އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 40 ސިކުންތު
"ﷲ ތަޢަލާ މީސްތަކުންނަށް ޢަޛާބް ދެއްވަވަން އޭލިޔަންސް" ފަދަ ބައަކު ފައުޅު ނުކުރައްވަވާނެކަމަށް ބުނާ ބައަކު އުޅެއެވެ. އެމީހުން އޭލިޔަންސްގެ ގޮތުގައި އެސިފަކުރަނީ ޔައުޖޫޖު މައުޖޫޖުބާގައިގެ މީހުންނެވެ. އެމީހުން އެހެން އެބުނަނީ ޤުރްއާނުގައި ބަޔާންވެގެންވާ ކަންކަން ނުއެނގޭތީއެވެ. އެހެނީ ޔައުޖޫޖު މައުޖޫޖުބާގައިގެ މީހުން ފައުލުކުރައްވަވާނެކަން ޤުރްއާނުގައި އެބަ އޮތެވެ. ވަރަށް ސާފުކޮށެވެ.
ޔައުޖޫޖު އަދި މައުޖޫޖު ބާގައިގެ މީހުންނަކީ އުޅުމުގައި އިންސާނީ ސިފަތައް ނުހުންނަ ބައެކެވެ. މިމީހުންނަކީ ތަންތަން ސުންނާފަތިކޮށް، އެސަރަހައްދެއްގައި އުޅޭ މީހުންނަށް އުނދަގުލާއި ދުއްތުރާކޮށް ޖަނަވާރުންފަދައިން އުޅޭބައެކެވެ.
އޭރު ދުނިޔޭގެ ވަރަށް ބޮޑު ހިސާބެއްގެ ރަސްކަންކުރަމުންދިޔަ މުސްލިމު ރަސްކަލެއްކަމަށް ބުނެވޭ ޛުލްޤަރްނައިން، ދަތުރުކުރަމުންދަނިކޮށް އެހީއަށްއެދެމުން ދިޔަ މީހުންތަކެއް އުޅެމުންދާ ފަރުބަދައެއްކައިރިއަށް ވަޑައިގެންނެވުނެވެ. އެމީހުން ޛުލްޤަރުނައިން އަރިހުގައި އާދޭސްކުރަމުންދިޔައީ ޔައުޖޫޖު އަދި މައުޖޫޖު ބާގައިގެ މީހުންކިބައިން އެމީހުން ސަލާމަތްކޮށްދިނުމަށެވެ. މިވާހަކަ ވަރަށް ފުރިހަމައަށް މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާ ކަޙަފް ސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ.
"އެއުރެން ބުނެފޫއެވެ! އޭ ޛުލްޤަރްނައިންއެވެ! ހަމަކަށަވަރުން ޔައުޖޫޖު އަދި މައުޖޫޖު ބާގައިގެ މީހުންނަކީ ބިމުގައި ފަސާދަކޮށްއުޅޭ ބައެކެވެ. ފަހެ، ކަލޭގެފާނު ތިމަންމެންނާ އެއުރެންނާ ދެމެދުގައި ހުރަހެއް ލައްވައިދެއްވާނެކަމަށް ކަލޭގެފާނަށް ތިމަންމެން ޖިޒީއެއް ދެންތޯއެވެ؟ އޭނާ ވިދާޅުވިއެވެ. ތިމަންގެ ވެރިރަސްކަލާނގެ އެކަމުގައި ތިމަންނައަށް ދެއްވާފައިވާ ބާރު ތިޔަ ޖިޒީއަށްވުރެ މާރަނގަޅެވެ. ފަހެ، ތިޔަބައިމީހުން ބާރެއްލައިދީ ތިމަންނާއަށް ވާގިވެރިވާށެވެ! އޭރުން ތިޔަބައިމީހުންނާއި އެއުރެންނާ ދެމެދު ހުރަހެއް ލައިދޭހުށީމެވެ. ތިމަންނާއަށް ދަގަނޑު އެތިއެތިގަނޑު ގެނެސްދޭށެވެ. ދެން އެފަރުބަދަ ދޭތެރޭގައި އޮތްތަން އެއްވަރުވީހިނދު، އޭނާ ވިދާޅުވިއެވެ. އެ ދަގަނޑުތައް ދޮންވެ އަލިފާނަށް ވެއްޖެއުމަށްދާންދެން ތިޔަބައިމީހުން ފުމޭށެވެ! އޭނާ ވިދާޅުވިއެވެ. ވިރުވާފައިވާ ރަންވަންލޮއި އޭގެ މައްޗައް އޮއްސައިލުމަށް ތިމަންނާއަށް ގެނެސްދޭށެވެ. ފަހެ، އެހުރަހުގެ މަތިން އެއުރެންނަކަށް އެރުމަކަށް ކުޅަދާނައެއްނުވިއެވެ. އަދި އެ ހުރަސް ފޫއަޅޫވައިލުމަކަށްވެސް އެއުރެންނަކަށް ކުޅަދާނައެއްނުވިއެވެ. އޭނާ ވިދާޅުވިއެވެ. މިއީ ތިމަންގެ ވެރިރަސްކަލާނގެ ޙަޟްރަތުންވާ ރަޙްމަތެކެވެ. ފަހެ، ތިމަންގެ ވެރިރަސްކަލާނގެ ވަޢުދުފުޅު އަތުވެއްޖެނަމަ އެހުރަސް ކުނޑިކުނޑިވެގެން ހިނގައިދާހުއްޓެވެ. އަދި ތިމަންގެ ވެރިރަސްކަލާނގެ ވަޢުދުފުޅު ޙައްޤު ތެދުކަމުގައިވިއެވެ." (94-98)
ޔައުޖޫޖު އަދި މައުޖޫޖު ބާގައިގެ މީހުން ފައުޅުވުމަކީ ޤިޔާމަތްވުން ކައިރިވެއްޖެ ކަމުގެ ބޮޑެތި ޢަލާމާތްތަކުގެ ތެރެއިން ޢަލާމަތެއްކަންވެސް އަހަރެމެންނަށް ކަޙަފް ސޫރަތުން ޔަޤީންވެގެންދެއެވެ.
"އެދުވަހުން، ތިމަންރަސްކަލާނގެ ޔައުޖޫޖު އަދި މައުޖޫޖު ބާގައިގެ މީހުން އެއްބަޔަކު އަނެއްބައެއްގެ މައްޗައް އުތުރިއަރާގޮތަށް ދޫކޮށްލައްވާހުށީމެވެ. އަދި ތާޅަފިލި ފުމެލައްވާހުށްޓެވެ. ފަހެ، އެހާރުން ތިމަންރަސްކަލާނގެ އެންމެން އެއްތަނަކަށް އެއްކުރައްވާހުށީމެވެ." (18:99)
އެހުރަހުން ސަލާމަތްވުމަށް ޔައުޖޫޖު އަދި މައުޖޫޖު ބާގައިގެ މީހުން ކޮންމެ ދުވަހަކުވެސް މަސައްކަތްކުރަމުންގެންދާނެއެވެ. މާތްﷲ އެކަންވުމަށް އިރާދަކުރެއްވުމުން، އެހުރަސް ހަލާކުކޮށް، އެމީހުން މުޅި ދުނިޔެމަތީ ފެތުރިގަންނާނެއެވެ. އެދުވަސްތައްވެގެންދާނީ ނާމާންދުވަސްތަކަކަށެވެ. އެއްވެސް ޙައްޤަކާނުލައި މީހުން މެރުންފަދަ ކަންކަން އެމީހުންކުރާނެއެވެ. ދެން ޔައުޖޫޖު އަދި މައުޖޫޖު ބާގައިގެ މީހުންގެ ފިޠުނައިން ސަލާމަތްކޮށްދެއްވުމަށްއެދި ޢީސާ ޢަލައިހިއްސަލާމް ދުޢާ ދެންނެވުމުން، މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާ އެމީހުން ނެތިކޮށްލައްވާނެއެވެ.
ކީރިތި ރަޞޫލާ محمد صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ޔައުޖޫޖު އަދި މައުޖޫޖު ބާގައިގެ މީހުން، އެ ދިރުވާލުމަށްފަހު މެނުވީ އެއްވެސް ފެންގަނޑެއްކައިރިއަކުންނެށް ނުދާނެތެވެ. އަދި އެމީހުން ނެތިކޮށްނުލާ މެނުވީ އެއްވެސް އެއްޗެއް ކައިރިއަކުންނެއްނުދާނެތެވެ. އެމީހުންގެ ނުބައިވަސް މުޅި ދުނިޔެ ފުރާލާނެތެވެ. އަދި މީސްތަކުން އެކަލާނގެ ޙަޟްރަތައް އަވަސްވެގަންނާނެތެވެ." (ސުނަނު އިބުނު މަޖާހު 4081 )
ޔައުޖޫޖު އަދި މައުޖޫޖު ބާގައިގެ މީހުންވީ ސީދާ ކޮންސަރަހައްދެއްގައިކަމެއް ނޭނގެއެވެ. ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާނީ މާތްﷲ އެވެ.
https://lifeinsaudiarabia.net/yajooj-majooj-gog-magog-wall-location/
Advertisement
25 އޭޕްރީލް 2025