އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު
ލޮބުވެތި ކަނބަލުންނޭވެ! ތިއަކަނބަލުންނަށް ކުރަންޖެހޭ މަސައްކަތްތައް ގިނަވެ ބުރަނޫން ދުވަހެއް ނުފެނުމަކީވެސް ގާތް ކަމެކެވެ. އެކަނިވެރިކަމާއެކު ދިރިއުޅޭ ކަނބަލުންނަށް އިތުރަށް ބުރަބޮޑުވާނެއެވެ. އެހެންކަމާއިއެކުވެސް ޛިކުރުކުރަން ސަމާލުކަންދޭން މަސައްކަތްކުރަން ވާނެއެވެ.
ޛިކުރުކުރުމަކީ ހަމައެކަނި ތަނެއްގައި އިށީނދެ އިނދެގެން ކުރެވެން އޮތްކަމެއް ނޫނެވެ. އެއީ މަސައްކަތުގައި އުޅެމުންވެސް ކުރެވެން އޮތް ކަމެކެވެ. މިވާހަކަ ތަކުރާރުކޮށް ދައްކަން މިޖެހެނީ ﷲ ތަޢާލާއަށް ކުރަންޖެހޭ އަޅުކަން ނުކުރެވެނީ، އެކަލާނގެ ހަނދުމަކޮށް ޛިކުރު ނުކުރެވެނީ މަސައްކަތް ބުރަކަމުން ކަމަށް ވިސްނޭ އަންހެނުން ތިބޭތީއެވެ.
އެހެންވެ ހަނދުމަކޮށްދިނުމުގެ ގޮތުން މި އަންހެނާގެ ވާހަކަ އަބަދުވެސް ކިޔައިދެމެވެ. މިއަދުވެސް އަޑުއަހާށެވެ!
"މަރްޔަމް އަކީ ކުޑަކުޑަ 4 ދަރިން ގޮވައިގެން އެކަނި ދިރިއުޅެންޖެހިފައިވާ މައެކެވެ. ތަނެއްގައި ހަމަޖެހި، އިށީނދެލައިގެން އިނދެ ޛިކްރްކޮށްލާނެ އެއްވެސް ވަގުތެއް އޭނާއަކަށް ނުވެއެވެ. އެހާލުގައި މަރްޔަމް މަސައްކަތްކުރަމުން ގެންދާއިރުވެސް އަބަދުވެސް ހުންނަނީ ޛިކްރްކުރުން މަތީގައެވެ."
އަދިވެސް މަރްޔަމް ބުނެފައިވެއެވެ. "ނިދިން ހޭލެވުނީންސުރެ ތަނެއްގައި އިށީނދެ އޮށޯވެލަން ފުރުޞަތު ލިބެނީ ހަމަ އެކަނި ދަރިފުޅަށް ބުއްދޭ ވަގުތު އެކަންޏެވެ! އެ ވަގުތުގައިވެސް ބަލަނީ ވީހައި ގިނައިން ޛިކުރުކުރެވޭތޯއެވެ!"
މަރްޔަމް ފަދަ އެކަނިވެރި ކިތައް އަންހެނުން ދުނިޔޭގައި އުޅޭނެހެއްޔެވެ؟ މިހިރީވެސް ހަމަ އިންސާނުން ދިރިއުޅެމުން ގެންދާ ހާލެވެ. ގޭތެރޭ މަސައްކަތްކުރަމުން ދަރިންބަލަމުންވެސް މަރްޔަމް އެބަލަނީ ވީހައި ގިނައިން ހެޔޮ އަމަލުކުރެވޭތޯއެވެ.
ރަމަޟާން މަހުގައިވެސް އަދި ސުންނަތް ރޯދައަށް ހުންނަ ދުވަސްތަކުގައިވެސް އޭނާ އެބަލަނީ އިތުރު އެންމެ ހެޔޮ ޢަމަލެއްކޮށްގެންވެސް ރޯދައިގެ ޘަވާބު އިތުރުކުރެވޭތޯއެވެ! މަރްޔަމްއަށް ދެއްވަވާނެ ޘަވާބާއިމެދު ނިކަން ވިސްނައިލަބަލާށެވެ!
ނަމަވެސް ހުރިހައި ކަމެއް ﷲ ތަޢާލާ ފުރިހަމަކޮށްދެއްވަވާފައި ތިބޭ ގިނަ ބައަކަށް މިއުޅެނީ ހޭލީންސުރެ ނިދަންވާއިރުވެސް ﷲ ތަޢަލާގެ މަތިން ހަނދާންކޮށްލާނެ ވަގުތެއް ނުވެގެންނެވެ. ރޯދައަށް ހުންނަ ދުވަސްތަކުގައި ރޯދަވީއްލަންވާއިރުވެސް އުޅެނީ ކީރިތި ޤުރްއާނުން އެންމެ އަކުރެއްވެސް ކިވަވައި ނުލުވިގެންނެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހަމަ މިވަގުތުން ފެށިގެންވެސް ވިސްނައި ފިކުރުކުރަން ފަށާށެވެ! ކިތަންމެ ދަތި ހާލުގައި އުޅުނު ނަމަވެސް ވީހައި ގިނައިން ހެޔޮ އަމަލުކުރެވޭތޯ ގަދައަޅައި މަސައްކަތްކުރަން ފަށާށެވެ! އިސާހިތަކު ހިތްހަމަޖެހުން ލިބެންފަށާނެއެވެ! އުފާވެރިކަންވެސް ލިބެން ފަށާނެއެވެ! މަރުވުމުން ލިބޭނެ ނިޢްމަތްތައް އަދި މާގިނަވާނެއެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
20 އޭޕްރީލް 2025