އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު
ރަޙިމުގެ ގުޅުން ބާއްވަންޖެހޭ މީހުންގެ މެދުގައި ޖެހޭ މައްސަލައެއްގެ ސަބަބުން ގުޅުން ކަނޑައި އަނގައި ނުގުނެ މޫނުހަދައިގެން ތިބޭ މީހުންނާއި ވާހަކަ ދައްކަންޖެހޭނެތޯ ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ ޖަވާބުގައި މިގެނެސްދެނީ ޝައިޚް ނިމާލްގެ ބަސްފުޅެކެވެ.
އެއިގެ ކުރިން ދަންނަވާލަން ބޭނުންވަނީ މޫނުކުނިކިރިޔަސް، ރުންކުރު ޖަވާބުދިނަސް، އަޅާނުލައި ދިއަނަމަވެސް ވާހަކަދައްކައި ގުޅުން ބަދަހިކުރަން މަސައްކަތްކުރާށެވެ! މަސައްކަތްކުރާ މީހާއަށް އެކަމަށް ދެއްވަވާނެ ޘަވާބު ވަޒަންކުރަންވެސް ނުއެނގޭނެހައި ގިނަވާނެ ކަމަށް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ. ރަހިމުގެ ގުޅުން ބަދަހިކުރާ މީހުން ކުރާ ކަންކަމުގައި ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުވާނެތެވެ!
ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ތިމާ އާއި ގުޅުން ބަދަހިކުރާ މީހުންނާއި ގުޅުން ބޭއްވުމާއިއެކު ތިމާ އާއި ގުޅުން ނުބާއްވާ މީހުންނާއިއެކުވެސް ގުޅުން އުފެއްދުމެވެ. އަދި އެފަދައިން މަސައްކަތްކުރާ މީހުންނަށް މާތްﷲ އެތައް ގިނަ ނިއުމަތްތަކެއް މިންވަރުފުޅު ކުރައްވަވާނެތެވެ.
ވީމާ ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ތިމާ އާއި ގުޅުން ބާއްވާ މީހުންނާއިއެކު އެކަނި ގުޅުން ބަދަހިކުރުމެއް ނޫނެވެ. ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ތިމާ އާއި ގުޅުން ކަނޑާ މީހުންނާއިވެސް ގުޅުން ބަދަހިކުރުމެވެ. ނަމަވެސް ބައެއް މީހުންނަށް ހީވެފައި އޮންނަނީ ތިމާ އާއި ގުޅުން ބާއްވާ މީހުންނާއިއެކު ގުޅުން ބޭއްވުމުން ރަހިމުގެ ގުޅުން ދެމެހެއްޓުނީ ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތް ނޫނެވެ.
ދަރީންނާއިމެދު ހަމަހަމަކަމާއިއެކު އަމަލުކުރުމާއި ދަރިންނާއި އަޅާލައި ބެލެހެއްޓުމަކީ މައިން ބަފައިންގެ މައްޗަށް އޮތް ވާޖިބެކެވެ. އެހެންކަމާއިއެކުވެސް ދަރީންނާއިމެދު މައިން ބަފައިން ކޮންމެ ގޮތަކަށް އަމަލުކޮށްފައިވީ ނަމަވެސް އެކަމަށް ބަދަލު ހިފައިގެން ނުވާނެ އެވެ.
އެހެނީ މައިން ބަފައިންނަށް އަޅާލައި ހެޔޮކޮށް ހިތުމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ވަނީ ވަރަށް ގަދައަށް އަމުރުފުޅު ކުރައްވަވާފައެވެ. އެމީހަކަށް އަމުރުވެވިގެންވާ ކަމެއް އެމީހަކު ކުރަން ޖެހޭނެއެވެ.
--ޝައިޚް ނިމާލް މުހައްމަދުގެ ދަރުސަކުން
Advertisement
14 އޭޕްރީލް 2025