އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު
ކިތަންމެ ސީދަލަށް ދަތުރުކުރަން މަސައްކަތްކުރިނަމަވެސް މިސްރާބް ކަތިވެއެވެ. މަގު ގެއްލި ފަރަށް އަރާނީ މިސްރާބް ސީދާ ނުކުރެވުނު ނަމައެވެ. މިސްރާބް ސީދާކޮށްފިނަމަ އުޅަނދަށް އެއްވެސް މައްސަލައެއް ނެތެވެ. ކާމިޔާބުކަމާއިއެކު ދަތުރު ނިންމައިލެވޭނެއެވެ.
ފާފަކުރެވުމުންވެސް އޮތީ ހަމައެގޮތެވެ. ތައުބާވެ މިސްރާބު ސީދާކޮށްލުމެވެ. އެހިސާބުން ދަތުރު އަމާންވީއެވެ. އެހެންވެ އަހުރެން މިރޭވެސް އަހުރެންގެ އަޑަށް ލެވެންހުރި ހުރިހާ ބާރެއްލށާފައި މިބުނަނީއެވެ. ކަންބޮޑުވާންވީވެސް ހިތާމަކުރަންވީވެސް ފާފައެއް ކުރެވިގެނެއް ނޫނެވެ. ތައުބާ ނުވެވުނީތީއެވެ. ތައުބާވުން ލަސްކުރެވޭތީއެވެ.
ފާފައެއް ކުރެވުމުން ކުށް ޤަބޫލުކުރުމާއި ތައުބާވުން އަވަސްކުރުމުގެ ހުރިފައިދާގެ ބޮޑުކަން ނިކަން ދެކެބަލާށެވެ! އާދަމްގެފާނުގެ ދެކަނބަލުންނަށް ﷲ ތަޢާލާ މަނާކުރެއްވެވީ ހަމަ އެންމެ ކަމެކެވެ. ދެކަނބަލުންނަށް ކުރެއްވެވުނީ މަނާކުރެއްވެވި ކަމެވެ. އެހިނދު ކުރެއްވެވުނު ބޮޑު ފާފަ ޤަބޫލުކުރައްވައި މިފަދައިން ދުޢާކުރެއްވެވިއެވެ.
رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ
"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސްތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ތަޙްމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ!"
(އަލް އަޢްރާފް: 23)
ބުނަންހެއްޔެވެ؟ ކުރެވޭ ފާފަ ތަފާތުވެދާނެއެވެ. ފާފަކުރެވޭ މިންވަރުވެސް ތަފާތުވެދާނެއެވެ. އެހެނަސް ފާފަނުކުރެވޭ ހަމައެކަކުވެސް ނުހުންނާނެއެވެ. ޚުދު އަހުރެންނަށްވެސް ފާފަކުރެވެއެވެ. ބުނެލަން އޮތީ ފާފަކުރެވުނަސް މާޔޫސްނުވާށެވެ! މިބަޔާންކުރި ފަދައިން ދުޢާކުރާށެވެ! އާދަންގެފާނުގެ ދެކަނބަލުންނަށް ފާފަ ފުއްސަވައިދެއްވެވި ފަދައިން ހަމަ ކޮންމެ މުސްލިމަކަށްވެސް ފާފަ ފުއްސަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
17 އޭޕްރީލް 2025