އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު
ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ އެމިހާގެ ޢުމުރެވެ. ޢުމުރު ކުރުކަމެވެ. މިކަމަށް ރަނގަޅަށް ވިސްނައިފިނަމަ އެނގޭނެ އެއްކަމަކީ ޢުމުރުކުރުވަނީ ހަމައެކަނި ދުނިޔޭގެ ޙަޔާތުގައި ކަމެވެ. ތިމާގެ ޢުމުރަކީ ދުވަހަކުވެސް ނިމުމެއްނުވާ އެއްޗެއް ކަމެވެ.
ގިނަ ބައަކަށް ވިސްނެނީ ތިމާގެ ޢުމުރަކީ ތިމާގެ ހަށިގަނޑުގައި ފުރާނަ ދެމިހުންނަ މަދު އަހަރުކޮޅު ކަމަށެވެ. އެހެންވެ ބޭނުންވެވެނީ ދުނިޔޭގައި ހުރެވޭ ދުވަސްކޮޅު ވީހާއުފަލުގައި އުޅުމަށެވެ. ނަތީޖާއަކަށްވަނީ ތިމާގެ ޢުމުރުން ދުވަހަކުވެސް ނިމުމެއްނެތި ދެމިގެންދާނެ ބައާއިމެދު ޣާފިލުވެވުމެވެ.
މީހާ ދުނިޔެއަށް އުފަންވުމަށްފަހު ޢުމުރުގައި 3 ބައެއް އެބައޮވެއެވެ. އެއިގެ ތެރެއިން އެންމެ ކުރުވަނީ ދުނިޔޭގައި ހޭދަކުރެވޭ މުއްދަތެވެ. އެއީ ފުރަތަމަ ބައެވެ. ދެން އަންނަނީ ހަށިގަނޑާއި ފުރާނަ ވަކިވެ މަރުވުމުން ބަރުޒަޚުގެ ޢާލަމުގައި ހޭދަކުރަންޖެހޭ މުއްދަތެވެ. އެއި ކިތައް ބިލިއަން އަހަރު ކަމެއްވެސް ނުއެނގޭނެއެވެ. އެނގޭކަމަކީ ދުބިޔެ ނިމި ޤިޔާމަތްވަންދެން އޮންނަންޖެހޭނީ ބަރުޒަޚުގެ ޢާލަމުގައި ކަމެވެ. ޤިޔާމަތްވުމުން ފެށިގެންދަނީ 3 ވަނަ ބައެވެ. އެއީ ދުވަހަކުވެސް ނުނިމޭނެ ބައެވެ. ނަރަކައިގައި އޮންނަން ޖެހުނަސް އަދި ސުވަރުގޭގައި ލެއްވެވި ނަމަވެސްމެއެވެ.
ވީމާ ބުއްދިވެރިންނަކީ ދުނިޔޭގައި ހޭދަކުރަންލިބޭ ކުރުޢުމުރު އުފަލުގައި ހޭދަކުރުމުގެ ބަދަލުގައި ދެން އޮތް ދެބައިގައި އުފާވެރިކަން ޙާޞިލްކުރާ މީހުންނެވެ. އެއިރުން ބަރުޒަޚުގެ ޢާލަމްވެސް އަދި އާޚިރަތުގެ ޙަޔާތުގައިވެސް އެމީހަކަށް އޮތީ ނިމުމެއް ނެތް އުފާވެރިކަމެވެ. އެމީހާގެ ދާއިމީ މަންޒިލަކަށްވާނީ ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
15 އޭޕްރީލް 2025