އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު
ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމުގެ ބިލު މިމަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، ނޮވެމްބަރު މަހުން ފެށިގެން އެ ބިލަށް ޢަމަލުކުރަން ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާއެކު" ނަމުގައި ކުރިއަށްގެންދަވާ ސިލްސިލާ ޕޮޑުކާސްޓުގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި ރާއްޖޭގެ ޖުމްލަ އާބާދީގެ 30 އިންސައްތައަކީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނެވެ. އެމަނިކުފާނު ވިދާޅުވީ މި އާބާދީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނުބައި އާދައިން ދުރުކުރެވިއްޖެނަމަ، ދުޅަހެޔޮކަން އިތުރުކޮށް، ރާއްޖޭގެ މުސްތަޤުބަލު ސަލާމަތްކުރެވޭނެ ކަމަށެވެ.
ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް އެއްކޮށް މަނާ ކުރުމަށެވެ. މިއީ "ޖެނެރޭޝަން ބޭން" ގެ ނަމުން މަޝްހޫރު އުސޫލެކެވެ.
"މިހާރު 6 މަސް ދުވަސް ލިބުނީމަ، މިކަން ކުރަން ފަށާފައި ތިބި ކުދިންނަށްވެސް ފުރުޞަތެއް އެ ލިބެނީ މިކަމުން ދުރުވާން. ދިރާސާތަކުން ދައްކާގޮތުގައި ސިޒޭޝަންގެ ތެރެއިން 3 މަސް ދުވަހުގެ ތެރޭގައި މި އާދައިން އެބަ ދުރުވެވޭ. އެހެންވީމަ އެކަށީގެންވާ މުއްދަތެއްކަމަށް އަޅުގަނޑު މި ބަލަނީ މިއީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ބިލު ފާސްވެ ޤާނޫނަކަށް ވެއްޖެނަމަ، ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށް އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމުގައި ބެލެވެއެވެ. މި ބިލު މަޖިލީހަށް ހުށަހެޅި، ފާސްވުމުން ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމަށްފަހު ނޮވެމްބަރު މަހުން ފެށިގެން ޢަމަލުކުރަން ފެށުމަށް ވަނީ ރޭވިފައެވެ.
Advertisement
17 އޭޕްރީލް 2025