އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 41 ސިކުންތު
ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބިރުވެތިވެވޭ މިންވަރު އެނގޭނީ ހަމަ އެމީހަކަށެވެ. ހަމަ ޤައިމުވެސް އެކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. އެމީހަކަށް ލަޢްނަތް ޙައްޤުވުމުން ލަޢްނަތް ލައްވަވާނެތެވެ. އެހެން ނޫންނަމަ ނޫޙުގެފާނާއި ލޫޠުގެފާނުގެ އަނބިއަނބިކަނބަލުން ފަދަ މީހުންނަކަށް ލަޢްނަތް ނުލެއްވެވީހެވެ.
ނޫޙްގެފާނުގެ އަނބިކަނބަލުންނާއި، ލޫޠުގެފާނުގެ އަނބިކަނބަލުންގެ ވާހަކައިން، ކާފިރުވިމީހުންނަށް ﷲ، މިޘާލެއް ޖެއްސެވިއެވެ. އެ ދެބޭކަނބަލުން ތިއްބެވީ ތިމަންރަސްކަލާނގެ ޞާލިޙްއަޅުންގެ ތެރެއިން ދެ އަޅެއްގެ އަމުރުގެ ދަށުގައެވެ. ފަހެ، އެ ދެބޭކަނބަލުން، އެ ދެބޭކަލުންނަށް ޚިޔާނާތްތެރިވިއެވެ. ފަހެ، ﷲ ގެ ޙަޟްރަތުން އެއްވެސްކަމެއް އެ ދެބޭކަނބަލުންނަށްޓަކައި، އެ ދެބޭކަލުންނަކަށް ފުއްދައެއް ނުދެއްވުނެވެ. އަދި އެ ދެބޭކަނބަލުންނަށް އަންގަވާނެތެވެ. (ނަރަކައަށް) ވަންނަމީހުނާއެކު، ތިޔަ ދެމީހުންވެސް ނަރަކަޔަށް ވަންނާށެވެ!" (އައްތަޙްރީމް: 10)
މިއާޔަތުގެ ތަފްސީރުގައި ޢިލްމްވެރިން ބަޔާންކުރައްވާފައިވަނީ ޚިޔާނާތްތެރިވުން އައިސްފައިވަނީ ޒިނޭކުރުން ފަދަ ކަމެއް ކުރައްވައިގެން ނޫންކަމަށާއި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވުމުން ކަމަށެވެ.
އެދެބޭކަނބަލުންވެސް ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ގޮންޖައްސަވައި ވެވަޑައިގަތީ ކާފިރުންނަށް ހިތްވަރު ދެއްވެވި އަނބިއަނބިކަނބަލުން ކަމުގައެވެ. ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަމަށް މީސްތަކުންގެ ތެރޭގައި ފަތުރުއްވަން މަސައްކަތް ކުރެއްވެވި ބޭކަނބަލުން ކަމުގައެވެ.
ﷲ ތަޢާލާ ވަނީ ލޫޠުގެފާނުގެ ޤައުމު ބަންޑުން ޖައްސަވައިފައެވެ. ނޫޙޫގެފާނުގެ ޤައުމު ވަނީ ޣަރަޤް ކުރައްވަވައިފައެވެ.
ދާދިފަހުން ސައިންސްވެރިން ބުނެފައިވަނީ އެމީހުންނަށް އަލަށް ފެނުނު ބުދަކީ ލޫޠުގެފާނުގެ އަނބިކަނބަލުން ކަމަށެވެ. މިކަމުގެ ހެކިތަކެއްވެސް ދައްކައެވެ. މިކަމާއި ގުޅިގެން ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ފަސްއެނބުރި ނުބައްލަވަން މަލާއިކަތުން އަންގަވާފައިވަނިކޮށް އެކަމަނާ ލޫޠުގެފާނާއިއެކު ވަޑައިގަންނަވަމުންވެސް ޤައުމުގެ މީހުންގެ މައްޗަށް ހިތްޕުޅުގައި އޮތް ހަމްދަރުދީ ބޮޑުކަމުން ފަސްބައްލައިލެއްވެވުނު ވަޤުތު ﷲ ތަޢާލާ އެކަމަނާ ބުދަކަށް ބަދަލުކުރެއްވެވީކަމެވެ.
އެއީ އެބޭކަލުންގެ އަމިއްލަ ވިސްނުންފުޅުން ވިދާޅުވާ ބަސްފުޅެއް ކަމަށްވެދާނެއެވެ. ﷲ ތަޢާލާއީ މީސްތަކުންނަށް ޢިބްރަތަކަށްޓަކައި ހަލާކުވުމެއް ފަނާވުމެއް ނެތި ފިރުއަޢުނުގެ ހަށިގަނޑު ލެއްވެވި ކޮންމެ ކަމަކަށް ކުޅަދުންވަންތަ ޖައްބާރުވަންތަ ރަސްކަލާނގެއެވެ.
މިއަދަކު ނަބީބޭކަލުންނާއި ރަސޫލްބޭކަލުންނެއް ނުތިއްބަވާނެއެވެ! އުންމަތުގެ ކަންކަން ޙަވާލުކުރައްވަވާފައިވަނީ ވެރިންނާއިއެވެ. ވީމާ މިއީ މިއިން ވިސްނައި ފިކުރުކޮށްފި ބައަކަށް ޢިބްރަތަކަށްވެގެންދާނެ ކަންކަމެވެ. އަގުހުރި ފިލާވަޅުތަކެވެ.
- މޮޅަށް ދެނެވޮޑިގެންވަނީ ﷲ
Advertisement
23 އޭޕްރީލް 2025