އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) އިން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ 2 ޓަވަރު އެޅުމުގެ ޕްރޮޖެކްޓާ ގުޅިގެން، އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާގައި 5 ފަރާތެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން މިމަހުގެ 15 ވަނަ ދުވަހު މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީވަނީ އެމް.ޓީ.ސީ.ސީގެ ކުރީގެ ސީއީއޯ ޙަސަން ޝާހް (ބަގީޗާގެ / ސ.މަރަދޫފޭދޫ) އާއި، ކުރީގެ ޖެނެރަލް މެނޭޖަރ އަދި ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ މެންބަރު ޝިފާޢު ޢަލީ (ހ.ފެއަރީޕެލަސް / ކ.މާލެ) އާއި، ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ ކުރީގެ މެންބަރުން ކަމުގައިވާ ޙުސައިން ޒުހުރީ (ޕާކީޒާ / ށ.ކޮމަންޑޫ)، މުޙައްމަދު ނާޡިމް (މ.ޕޮމްޕިޔާ / ކ.މާލެ) އަދި އިސްމާޢީލް އަދުހަމް (ގ.ނިލަ / ކ.މާލެ) ގެ މައްޗަށެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވެނީ އެމް.ޓީ.ސީ.ސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެޅި 2 ޓަވަރުގެ މަސައްކަތް ހަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދަޢުވާގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ. އަދި ޝިފާޢު ޢަލީގެ މައްޗަށް އިތުރު ދަޢުވާއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުގޫބާތުގެ 80 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމުގެ ކުށުގެ ދަޢުވާވެސް ހިމެނެއެވެ.
Advertisement
16 އޭޕްރީލް 2025