އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ވަޤުފު އިމާރާތްތަކުގެ މަޝްރޫޢަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްއިން 350 މިލިޔަން ރުފިޔާގެ ލޯނު ދިނުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ހާމަކުރައްވައިފިއެވެ.
ވަޒީރު ޝަހީމް ވިދާޅުވީ، މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ވަޢުދުތަކުގެ ތެރެއިން މުހިންމު އެއް ވަޢުދު ކަމަށްވާ ވަޤުފު ފަންޑުގެ މަޝްރޫޢުތައް ފުޅާކުރުމުގެ ވަޢުދު ފުއްދުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން އަލަށް އިމާރާތމާރާތްކުރާ "ދާރުއްސަލާމް" އާއި "ދާރުލްއަރްޤަމް" އިން ލިބޭ ނަފާ ދީނީ ކަންކަން ކުރިއެރުވުމަށް އެހީވާ ވަޤުފު ފަންޑަށް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. އަދި މި ފަންޑުގައި 15 މިލިޔަން ރުފިޔާގެ ކޭޝް ވަޤުފު އުފެއްދުމަށްވެސް ވަޒީރު ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤުފު ފަންޑާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޒަކާތު ފަންޑާ ގުޅިގެން "ދާރުއްސަލާމް" އާއި "ދާރުލްއަރްޤަމް" ތަރައްޤީކުރުމަށް ނިންމުމުގެ ވަޘީޤާގައި ސޮއިކުރުމަށްވެސް ވަޒީރު ވަނީ ނިންމަވާފައެވެ.
ވަޒީރު ޝަހީމް އިތުރަށް ވިދާޅުވީ، ވަޤުފު ފަންޑުގެ އިންވެސްޓްމަންޓްތަކުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި، މި މަޝްރޫޢުތައް ނިމުމުން އިސްލާމީ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ.
މި މަޝްރޫޢުތަކަކީ އިސްލާމީ ކަންތައްތައް ކުރިއެރުވުމަށާއި، ދީނީ ތަޢުލީމު ފުޅާކުރުމަށް އަދި އިސްލާމީ އާދަކާދަތައް ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢުތަކެއް ކަމަށް ބެލެވެއެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ދިވެހިރާއްޖޭގައި އިސްލާމީ ޝިޢާރުތައް އިތުރަށް ފުޅާވެ، ދީނީ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.
Advertisement
15 އޭޕްރީލް 2025