަށް ބުނުމަށެވެ.

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކައިވެނިކުރަން އިސްނަގާ އަންހެނުންވެސް މަދެއް ނޫނެވެ. އެމީހުން ބޭނުންވާ ޒާތުގެ ފިރިހެނަކާއި ބައްދަލުވުމުން ކައިވެނިކުރަން ބޭނުންވާ ކަމަށް އެއްވެސް ޖެހިލުމެއް ނެތި އެބަ ބުނެއެވެ. ޘަޤާފަތެއްގެ ގޮތުން އެކަން ބަލައިގަތުން އުނދަގޫވެދާނެއެވެ. ނަމަވެސް މިއަދުގެ ދިރިއުޅުމަށް ބަލައިފިނަމަ އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. މުހިންމު ކަމަކީ ފިރިހެނަކު ނަމަވެސް އަދި އަންހެނަކު ނަމަވެސް ކކައިވެނިކުރަން ނިންމާއިރު އޭނާއަކީ އިސްލާމް ދީނުގައި އޮތް ޝަރުޠުތައް ފުރިހަމަ މީހަކުކަން ބަލައި ކަށަވަރުކުރުމެވެ.

ވަޒީފާއެއެް ބޭނުންވެގެން ހުރިނަމަވެސް އެކަން ހުށަނާޅައި ހުންނަ މީހަކަށް ވަޒީފާއެއް ލިބުމަކީ ކުރަން އެހައި ފަސޭހަކަމަކަށް ނުވެދާނެއެވެ. މިބުނަނީ ވަޒީފާއަށް އެދި ތަންތަނަށް ލިޔުންތައް ނުފޮނުވައި މަޑުން ހުންނަ މީހަކަށް ވަޒީފާއެއް ލިބުން ފަސޭހަނުވާނެ ވާހަކައެވެ. ކައިވެނީގައިވެސް އޮތީ ހަމައެގޮތެވެ. ކައިވެނިކުރާނެ ރަނގަޅު ބައިވެރިއަކު ލިބުން ވަނީ އެކަމަށް އެދި މަސައްކަތްކުރުމުންނެވެ.

ކައިވެނިކުރަން ބޭނުންވުމުން ތިމާއަކީ އަންހެނަކަށްވީތީ އެކަން ހުށަނާޅަންވީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގައި ކުރެވުނު އެންމެ މަތިވެރިކަން ބޮޑު، އެންމެ ކާމިޔާބު ކައިވެނިފުޅު ކުރެވިފައިވަނީވެސް އަންހެން ކަނބަލެއްގެ އިސްނެންގެވުމަށެވެ. މިބުނަނީ ރަސޫލް ﷺ ގެ ކައިވެނިފުޅަށް އެދިވަޑައިގެން އިސްނެންގެވީ ޚަދީޖަތުގެފާނު ވާހަކައެވެ. މީގެ އިތުރުން އެހެންވެސް ބައެއް ޞަޙާބީ ބޭކަނބަލުން ވަނީ އަމިއްލަފުޅަށް ރަސޫލް ﷺ ގެ ކައިވެނިފުޅަށް އެދިވަޑައިގެންފައެވެ.

ވީމާ ތިމާއަކީ އަންހެނަކަށްވީތީ ކައިވެންޏަށް އެދި ހުށަހަޅަން ފަސްޖެހެންވީ ކީއްވެގެން ހެއްޔެވެ؟

ވިސްނައިލަން އޮތް ކަމަކީ ޚަދީޖަތުގެފާނާއި އެހެންވެސް ބޭކަނބަލުން ހުށަހެޅުއްވެވީ ކައިވެނިފުޅު ކުރައްވަވަން ކަމެވެ. ކައިވެނީގެ ބޭރުން އެއްވެސް އެފަދަ އެއްވެސް ގުޅުމެއް ބާއްވަވަން ނޫންކަމެވެ. ވީމާ އަހަރެމެންނަށްވެސް އޮތީ އެފަދައިން ޢަމަލުކުރުމެވެ.

ނިންމާލަމުންވެސް ހަނދުމަކޮށްލައިދޭނަމެވެ. އެބޭކަނބަލުން ހުށަހެޅުއްވެވީ ލޯބިވެވަޑައިގެން އުޅުއްވެވުމަކަށް ނޫނެވެ. ކައިވެނިފުޅަށެވެ. މިއަދުވެސް ހުށަހަޅަންވީ ލޯބިވެގެން އުޅުމަކަށް ނޫނެވެ. ކައިވެނިކުރުމަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް