އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 21 ސިކުންތު
އެމީހަކު އެންމެ ލޯބިވާ ދުނިޔެދޫކުރާ ވަޤުތު އޭނާއަށް އަޑުއިއްވުމުގެ ބޭނުމުގައި ހިތުގެ އިޙްޞާޞްތައް ބަންޑުންކޮށްލެވުމަކީ ގިނަބއަކަށް ކުރެވޭ ކަމެކެވެ؟ ސުވާލަކީ އެވާހަކަތައް އޭނާއަށް އަޑުއިވޭނެ ހެއްޔެވެ؟ އެއީ ފާފައަކަށްވެދާނެ ހެއްޔެވެ؟
އެވާހަކަތައް އޭނާއަށް އަޑުއިވޭނެ ހެއްޔެވެ؟
އެވާހަކަތައް އޭނާއަށް އަޑުއިވުމާއި ނުއިވުމާއިމެދު ސީދާ ބަހެއް ބުނާކަށް ނުއެނގެއެވެ. ﷲ ތަޢާލާ އިރާދަކުރައްވަވައިފިނަމަ އަޑުއިވިދާނެއެވެ. އެހެނީ މީހަކު މަރުވުމުން ދެރަވެ ހިތާމަކޮށް އަޑުހަރުކޮށް ރޮއި ނުހެދުމަށާއި އެކަމުން މައްޔިތާއަށް އުނދާގޫވާނެކަމަށް އޮވެއެވެ. އަދި އެއިގެ މާނައަކީ އެތަނުގައި ދެކެވޭ ހުރިހާ ވާހަކަތަކެއްގެ އަޑު ދުނިޔޭގައި ހުރި މީހަކު ފަދައިން އޭނާއަށް އިވުން ކަމަކަށްވެސް ނުބެލެވޭނެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
ހަމައެއާއިއެކު މައްޔިތާ ވަޅުލާފައި އެތަނުން މީހުންދާއިރު އެމީހުންގެ ފިޔަވަޅުތަކުގެ އަޑު އިވޭނެ ކަމަށް އޮވެއެވެ. ވީމާ އެކަމުން އެނގެނީ އެމީހަކަށް ﷲ ތަޢާލާ އިއްވަވަން އިރާދަކުރައްވައިފި އަޑެއް އިވޭނެ ކަމެވެ. އެކަމަށް އެއްވެސް ހުރަހެއް ނެތްކަމެވެ. ބިމުއަޑީގައި ވަޅުލެވިފައިވާ މީހަކަށް އެއަޑުއިވޭނެއިރު ވަޅުނުލެވި އޮތް މީހަކަށް އަޑު ނުއިވޭނެ ކަމަށް ބުނެވޭކަށް ނެތެވެ. އެހެންކަމުން އޭނާގެ ގާތުގައި ދައްކާ ވާހަކަ ކުރިން މިބުނި ސަބަބުތަކަށްޓަކައި އަޑުއިވޭނެ ކަމަށް ނުވަތަ ނުއިވޭނެކަމަށްވެސް ބުނެވޭކަށް ނެތެވެ.
ކޮންމެއަކަސް ފުރާނަ ހިއްޕެވުމަށްފަހު މަލާއިކަތުން އެމީހެއްގެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލަވަތެވެ. އަދި ފަހުން އަނބުރައި ރުޖޫޢަވެސް ކުރައްވަވަތެވެ. އެދެމެދުގައި ހިނގަނީ ކިހައި އިރެއްކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.
ތައްޔާރުވާންވީ ތިމާ މަރުވާނެ ވަޤުތަށެވެ. ތިމާގެ ފުރާނަ ﷲ ތަޢާލާގެ ޙަމްރަތަށް އުފުއްލަވާނެ ވަޤުތަށެވެ. ގަދައަޅައި މަސައްކަތްކުރަންވީ ތިމާގެ ފުރާނަ ﷲ ތަޢަލާގެ ޙަމްރަތަށް އުފުއްލެވުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެ މަގުން ދުނިޔޭގައި އުޅުމަށެވެ.
އެއީ ފާފައަކަށްވެދާނެ ހެއްޔެވެ؟
އެއީ ފާފައަކަށްނުވާނެއެވެ. ލޯބިވާ މީހަކު މަރުވުމުން ބުނެވޭނީ ހެޔޮބަސްތައް ކަމުގައިވާތީއެވެ. ކުރެވޭނީ ތަޢްރީފްކަމަށްވާތީއެވެ. ދެވޭނީ ހިތްވަރުކަމަށްވާތީއެވެ. އަހުރެން ހިތްވަރުދޭނީ ތައްރީފްގެ ބަސްތައް ބުނުމާއިއެކުގައިވެސް އޭނާގެ މައްޗަށް ހެޔޮދުޢާކުރުމަށެވެ.
ނަމަވެސް މައްޔިތާއަށް ނުބައިބަސް ނުބުނާށެވެ! އޭނާއަށް ކުރެވިފައިވާ ކަމެއްގެ ސަބަބުން ހިތުގައި ނަފްރަތުކަން އޮތަސް އެކުށަށް އޭނާ ތައުބާވެ އިސްތީޣްފާރުކޮށްފައި ނުވާކަމެއް ނުއެނގޭނެއެވެ. ވީމާ މީހަކު މަރުވުމުން ނުބައިބަސްބުނެ ނުހަދާށެވެ. އެންމެ ރަނގަޅު ގޮތަކީ ތިމާއަށް ކުށެއް ނުވަތަ ނުބައިކަމެއް ކޮށްފައި އޮތަސް އެކަމަކަށް އަވަހަށް މާފުކުރުމެވެ. އެކަމުގެ ސަބަބުން އޭނާއަށް އެއްވެސް ޢަޛާބެއް ނުދެއްވެވެން އެދުމެވެ.
މިވާހަކަކޮޅު މިބުނީ އަހުރެންގެ އަމިއްލަ ވިސްނުމުންނެވެ. ބައެއް މީހުން އެފަދަ ސުވާލުތައް ކުރާތީ ޖަވާބެއްގެ ގޮތުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
23 އޭޕްރީލް 2025