އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު
އެލައިޑް ހެލްތު ދާއިރާއަށް 1500 އަށްވުރެ ގިނަ ދިވެހިން ތަމްރީން ކުރުމަށް ޞިއްޙީ ވުޒާރާއާއި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި ޤައުމީ ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ޤައުމީ ޔުނިވަރސިޓީގެ މައި މަރުކަޒުގައި ބޭއްވުނު ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޞިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމާއި، މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަދި ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޞިއްޙީ ވަޒީރު ވިދާޅުވީ، މިދާއިރާއިން މީހުން ބޭނުންވާ މިންވަރު ދެނެގަތުމަށް ހެދި އެސެސްމަންޓުން ދައްކާގޮތުގައި ގިނަ އަދަދެއްގެ މީހުން މި ދާއިރާއަށް ބޭނުންވާ ކަމަށެވެ. އަދި މިހާރު އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރަމުން ގެންދަނީ ގިނައިން ބިދޭސީ މުވައްޒަފުން ކަމަށް ފާހަގަކުރެއްވިއެވެ.
"ސަރުކާރުގެ މިހާރުގެ އަމާޒަކީ ހެލްތު ސެކްޓަރގެ އިންފްރާސްޓްރަކްޗަރ އަށް ކުރާ ޚަރަދާ އެއްވަރަށް ނޫނީ އެއަށްވުރެ ބޮޑަށް މީހުން ތަމްރީން ކުރުން،" ވަޒީރު ވިދާޅުވިއެވެ.
ޤައުމީ ޔުނިވަރސިޓީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތުގެ ނިޒާމަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމްތަކުން އެލައިޑް ހެލްތު ދާއިރާއަށް 1500 އަށްވުރެ ގިނަ ދިވެހިން ތަމްރީނު ކުރެވިގެންދާނެއެވެ.
Advertisement
23 އޭޕްރީލް 2025