އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު
ދުނިޔޭގެ ދިރިއުޅުމުގެ ތެރޭގަ އަޅުގަނޑުމެންނަށް ތަފާތު އެކިއެކި ހާލަތްތައް މެދުވެރިވާނެ. ބައެއް ފަހަރަށް ހިތާމަވެރި ހާލަތްތައް މެދުވެރިވޭ. އުފާވެރި ހާލަތްތައް މެދުވެރިވޭ. ހިތްދަތި އުނދަގޫ ހާލަތްތައް މެދުވެރިވޭ. ދުނިޔެއަކީ ހުސް އުފަލެއް ނޫން. އަދި ދުނިޔެއަކީ ހުސް ހިތާމައެއްވެސް ނޫން. މާތް ﷲ ވަޙީ ކުރައްވާފައިވޭ (إِنَّ مَعَ ٱلْعُسْرِ يُسْرًۭا) " ހަމަކަށަވަރުން އުނދަގުލަކާ އެކުގަ ފަސޭހައެއް ވެއޭ."
ﷲ ތަބާރަކަ ވަތަޢާލާ ދުނިޔޭގެ ނިޒާމް ލައްވާފައިވަނީ އުފަލާ، ހިތާމަޔާ، ހިތްދަތިކަމާ، ހިތްހަމަޖެހުމާއި، ބިރުވެރިކަމާއި، އަމާންކަމާއި އެންމެހާ ކަންކަން ހިމެނި ޝާމިލް ވާގޮތަށް. ޝައްކެއް ނެތް އެއިން ކޮންމެ ކަމެއްގެ ފަހަތުގައި އެ އިލާހުގެ ޙިކުމަތްވަންތަކަން އެކުލެވިފައިވޭ. އެހެންވީމާ އަޅުގަނޑުމެން ދުނިޔޭގައި ދިރިއުޅުމުގެ ތެރޭގަ ތަފާތު އެކިއެކި އިމްތިހާނުތަކާއި، ތަފާތި އެކިއެކި އުނދަގޫތަކާއި، ތަފާތު އެކިއެކި ހިތްދަތި ކަންތައްތައް މެދުވެރި ވުމަކީ އެއީ ހިނގަމުންދާ ކަމެއް.
އެހެންނަމަވެސް އަޅުގަނޑުމެންނަކީ ﷲ އާއި އެކަލާންގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޢީމާންވެގެން ތިބި މުއުމިނުންނަށް ވާތީވެ، އަޅުގަނޑުމެން ހަރުދަނާ ވާންޖެހޭ. ޢީމާންކަމުގެ ރުކުންތަކުގެ ތެރޭގަ ހިމެނޭ އެއް ރުކުނަކީ ހެޔޮ މިންވަރާއި ނުބައި މިންވަރަށް ޢީމާން ވުން. ތިމާ އެދޭ ތިމާ ރުހޭ ކަމެއް މެދުވެރި ވެއްޖެއްޔާ އެކަމަށްޓަކާ ﷲ އަށް ޙަމްދުކޮށް ޝުކުރުވެރި ވާންޖެހޭ. އަދި ތިމާ ނޭދޭ ހިތާމަވެރި ހިތްދަތި ދެރަގޮތެއް މެދުވެރި ވެއްޖެނަމަ އެކަމަކަށް ކެތްތެރިވެ ﷲ މިންވަރު ކުރެއްވި ގޮތާއި މެދުގައި ރުހެންޖެހޭ.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް
Advertisement
21 އޭޕްރީލް 2025