އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު
ލޯބިވެގެން އުޅޭއިރު ލޯބިވެރިޔާގެ ގާތުގައި އެންމެ ގިނައިން ބުނެވޭ ވާހަކައަކީވެސް އަދި މެސެޖްކުރެވޭ ކަމަކީވެސް ލޯބިވެރިޔާ ދެކެ ވަރަށް ބޮޑަށް ލޯބިވާކަން ބުނުމަށެވެ. ނަމަވެސް ކައިވެނިކުރެވުމާއިއެކު ގިނަ ބައަކު އެކަން ލަނީ ލިސްޓުގެ އެންމެ ފަހަތަށެވެ.
ބުނަން ހެއްޔެވެ؟ "ބައިވެރިޔާ ގާތު ވަރަށް ބޮޑަށް ލޯބިވަމޭ" ވީހާ ގިނައަކުން ބުނަން ފަސްޖެހިގެން މިއަދު ފުދޭކަށް ނެތެވެ. ބުނަން މިއުޅޭ ވާހަކައަކީ ދެމަފިރިން އެކަކު އަނެކަކުދެކެ ލޯބިވާކަން ގިނަގިނައިން ހާމަނުކޮށް ތިބެވޭކަށް މިއަދަކު ނެތެވެ. އެކަން ވަރަށް ގިނައިން ކުރަން އެބަޖެހެއެވެ.
އަތުގައި އޮންނަ ފޯނުން ލޯބީގެ މެސެޖުތައް ފޮނުވަންވީ ފޯނުން ލޯބިވާ މީހުންނަކަށް ނޫނެވެ. ބައިވެރިޔާއަށެވެ. ވީމާ ފޯނުން މެސެޖެއް ނުވަތަ މަލެއް ނަމަވެސް ގިނަގިނައިން ފޮނުވައިލާށެވެ! މަލުގެ ބޮޑެތި ބަގީޗާތައްވެސް ފޮނުވައިލާށެވެ! އެކަންކުރަން މިއަދަކު އިތުރު އެއްވެސް ޚަރަދެއްވެސް ކުރާކަށް ނުޖެހެއެވެ. ބޭނުންވަނީ އެކަންކުރަން ހަނދާންކުރުމާއި ކުޑަކުޑަ ވަގުތުކޮޅެކެވެ. އެކަމަށް ސަމާލުކަން ދިނުމެވެ.
އަހަރެންގެ މަންމަ ގާތު އަހަރެންގެ ބައްޕަ "އައި ލަވް ޔޫ" އެންމެ ދުވަހަކު އެންމެ ފަހަރަކުވެސް ބުނިކަމެއް ނުއެނގެއެވެ. ކާފަމެން ނުވަތަ އެއިގެ ކުރީގެ މީހުން ކަންތައްތައް ކުރިގޮތެއް ނުވެސް އެނގެއެވެ.
ނަމަވެސް އަހަރެންގެ ބައްޕަ، މަންމަ ދެކެލޯބިވާކަން މަންމައަށް ވަރަށް ރަނގަޅަށް އެނގުނެވެ. އެކަން ޔަޤީނެވެ. އަހަރެންނަށް އަހަރެންގެ އަނބިމީހާ ދެކެ ލޯބިވެވޭވަރަށްވުރެ މާބޮޑަށް ބައްޕަ މަންމަ ދެކެ ލޯބިވިއެވެ. މީގެ މާނައަކީ އަހަރެން އަނބިމީހާ ދެކެ ލޯބިނުވުމެއް ނޫނެވެ. އަނބިމީހާ ދެކެ ވަރަށް ބޮޑަށް ލޯބިވަމެވެ.
ޓެކްނޮލޮޖީގެ ކުރިއެރުންތަކާއިއެކު ލަހެއް ނުވެ ފޯނުން ވަސްވެސް ފޮނުވައިލެވޭނެކަމުގެ އަޑުތައް އަންނަނީ އިވެމުންނެވެ. ބޭނުންހިފާށެވެ! ހުރިހާ ކަންކަންވެސް ތާޒާކުރާފަދައިން ދެމަފރިންގެ ލޯބިވެސް ތާޒާކުރަންޖެހެއެވެ.
އަހަރެމެންގެތެރެއިން ބައެއް މީހުންނަށް އަނބިމީހާ ކަމުގައިވުމުން ނުވަތަ ފިރިމީހާކަމުގައިވުމުން މިކަމަށް ސަމާލުކަން ނުދެވެނީއެވެ. ފަރުވާކުޑަކުރެވެނީއެވެ. އެހެން ނުހަދާށެވެ! އެންމެބޮޑަށް ސަމާލުކަން ދޭންޖެހޭނީ ބައިވެރިޔާއަށެވެ! ޒަވާޖީ ޙަޔާތް ދުޅަހެޔޮކަންމަތީގައި ދެމިއޮންނާނީ އެއިރުންނެވެ!
--މުފްތީ މެންކުގެ ދަރުސަކުން
Advertisement
14 އޭޕްރީލް 2025