އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު
ގިނަ ބައަކަށް ޞަދަޤާތްކުރަން އުނދަގޫވަނީ މާބޮޑުކޮށް އެކަންކުރަންވިސްނާތީއެވެ. އެކަމަށް ވިސްނަން ހަދައިގެން އޮންނަނީ ޞަދަޤާތް ނުކުރެވިފައެވެ. ވީމާ ގޭގައި އެދުވަހު ކެއްކި އެއްޗަކުން ނަމަވެސް އެންމެ މީހަކަށް ނަމަވެސް ޞަދަޤާތެއް ކުރަން މަސައްކަތްކުރުމަކީ ވަރަށް ފައިދާހުރި ކަމެކެވެ.
ދަތިޙާލުގައި ދިރިއުޅެންޖެހިފައިވާ މީހުން ބައިވަރެވެ. އަދި ތަނަވަސްކަމުގައާއި ފުދިގެން އުޅެން ލިބިފައިވާ މީހުންވެސް ބައިވަރެވެ. މިދެ ޙާލަތުގައިވެސް އުޅެނީ ހަމަ ﷲ ތަޢާލާގެ އަޅުންނެވެ. އަހުރެމެން އީމާންވެ އަޅުކަންކުރަމުން މިގެންދަނީ ހަމަ އެކަލާނގެއަށެވެ. ނިކަމެތިންނަށް ހެޔޮކޮށް ހިތައި އެހީތެރިވުމުން ގިނަގުނަ ޘަވާބު ދެއްވވާނެ ﷲ އަށެވެ.
ކޮންމެ ދުވަހަކުވެސް ގޭގައި ކައްކާތަކެތިން ދަތިޙާލުގައި އުޅޭ، ކާނެ އެތިކޮޅަކަށް ބޭނުންވެގެން ހުރި އެންމެ މީހަކަށް ނަމަވެސް ނުދީ ނުކެއުމުގެ މުހިންމުކަމަށް ވިސްނައިލަމާ ހިނގާށެވެ!
ޞަދަޤާތްކުރާނެ ފައިސާ އަތުގައި ނެތިގެން ކަންބޮޑުނުވާށެވެ! ތިމާގެ ގޭގައި ކައްކާ ކާބޯތަކެތިން ވެސް ހަދިޔާ ކުރެވިދާނެއެވެ. ނަމަވެސް ހަދިޔާކުރަން އެންމެ ރަނގަޅީ ބާކީވެފައި ހުންނަ ތަކެއްޗެއް ނޫނެވެ. ބާކީވެފައި ހުންނަ ތަކެތި އުކާލުމުގެ ބަދަލުގައި ޞަދަޤާތް ކުރުމަކީ ވެސް މުހިންމު ކަމެކެވެ. ނަމަވެސް ޞަދަޤާތް އެންމެ ފުރިހަމަވާނީ ޞަދަޤާތް ކުރުމަށް މިންވަރެއް އިތުރުކޮށްގެން ކައްކައި އެބައި ޞަދަޤާތް ކުރުމުންނެވެ.
މުހިންމީ ކޮންމެ ގޮތަކުން ނަމަވެސް ކޮންމެ ދުވަހަކުވެސް އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ އެންމެ މީހަކަށް ނަމަވެސް ކާންދިނުމެވެ. ތަނަވަސްކަން ހުރި މިންވަރަކުން ކާން ދޭ މީހުންގެ އަދަދު އިތުރުކުރުމަކީ ކިތަންމެހައިވެސް ފައިދާހުރި ކަމެކެވެ. ވީމާ ކޮންމެ ދުވަހަކީވެސް ކޮންމެ މީހަކުވެސް ކިރިޔާވެސް ފުދުންތެރިކަން ހުރިނަމަ އެންމެ މީހަކަށް ނަމަވެސް ކާން ދޭ ދުވަހަކަށް ހަދާށެވެ. އެކަމުގެ ސަބަބުން ތިބާ ކުރާ އަޅުކަމުގެ ފެންވަރު މަތިވެ ލިބޭ ސަވާބު އިތުރުވެގެންދާނެއެވެ.
ރޯދަމަހު ޞަދަޤާތް ކުރުން އިތުރުކުރާ ފަދައިން ސުންނަތް ރޯދަހިފާ ދުވަސްތަކުގައިވެސް ވީވަރަކުން ޞަދަޤާތްކުރުން އިތުރުކުރާށެވެ. ރޯދަ އާއި ގުޅިފައިވާ އެންމެ ބޮޑު އިޙްޞާޞަކީ ބަނޑުހައިކަމުގެ އިޙްޞާޞްތަކެވެ. ތިބާއަށް ބަނޑުހައިކަން އިޙްޞާޞް ކުރެވުމުން ކާނެ ބޯނެ އެއްވެސް އެއްޗެއް ނުލިބި ހައިހޫނު ކަމުގައި ދިރިއުޅެމުން ގެންދާ މީހުން ދިރިއުޅޭނެ ޙާޅު އިޙްޞާޞް ކުރެވޭނެއެވެ. ރޯދައިގެ އެންމެ ބޮޑު އެއް ޙިކުމަތަކީވެސް އެއީއެވެ.
ވީމާ އެއީ ސުންނަތް ރޯދައެއް ނަމަވެސް ރޯދައެއް ހިފައި ދުވަސް ނިމިގެންދާއިރު ތިމާގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ މަދުވެގެން އެންމެ މީހަކަށް ނަމަވެސް ކާނެ ކޮންމެވެސް އެއްޗެއް ދިއްކޮށްލަންވާނެއެވެ. ރެސްޓޯރަންޓްތަކަށް އަގު ބޮޑު ތަކެތި ގެނެގެން ގެންގޮސްދިނުމަކީ އެހައި މުހިންމު ކަމެއް ނޫނެވެ. މުހިންމީ ޞަދަޤާގް ލިބިގަންނަ މީހަކަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަކަށް އެކަން ކުރުމެވެ.
އެ އުޞޫލުން ބަލާއިރު ފިހެފައި އޮތް ކުކުޅެއް ގަންނަން މިލިބެނީ 10 ޑޮލަރާއި 20 ޑޮލަރާއި ދެމެދުގެ އަގަކަށެވެ. އެ އަދަދަށް ފަޤީރަކަށް ފައިސާ ދީފިނަމަ އެމީހަކާއި އެމީހެއްގެ ޢާއިލާ އެދުވަހު ތިބޭނީ ކައިގެންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
20 އޭޕްރީލް 2025