އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 51 ސިކުންތު
ދިވެހީންގެ އެވޭލާ ތާރީޚުގެ ވާހަކަތައް ފެންނާން އޮތް އެންމެ ދުރު ހިސާބުން ފެށިގެން މިއަދާއި ހަމަޔަށްވެސް ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އޮތް މި ޤައުމު، އެއް ވެރިކަމެއްގެ އަމުރުމަޢުރޫފުގެ ދަށުގައި، މުސްތަޤިއްލު ވަޒަނެއްގެ ގޮތުގައި ދެމިއޮތީ، އެއްވެސް ޝައްކެއްނެތް ގޮތުގައި ޤައުމުގެ މިނިވަންކަމާއި އެއްބައިވަންތަކަން ހިފަހައްޓައިދިނުމަށް ކެނޑިނޭޅި ބަޔަކުވީ ގުރުބާނީގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަޏީ ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބް:
ދިވެހި ޤައުމީ ދިފާޢީ ބާރުގެ ނުގުޑާ ޢަޒުމާއި، ދެގޮތެއް ނުވާ ސާބިތުކަމާއި، ޤައުމީ ލޯބީގެ ރީތި ނަމޫނާއަށް ފަޚުރުވެރިވަމުން، ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ، ޢަސްކަރިއްޔާގެ ބަދަހި ލަޝްކަރަށާއި، ސިފައިންގެ ޢާއިލާތަކަށް، އަދި ވޭތުވި މާޒީގައި މި މުއައްސަސާގައި މަސައްކަތްކޮށްދެއްވާފައިވާ ހުރިހާ ޚިދުމަތްތެރީންނަށް، ސާބަހާއި ޝުކުރުގެ ބަސްތަކާއެކު ދަންނަވަމެވެ.
ދިވެހީންގެ އެވޭލާ ތާރީޚުގެ ވާހަކަތައް ފެންނާން އޮތް އެންމެ ދުރު ހިސާބުން ފެށިގެން މިއަދާއި ހަމަޔަށްވެސް ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އޮތް މި ޤައުމު، އެއް ވެރިކަމެއްގެ އަމުރުމަޢުރޫފުގެ ދަށުގައި، މުސްތަޤިއްލު ވަޒަނެއްގެ ގޮތުގައި ދެމިއޮތީ، އެއްވެސް ޝައްކެއްނެތް ގޮތުގައި ޤައުމުގެ މިނިވަންކަމާއި އެއްބައިވަންތަކަން ހިފަހައްޓައިދިނުމަށް ކެނޑިނޭޅި ބަޔަކުވީ ގުރުބާނީގެ ސަބަބުންނެވެ.
ކޮންމެ ނަމެއް ކޮންމެ ޒަމާނަކު ކިޔާފައިވީ ނަމަވެސް، މި ގުރުބާނީގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަބަދުވެސް އަދާކުރީ، ޤައުމު ދިފާޢުކޮށް، އަމާންކަމާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށް ރުކުރުވާލާފައިވާ ލަޝްކަރެވެ. މިއަދު އަޅުގަނޑުމެން މި ނަންކުރާ ދިވެހި ޤައުމީ ދިފާޢީ ބާރު، ނުވަތަ ދިވެހި ސިފައިންނެވެ.
ސިފައިން، އަމިއްލަ ނަފުސާ ޢާއިލާތަކަށްވުރެ އަބަދުވެސް އިސްކުރީ ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތެވެ. ޤައުމަށް ދިމާވި ކޮންމެ ބޮޑުކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު، ދިވެހީންނަށްޓަކައި ދަލާއި ލޭ އޮހޮރުވައި، ރެޔާއިދުވާލު ވަރުބަލިވުމެއް ނެތި ބުރައުފުލުމުގައި އިސްނެގީ ދިވެހި ސިފައިންނެވެ.
މިފަދަ ކޮންމެ ޚުޠޫރަތްތެރި ވަގުތަކުވެސް، "ޤައުމުގެ ޙައްޤުގައި ހޭވައްލާ ތައްޔާރު"ވެ ޚިދުމަތަށް އަވަސްވެގަތީ ދިވެހި ސިފައިންނެވެ. ކޮންމެ ކަންބޮޑުވުމަކުން ރައްޔިތުން ދަފަރާކުރުމަށް، އެއްގަމާއި ކަނޑާއި ވައިގެތެރޭގައިވެސް 24 ގަޑިއިރު ހުއްޓުމެއްނެތި ހަރަކާތްތެރިވަމުން ދަނީ ދިވެހި ސިފައިންނެވެ.
ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި، އެކި ޒަމާނާއި އެކި ޙާލަތުގައި އެކި މިސްރާބަށް ކަންކަން އެނބުރެމުން މިދާ ދިއުމުގައި، ދިވެހި ދައުލަތާއި ދީބަށް ލޮޅުމެއް އެރިޔަ ނުދީ، މަސަލަސްކަމާއި މަޖްދާއި ކަރާމާތް ދެމެހެއްޓުމުގެ އެންމެ މަތިވެރި ގައުމީ ޒިންމާ އުފުލާނީ ދިވެހި ސިފައިންނެވެ. ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ޤައުމީ ލޭ ދައުރުވާހައި ހިނދަކު، ދިވެހި ޢަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު، އިރާދަކުރެއްވިއްޔާ ދިވެހީންގެ މިނިވަންކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތެވެ.
މާތްވެގެންވާ އިސްލާމްދީނާއި، މި ވަޠަނުގެ މުސްތަޤިއްލުކަމުގެ ޙައްޤުގައި ދިވެހި ސިފައިން އެ ކުރައްވާ ހިންމަތްތެރި މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލައްވާށިއެވެ. ދިވެހި ޤައުމީ ދިފާޢީ ބާރު ވަރުގަދަކޮށް، ޒަމާނީ ވަސީލަތްތަކާއި ކުރިއެރުން ޙާޞިލުކުރުމަށް މިކުރާ މަސައްކަތްތަކަށް ކާމިޔާބީ މިންވަރު ކުރައްވާށިއެވެ. މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށިއެވެ. އާމީން.
"އިސްނަގާ ކުރިޔަށް ދާނީ ސިފައިން، ޢަޒުމުގައި ސީދާވާހެން،
ޤައުމީ ޚިދުމަތް ރޭދުވާ ހޭދަކޮށްލައިގެން ދޭނީ،
ފަސްގަނޑާ، ދީނާ، ޤައުމަށްޓަކައި، އޭގެ ރޫޙާނީ ބާރުން،
ޤައުމީ ޚިދުމަތް، ނަޞްރު އެދި ޝަހީދީ ލޭ ޖިހާދުގައި ދޭނީ"
Advertisement
21 އޭޕްރީލް 2025