އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު
އދ. ދަނގެތީގައި އަލަށް ޤާއިމްކުރަން ނިންމާފައިވާ އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން 14،870،413 ރުފިޔާގެ މަޝްރޫޢު 330 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ.
ސްޓެލްކޯ ހެޑްއޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ. އަދި މަސައްކަތާ ހަވާލުވި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސައިން ތަސްމީނެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވި ގޮތުގައި، "ދަނގެއްޗަކީ ލޯކަލް ޓުއަރިޒަމްގައި ކުރިއަރަމުން އަންނަ ރަށަކަށްވުމުންނާއި، ގެސްޓްހައުސްތައް އިތުރުވެ، ކަރަންޓު ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ރަށަކަށްވުމުން، އައު އިންޖީނުގެއެއް ބޭނުންވެފައިވާ ރަށެކެވެ."
ދަނގެތި ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި މިއީ ދަނގެތީ ރައްޔިތުންގެ ފަސް އަހަރުގެ އިންތިޒާރަކަށް ނިމުމެއް އައި ދުވަހެކެވެ. "މިވަގުތުވެސް މިހާރުގެ އިންޖީނުގެ އިންތަނުގެ ސަބަބުން، ކައިރީގައި ހުރި ގެތަކަށާއި، ގެސްޓްހައުސްތަކަށް ދަތިތަކެއް ކުރިމަތިވަމުންދަނީ. މިއަދުގެ މި އެއްބަސްވުމާއެކު، އެ ރައްޔިތުންނަށް އަލިމަގެއް ފެނިގެން މި ދިޔައީ" މެންބަރު ރަޝީދު ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ، "މިއަދަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށްވެސް އުފާވެރި ދުވަހެއް، މިކަމަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ކަމެއް" ކަމަށެވެ.
މިހާރު އިންޖީނުގެ ހުރި ސަރަހައްދުގެ ސަބަބުން ގިނަ ފަރާތްތަކަކަށް އެ ސަރަހައްދުގައި އިމާރާތްކުރުމުގެ މަސައްކަތް ނުފެށި ލަސްވެފައިވާ ކަމަށް ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއަދު މި އެއްބަސްވުމާއެކު އެކަމަށް ހައްލު ލިބިގެންދާނެ ކަމަށާއި، މިއީ ވަރަށް ރަނގަޅު ފެށުމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޖީނުގެ ބަދަލުކުރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފަސް އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރެވިފައިވާ ކަމަށް ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ހައްލު ހޯއްދަވައިދެއްވި ކަމަށްޓަކައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ އައު އިންޖީނުގެ ނިމުމުން، ދަނގެތީގެ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނގެތީގެ ރައްޔިތުންނަށް ގެނެސްދޭ އުފާވެރި ތަރައްޤީއެއް ކަމުގައި ވެސް ފާހަގަކުރެވެއެވެ.
Advertisement
23 އޭޕްރީލް 2025