އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު
މަދީނާގެ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރު މި މަހުގެ 21 ވަނަ ދުވަހާ ދިމާވާ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވި ގޮތުގައި، މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު އިބްރާހީމްގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ގެނައުމަށް އެ ވުޒާރާއިން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން އެމަނިކުފާނަށް ދެއްވި ދަޢުވަތެއްގެ މައްޗަށް ބިނާވެގެންވާ ދަތުރުފުޅެކެވެ.
ޑރ. ޞަލާޙުލްބުދައިރުގެ މި ދަތުރުފުޅަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް އަޒީޒު ހުއްދަ ދެއްވާފައިވަނީ މިދިޔަ ހަފުތާގައެވެ. މިއީ 40 އަހަރު ފަހުން ޙަރަމްފުޅުގެ އިމާމަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ޑރ. ޞަލާޙުލްބުދައިރުގެ ދަތުރުފުޅުގެ ތެރޭގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމާއި، ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު އިބްރާހީމްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން، އާންމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވުމާއި، އިލްމުވެރިންނާއި، އިމާމުވެ ނަމާދުކުރާ ޒުވާން ޙާފިޒުންނާއި، ޒުވާން ޚަޠީބުންނާއި، ޤުރުއާން ހިތު ދަސްކުރާ ޒުވާނުންނާ ބައްދަލުކުރެއްވުން ހިމެނެއެވެ.
ވަޒީރު ޑރ.ޝަހީމް އިތުރަށް ވިދާޅުވި ގޮތުގައި، ޕްރީ ސްކޫލްތަކުގެ ދަރިވަރުންނަށްވެސް ޑރ. ޞަލާޙުލްބުދައިރާ ސަލާމްކުރުމުގެ ފުރުޞަތު ދެވޭނެކަމަށެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ އިސްލާމީ އަޤީދާ ވަރުގަދަކުރުމަށާއި، ޒުވާނުންގެ މެދުގައި އިސްލާމްދީނަށް ލޯބި ޖެއްސުމަށް މުހިންމު ދައުރެއް އަދާކުރާނެ ދަތުރުފުޅެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އުންމީދުކުރައްވާ ކަމަށް ވަޒީރު ޝަހީމް ނިންމާލައްވަމުން ވިދާޅުވިއެވެ.
Advertisement
19 އޭޕްރީލް 2025