އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަނދުމަކޮށްދިނުމެއް!: ރަވާތިބް ސުންނަތްތަކާއި ކުރުމުން ލިބޭ ބައެއް ފައިދާ-

ހަނދުމަކޮށްދިނުމެއް!: ރަވާތިބް ސުންނަތްތަކާއި ކުރުމުން ލިބޭ ބައެއް ފައިދާ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 47 ސިކުންތު

ޢާއިޝަތު ރަފާޙް ޢަލީ

 

ސުންނަތް ނަމާދުތަކުގެ ތެރޭގައި ވަރަށް ގިނަ ނަމާދުތައް ވެއެވެ. އޭގެ ތެރޭގައި ރަވާތިބު ސުންނަތްތައް ވެސް ހިމެނެއެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނި ރަވާތިބު ސުންނަތްތަކުގެ މައްޗަށެވެ.  

ރަވާތިބު އަކީ ރާތިބާ މި ލަފްޒުގެ ގިނަ ގޮތެވެ. ރަވާތިބު ސުންނަތްތަކުގެ ޢަދަދު ކަމަށް ބަޔާން ކުރައްވާފައިވަނީ 12 އެވެ. އެއީ ފަތިސް ނަމާދުގެ ކުރީން 2 ރަކުޢަތް، މެންދުރު ނަމާދުގެ ކުރީން ހަތަރު ރަކުޢަތް، މެންދުރު ނަމާދުގެ ފަހުން ދެ ރަކުޢަތް، މަޢްރިބް ނަމާދުގެ ފަހުން 2 ރަކުއަތް އަދި ޢިޝާ ނަމާދުގެ ފަހުން 2 ރަކުޢަތެވެ.  

ފަތިސްނަމާދުގެ އިހްސުންނަތް: 

ފަތިސްނަމާދުގެ އިހު ސުންނަތުގެ 2 ރަކްޢަތާއިމެދު ޙަދީޘްފުޅުގައިވަނީ އެ 2 ރަކްޢަތަކީ ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ ﷲ ތަޢާލާގެ ޙަމްރަތުގައި ލޮބުވެތިކަން ބޮޑު 2 ރަކްޢަތް ކަމުގައެވެ.  

އުންމު ޙަބީބާ ރިވާކުރައްވާފައިވެއެވެ. ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.

((مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ)) [أخرجه مسلم]

މާނައީ: "ރެއަކާއި ދުވާލު ސުންނަތް ބާރަ ރަކުޢަތްކޮށްފިމީހާ ދަންނައެވެ. އޭގެ ސަބަބުން ސުވަރުގޭގައި އޭނާއަށް ގެއެއް ބިނާކުރެވެއެވެ." 

އަދިވެސް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. 

(مَنْ حَافَظَ عَلَى أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَأَرْبَعٍ بَعْدَهَا حَرَّمَهُ اللَّهُ عَلَى النَّارِ) (رواه الترمذي وصححه الألباني)

މާނައީ: "މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތާއި މެންދުރުނަމާދުގެ ފަހުން ހަތަރު ރަކުޢަތަށް ރައްކާތެރިވާމީހާ ދަންނައެވެ. އޭނާގެ މައްޗަށް ﷲ ވަނީ ނަރަކަ ޙަރާމްކުރައްވާފައެވެ." 

ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އާދަވެގެން މި ސުންނަތްތައް ކުރާ މީހަކު، ސަބަބެއް މެދުވެރިވެގެން އެއިން ސުންނަތެއް ނުކުރެވިއްޖެ ނަމަ، އޭގެ ވަގުތު ފާއިތުވީ ކަމުގައި ވިޔަސް އެ ސުންނަތް ޤަޟާކުރެވިދާނެއެވެ. މިސާލަކަށް، ފަތިސް ނަމާދު ޖަމާޢަތަށް ދެވުނުއިރު ނަމާދު ފައްޓާފައި އޮތިއްޔާ ނަމާދަށް ފަހު، އިހު ސުންނަތުގެ ދެ ރަކުޢަތް ޤަޟާކުރެވިދާނެއެވެ. 

ރަވާތިބު ސުންނަތްތަކަކީ ފަރްޟު ފަސް ނަމާދުގެ ފަހުން ކުރާ ކޮންމެ ނަމާދެއް ނޫނެވެ. މިކަން ބަޔާން ކޮށްއދެއްވާ ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ.  

(مَنْ ثَابَرَ عَلَى ثِنْتَيْ عَشْرَةَ رَكْعَةً مِنْ السُّنَّةِ بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَرَكْعَتَيْنِ بَعْدَهَا وَرَكْعَتَيْنِ بَعْدَ الْمَغْرِبِ وَرَكْعَتَيْنِ بَعْدَ الْعِشَاءِ وَرَكْعَتَيْنِ قَبْلَ الفجر)  

މާނައަކީ: ސުންނަތުގެ ބާރަ ރަކްޢަތަށް ރައްކާތެރިވެއްޖެމީހަކަށް މާތް ﷲ ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ. (އެއީ) މެންދުރުނަމާދުގެ ކުރިން ހަތަރު ރަކްޢަތާއި ފަހުން ދެރަކްޢަތެވެ. އަދި މަޣްރިބްނަމާދުގެ ފަހުން ދެރަކްޢަތެވެ. އަދި ޢިޝާގެ ފަހުން ދެރަކްޢަތެވެ. އަދި ފަތިސްނަމާދުގެ ކުރިން ދެރަކްޢަތެވެ". 

ރަވާތިބު ސުންނަތްތަކުގެ ފައިދާއަކީ އާދަކޮށް ރަވާތިބު ސުންނަތްތައް ކުރާ މީހާގެ އަޖުރު ވަރަށް ބޮޑުވެގެންދެއެވެ. އަދި ސުވަރުގޭގައި ގެއެއް ބިނާކުރެވިގެންދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް