އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 17 މިނެޓް, 58 ސިކުންތު
އޭ މުސްލިމް އަޚުންނޭވެ! ތިޔަބައިމީހުން މާތް ﷲ އަށް ތަޤްވާވެރިވާށެވެ. ވޭތުވެ ދިޔަތަނުން ޢިބުރަތް ލިބިގަނެ، މިއަދު އެއާ އެއްގޮތަށް ޢަމަލުކުރެވޭތޯ ބަލާށެވެ! އޭރުން އުންމީދުން ފުރިގެންވާ މާދަމާއަކަށް އަލިވިލޭނެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ހެޔޮކަމުގެ ތެރެއިން، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށްޓަކައި އިސްކުރާ ކޮންމެ ކަމެއްގެ ثواب، اللَّه ގެ حضرة ގައި ހެޔޮކަން ބޮޑުވެގެންވާތީއާއި، އަދި ދަރުމަ ބޮޑުވެގެންވާތީ ތިޔަބައިމީހުންނަށް ފެންނާނެތެވެ. އަދި ތިޔަބައިމީހުން اللَّه ގެ حضرة ން ފާފަފުއްސެވުމަށް އެދޭށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ."[1]
މުސްލިމް އަޚުންނޭވެ! ﷲ ސުބްޙާނަހޫ ވަތަޢަލާ އެ ކަލާނގެ ކަލާމްފުޅުގައި، އެ ކަލާނގެ އަޅުތަކުންނަށް އަމުރުކުރައްވައިފައި ވަނީ، ކިޔަމަންގަތުމާއި ހެޔޮ ޢަމަލުތަކުގައި ކުރިއަރައިދިއުމަށެވެ. އެއްބައިވަންތަވުމަށާއި ގުޅިގެން އުޅުމަށެވެ. ބައިބައިވުމާއި ދެބަސްވުންތައް ވަނީ ނަހީކުރައްވައިފައެވެ. މާތް ﷲ ހުއްދަކުރެއްވި ކަންކަމުގައި އެއްބަސްވާ، އެކަކު އަނެކަކުދެކެ ލޯބިވާ ބައެއްގެ ގޮތުގައި ދިރިއުޅުމަށެވެ. ހެޔޮކަމާއި ތަޤްވާވެރިވުމުގައި އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަށެވެ. އެ ކަލާނގެ ވަޙީކުރައްވައިފައި ވެއެވެ.[2] މާނައީ: "އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ." އެބަހީ: ތިޔަބައިމީހުންގެ ވެރިކަން ވެއްޓި، ބާރާއި ނުފޫޛު ނެތިހިނގައިދާނެއެވެ. މާތް ނަބިއްޔާ ޙަދީޘްފުޅުކުރެއްވިކަމަށް ޢުމަރު ބުނުލް ޚައްޠާބު ވިދާޅުވިއެވެ.މާނައީ: "ތިޔަބައިމީހުން ޖަމާޢަތާއެކުގައިވާށެވެ! ބައިބައިވުމަށް ބިރުވެތިވާށެވެ! އެހެނީ ޝައިޠާނާ ގާތްކަން ކަށަވަރީ އެކަހެރިމީހާއާއެވެ. އޭނާ ދެމީހުންނާ ދުރުހެލިވުން ބޮޑެއެވެ. ސުވަރުގެއިން އެންމެ މަތިވެރި މަޤާމު އެދޭ މީހާ ޖަމާޢަތާ ވަކިނުވާހުށިކަމެވެ."
އެންމެ ނުބައި މީހަކީ، އެ މީހެއްގެ ޤައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލައި، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާއެވެ. ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ޤައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެއެވެ. އަދި ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާ ހުތުރުބަހުން މުޚާޠަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތައް ވިސްސިވިހާލި ކޮށްލާ މީހުންނާއި، ތަންދޮރު ނުދަނެ ތިބެ ފަތުވާދީއުޅޭ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުމަކުން ސިފަލިބިގެންވާ ބަޔަކަށް ވެސް ޤައުމު އެއްގަލަކަށް ނޭރުވޭނެއެވެ. ފަހެ ފުރެދުމާއި، ފަސާދައާއި، އިލްޙާދަށް ގޮވައިލައި، މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާމެދު ތިޔަބައިމީހުން ބިރުވެތިވާށެވެ! ތިޔަބައިމީހުން ޙިކުމަތްތެރިކަމާއި މެދުމިނުގައި ހިފަހައްޓާށެވެ!
އެކަކު އަނެކަކަށް ރަޙުމުކޮށް އޯގާވެރިވެ އުޅުމަކީ މަތިވެރި ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ [3] މާނައީ: "ދެން އީމާންވެ، އަދި ކެތްތެރިވުމަށް އެކަކު އަނެކަކަށް ވަޞިއްޔަތް ކޮށް، އަދި މީސްތަކުންނަށް ރަޙުމު ބެހެއްޓުމަށް އެކަކު އަނެކަކަށް ވަޞިއްޔަތް ކޮށް އުޅުނުމީހުންގެ ތެރެއިން އޭނާ ވާނެތެވެ. ކަނާތްފަރާތުގެ މީހުންނީ، އެއުރެންނެވެ." އެހެންވީމައި ތިބާއީ އަމިއްލަ ނަފުސަށާއި، އެހެން މީހުންގެ މައްޗަށް އޯގާވެރި އަޅަކަށް ވާށެވެ! ތިބާގެ ޢިލްމުން ނުދަންނަ މީހުންނަށް އުގަންނައިދީ، އެ މީހުންގެ މައްޗަށް އޯގާވެރިވާށެވެ! ތިބާގެ މުދަލުން ފަޤީރުންނަށް ހޭދަކުރާށެވެ! ބޮޑެތިމީހުންނަށް އިޙްތިރާމުކުރާށެވެ! ކުޑަކުދީންނަށް އޯގާވެރިވާށެވެ! ކުށުގެ ވެށީގައި އުޅޭ މީހުންނަށް މަގުދައްކާށެވެ! ޖަނަވާރުންނަށް ދާންދެން ތިބާ އޯގާވެރިވާށެވެ! ﷲގެ ރަހްމަތާ ކުއްތަންވެގެންވާ މީހުންނީ، އެ ކަލާނގެ ޚަލްޤުތަކުގެ މައްޗަށް އޯގާވެރިވާ މީހުންކަން ދަންނާށެވެ! އެފަދަ މީހުންނަށް މާތް ﷲ ރަހްމަތް ލައްވައި، އެ ކަލާނގެ ދީލަތިވަންތަކަމުގެ ގޮވައްޗަށް ވައްދަވާނެތެވެ. ކަށްވަޅުގެ ޢަޛާބާއި ނަރަކައިގެ ގިނި ހޫނުން މިންޖުކުރައްވާނެތެވެ. ޤިޔާމަތްދުވަހުގެ ބިރުވެރިކަމުން އަމާންކަން ދެއްވައި، އެ ކަލާނގެ ހިޔާވަހިކަން ދެއްވާނެތެވެ.
ابْنُ الْقَيِّمُ -رحمه الله ވިދާޅުވެފައި ވެއެވެ. ﷲ ތަޢާލާއީ އޯގާވެރީންގެ މައްޗަށް އޯގާވެރި ރަސްކަލާނގެއެވެ. އެ ކަލާނގެއީ އަޅުތަކުންގެ ސިއްރުތައް ވަންހަނާކޮށްދޭ މީހުންގެ ސިއްރުތައް ވަންހަނާކޮށްދެއްވާ ރަސްކަލާނގެއެވެ. އެ ކަލާނގެއީ މީސްތަކުންނަށް މަޢާފުކުރާ މީހުންނަށް ގިނަގިނައިން ޢަފޫކުރައްވާ، އެ މީހުންގެ ފާފަ ފުއްސަވާ ރަސްކަލާނގެއެވެ. އެއީ އެ ކަލާނގެ އަޅުތަކުން ކުރެ ރަޙުމުހުރި އޯގާވެރީންގެ މައްޗަށް ނުހަނު އޯގާވެރި ރަސްކަލާނގެއެވެ. ހިތް ހަރު، ހަރުކަށި މީހުން ދެކެ ކޯފާވެވޮޑިގެންވާ ރަސްކަލާނގެއެވެ. ކުލުނުވެރީންނަށް ކުލުނުވެރި، ކެތްތެރިކަމަށް ލޯބިކުރައްވާ، މީހުންނަށް ހެޔޮކޮށް ހިތާ މީހުންނަށް ހެޔޮ ގޮތް މެދުވެރިކުރައްވާ، ޢަދުލުވެރީން ދެކެ ލޯބިވެވޮޑިގެންވާ ޢަދުލުވެރި ރަސްކަލާނގެއެވެ. ޢުޛުރުވެރިޔާގެ ޢުޛުރު ޤަބޫލުކުރާ މީހުންގެ ޢުޛުރު ޤަބޫލުކުރައްވާ ރަސްކަލާނގެއެވެ. އެ ކަލާނގެ އަޅުތަކުންނަށް، މިފަދަ މާތް ސިފަތަކުގެ ސަބަބުން އެއާ އެއްފަދަ ހެޔޮ ޖަޒާ ދެއްވައެވެ. ޢަފޫކުރާ މީހުންނަށް ޢަފޫކުރެއްވުމުންނެވެ. އެ ކަލާނގެ އަޅުތަކުންނަށް ހެޔޮކޮށް ހިތާ މީހުންނަށް ހެޔޮކޮށް ހިއްތެވުމުންނެވެ. އަދި މީހަކު އެހެން މީހުންގެ އަބުރަށް އަރައިގަނެ ފަޟީޙަތްކުރުމާއިގެން ތެދުވެއްޖެނަމަ މާތް ﷲ އެމީހަކު ފަޟީހަތްކުރައްވާހުއްޓެވެ. އެހެން މީހަކަށް ހެޔޮކަމެއް ލިބޭން ނޭދޭ މީހާ ހެޔޮކަމުން މަހްރޫމުކުރައްވަތެވެ. މީހަކަށް ދަތިކޮށްފި މީހާއަށް ދަތިކުރައްވާހުއްޓެވެ. އެހެން މީހަކަށް މަކަރު ހަދައި ކެހިދީފި މީހަކަށް އެކަމާ އެއްފަދަ ސަޒާ ދެއްވާހުއްޓެވެ. އަޅާ މީހަކާ މުޢާމަލާކުރާ ގޮތަކަށް، ދުނިޔެއާއި އާޚިރަތުގައި ވެސް މާތް ﷲ އޭނާއާ މުޢާމަލާ ކުރައްވާހުއްޓެވެ.
މުސްލިމް އަޚުންނޭވެ! ﷲގެ އަޅުތަކުންނަށް ފައިދާއެއް ކޮށްދިނުމަކީ އެންމެ މަތިވެރި ޚުލްޤެވެ. މީސްތަކުންނަށް ހެޔޮކޮށް ކަންތައްކުރާ މީހުން ދިރިއުޅޭނީ ޢިއްޒަތާއި ޝަރަފާއި ޤަދަރުވެރިކަމުގައެވެ. ފަހެ ތިބާއީ މީސްތަކުންނަށް ފައިދާހުރި، ހެޔޮފޯރުވައި އުޅޭ މީހަކަށް ވާށެވެ! ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "މީސްތަކުން ކުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން އެންމެ ބޮޑު މީހަކީ، މީސްތަކުންނަށް އެންމެ ފައިދާހުރި މީހާއެވެ. އަދި ﷲ ތަޢާލާ އެންމެ ރުހިވޮޑިގެންވާ ޢަމަލަކީ މުސްލިމެއްގެ ހިތަށް އުފާވެރިކަމެއް ގެނެސްދިނުމެވެ. ނުވަތަ އޭނާއަށް ޖެހިފައިވާ ބޮޑުކަމެއް ލުއިކޮށްދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް އަދާކޮށްދިނުމެވެ. ނުވަތަ އޭނާގެ ބަނޑުހައިހޫނުކަން ފިލުވައިދިނުމެވެ. އަހަރެންގެ އަޚާއަށް ޖެހިފައިވާ ކަމެއް ކޮށްދޭން މަސައްކަތްކުރުން މަސްޖިދުއްނަބަވީގައި އިޢުތިކާފަށް އިނުމަށް ވުރެ މާހެޔޮކަން ބޮޑެވެ."
ތިބާގެ އެހީތެރިކަމާއި، ދީލަތިކަމާއި، ހޭދަކުރުން ދޫކޮށްނުލާށެވެ! ތިބާ މުށްބާރުނުކުރާށެވެ! ބޭނުމެއް ޖެހިގެން އަތްދިއްކޮށްލާ މީހާއަށް ކުޑަނަމަވެސް ހެޔޮކަމުގެ އަތެއް ދިއްކޮށްލާށެވެ! ނުވަތަ ހިތްހެޔޮކަމާއެކު ރީތިކޮށް އޭނާއަށް ޖަވާބުދޭށެވެ! އޭނާގެ ނިކަމެތިކަމާހެދި ސަލާންޖެހުމުން ހުސްއަތާ ދާންޖެހުމާއި، ތިބާގެ ހަރުކަށިކަމާއި ނުރުހުން އެކުވިޔަނުދޭށެވެ. މާތްމީހާގެ ވަޢުދު އަވަހަށް ފުއްދާނެއެވެ. ބަޚީލުމީހާ ބުނާނީ މާދަން އަންނާށޭއެވެ. އެއްޗެއް ދޭނެކަމަށް ބުނެ ދަންމަދަންމައި ހުރުމަށް ވުރެ ޞަރީޙަ ޖަވާބުދިނުން ހެޔޮކަން ބޮޑެވެ.
މުސްލިމް އަޚުންނޭވެ! މުއުމިނުންނަކީ މީހުންގެ ބޭނުންތައް ފުއްދައިދޭ މީހުންނަށް ޖެހޭ އުނދަގޫތަށް ދުރުކޮށްދޭ ބައެކެވެ. أبو موسى الأشعري -رضي الله عنه ވިދާޅުވިއެވެ. ތިމަންމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. އިސްލާމްދީނުގައި އެންމެ ހެޔޮ މީހަކީ ކާކުތޯއެވެ؟ އެ ކަލޭގގެފާނު ޙަދީޘްކުރެއްވިއެވެ. "އެ މީހެއްގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ. متفق عليه.
ފަހެ ތިޔަބައިމީހުން މުސްލިމުންނަށް އުނދަގޫކޮށް، އެ މީހުންގެ މައްޗަށް ބާޠިލު ތުހުމަތުތައް ކޮށް ނުކުރާށެވެ! ދޮގު ބުހުތާން ވާހަކަތައް ނުފަތުރާށެވެ! ދެރަކޮށް، ނިކަމެތިނުކޮށްލާށެވެ! ބަދުބަސް ބުނެ، ލަޢުނަތްދީ، ކާފިރުކޮށް، އެ މީހުންނީ ބިދުޢަވެރީންނާއި ފާސިޤުންކަމުގައި ބުނެ ނޫޅޭށެވެ! އެ މީހުންގެ އަތްދަށުން ދޫވެގެން ކުރެވޭ ކުށްތައް ފަތުރައި، ފަޟީޙަތް ނުކުރާށެވެ! އެ މީހުންގެ މުދާ ވަގަށް ނަގައި، ކެހިދީ، އަބުރު ނަގައިލައި، އެ މީހުންގެ ފުރާނަޔަށާއި އަބުރައް އަރައިނުގަންނާށެވެ! ކީރިތި ރަސޫލާ z މިންބަރަށް އަރައިވަޑައިގަންނަވައި ހަރުއަޑުފުޅުން ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ އެ ބައެއްގެ ދުލުން އީމާންވެ، އެ އީމާންކަން ހިތާހަމައަށް ނުފޯރާ މީހުންނޭވެ! ތިޔަބައިމީހުން މުސްލިމުންނަށް އުނދަގޫ ނުކުރާށެވެ! އެ މީހުންނަށް ޢައިބުނުކިޔާށެވެ! އެ މީހުންގެ ކުށްތައް ހޯދައި ހާމަނުކުރާށެވެ. އެހެނީ ތިމާގެ މުސްލިމް އަޚާގެ ކުށްތައް ހޯދައި އުޅޭ މީހުންގެ ކުށްތައް މާތް ﷲ ހާމަކުރައްވާހުއްޓެވެ. އަދި އެފަދަ މީހާ ގޭގެ އެތެރޭގައި ވިޔަސް މާތް ﷲ އޭނާ ފަޟީޙަތްކުރައްވާހުށްޓެވެ." އެއްދުވަހަކު އިބުނު ޢުމަރު ކަޢުބާއާ ދިމާލަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ތިބާގެ މަތިވެރިކަމާއި ޤަދަރުގެ ބޮޑުކަމާއެވެ! ﷲގެ ޙަޟްރަތުގައި ތިބާއަށް ވުރެ މުއުމިނާގެ މާތްކަން މާބެޑެވެ."
އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެފައިވާ ޙަދީޘެއްގެ މާނައިގައި ވެއެވެ. "އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚާއެވެ. އޭނާ އޭނާގެ މައްޗަށް އަނިޔާވެރިއެއް ނުވާނެއެވެ. އޭނާ ދޫކޮށެއްނުލާނެއެވެ. އޭނާ ނިކަމެތިކޮށެއްނުލާނެއެވެ. މުސްލިމަކު އޭނާގެ މުސްލިމް އަޚާއަށް ނިކަމެތިކޮށް ހިތުން ނުބައިކަމަކަށް ފުދިއްޖެއެވެ. މުސްލިމެއްގެ ހުރިހައި ކަމަކީ، އަނެއް މުސްލިމާ އަރައިގަތުމަށް ޙަރާމްވެގެންވާ ކަންކަމެވެ. އޭނާގެ ލެޔާއި، މުދަލާއި އަބުރެވެ." އެހެން ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. "މުސްލިމަކަށް ހުތުބަސް ބުނުނަކީ ފާސިޤުކަމެވެ. އޭނާއާ ހަނގުރާމަކުރުމީ ކުފުރުގެ ޢަމަލެކެވެ." އެހެން ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. "މީހަކު މީހަކާ ދިމާލަށް ކާފިރެކޭ ގޮވައިފިނަމަ ނުވަތަ ﷲގެ ޢަދުއްވެކޭ ބުނެފި ހިނދު، އެ ކަން އޮތީ އެ ގޮތަށް ކަމުގައި ނުވެއްޖެ ހިނދު އެ ބަސް ބުނިމީހަކަށް އެ ބަސް އެނބުރި ރުޖޫޢަވެދާހުއްޓެވެ." އެހެން ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެއެ. "ތިޔަބައިމީހުން ކުރެ އެކަކު ވެސް އޭނާގެ އަޚާއާ ދިމާލަށް ހަތިޔާރު އަމާޒުކޮށްގެން ނުވާނެއެވެ. އެހެނީ ޝައިޠާނާ އޭނާގެ އަތުގެ މައްޗަށް ފާވާނެ ވަގުތެއް ނޭނގޭނެއެވެ. ދެން އަލިފާނުގެ ވަޅުގަނޑަކަށް އޭނާ ވެއްޓިދާނެތެވެ." އެހެން ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. "ޙައްޤަކާ ނުލައި މުއުމިނަކު ޤަތުލުކުރުމަށް ވުރެ، މުޅި ދުނިޔެ ނިމިދިއުމުގެ ނުބައިކަން ވެސް މާކުޑައެވެ."
ތިޔަބައިމީހުން ހެޔޮކަމާއި ހިދާޔަތުގެ މަގު ހިފާހުށިކަމެވެ. އަދި ނުބައިކަމާއި ފުރެދުމުގެ މަގުތަކުން އެއްކިބާވާހުށިކަމެވެ. އޭރުން ތިޔަބައިމީހުންނަށް އަބަދީ ބާއްޖަވެރިކަން ޙާޞިލުވާހުއްޓެވެ. އަދި މަތިވެރިވެގެންވާ ސުވަރުގެއަށް ވަންނަހުށްޓެވެ.
މުސްލިމް އަޚުންނޭވެ! ދުނިޔެއަކީ ދެމިހުރުން ހުރިތަނެއް ނޫނެވެ. ކޮންމެ މީހަކީ މި ދުނިޔެ ދޫކޮށް ދާނޭ މީހެކެވެ. އަދި ގޮސްނިމިފައިވާ މީހެއްގެ ދަރިއެކެވެ. ޒަމާނަކީ ހޭދަވާ ރޭދުވާފަދަ ވަގުތުކޮޅެކެވެ. މަރު އޮތީ ދާދި ގާތުގައެވެ. ދިރިހުރި އިންސާނާ ލާ ކޮންމެ ނޭވާއަކީ، އޭނާގެ ނަފުސު މަރާ ގާތްކޮށް، ދުނިޔެއަށް އަލްވަދާޢުކިޔާ ނޭވާއެކެވެ. ސުންގަޑި ކަނޑައެޅިފައިވާ ޙަޔާތުގެ އުންމީދަކީ ކޮންފަދަ އުންމީދެއްހެއްޔެވެ! ދިރިއުޅުގެ ބައެއް ކަންކަން ބައެއް ފަހަރު، އިތުރު ފުރުޞަތެއް ނެތް ވަގުތަކަށް ގޮސް ނިމޭތަން ފެނެއެވެ.
މާތް ﷲގެ އަޅުތަކުންނޭވެ! ހަނދާންކޮށްދޭ މީހެއްގެ އަޑު ނާހައި ތިބާ ހުއްޓުމެއް ނެތި ތިޔަގޮތަށް ދާނީ ކިހައި ދުވަހަކަށް ހެއްޔެވެ؟ ތިބާގެ ޙަޔާތާ މެދު ބިނާކުރަނިވި ފާޑުކިޔުންތެރިޔާއަށް ބީރުކަންފަތެއް ދީގެން އުޅޭނީ ކިހައި ދުވަހަކަށް ހެއްޔެވެ؟ ތަވާޟުޢުވެރިވާންވީ ވަގުތު އަދިވެސް ނާދޭ ހެއްޔެވެ؟ ތަހައްޖުދަށް ތެދުވާކަށް އަދިވެސް ނުވޭހެއްޔެވެ؟ އަހަރެމެންނަށް މި ތިބެވެނީ ނިދިފައި ހެއްޔެވެ؟ ނޫނީ ހިތުގައި ވިންދު ނުޖަހަނީހެއްޔެވެ؟ އަޚާއެވެ! ތިބާ ނިދި ހަމަކޮށް ތެދުވާށެވެ! ނަރަކައިގެ އަލިފާން އަނއަނދައި ހުއްޓައި ތިބާ ނިދަނީހެއްޔެވެ! އޭހެ ހޫނު މަޑުވާނެ ދުވަހެއް ނާންނާނެއެވެ. އަދި އެއީ އޭގެ އަނގުރު ނިވޭކަށް ހުރި އަލިފާނެއް ނޫނެވެ. ލޮލަށް ފެންނަ މަންޒަރުތަކުން ޢިބުރަތް ލިބި، ދެކަންފަތުން ދަރުސްތައް އަޑުއަހާ މީހާގެ ގާތަށް އިންޛާރުދޭ މީހާ އަތުވެއްޖެއެވެ. މާތް ﷲގެ ކަލިމަފުޅުތައް އޭނާގެ ކަންފަތަށް އެބަ އިއްވެއެވެ. ނިކަމެތިކަމައެކު ތިބާގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް ކުއްތަންވާށެވެ! ޢުޛުރުވެރިކަމާޢެކު އެ ކަލާނގެ ދީލަތިކަމުގެ ދޮރޯށީގައި ޓަކިޖަހާށެވެ! ޢަފޫކުރެއްވުމަށް އެދި ދެއަޔް އުފުލައިލާށެވެ! ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން ދުވާލު ކުށްކުރާމީހާ ތައުބާވުމަށް ޓަކައި، މާތް ﷲ ގެ ދަދުޤުދްރަތްފުޅު ރޭގަނޑު ދިއްކޮށްލައްވާހުއްޓެވެ. އަދި ރޭގަނޑު ކުށްކުރާ މީހާގެ ފާފަ ފުއްސެވުމަށް ޓަކައި، މާތް ﷲ ގެ ދަދުޤުދްރަތްފުޅު ދުވާލު ދިއްކޮށްލައްވާހުއްޓެވެ. އެއީ ހުޅަނގުން އިރު އަރައްޖެއުމަށް ދާނދެނެވެ." أخرجه مسلم.
އިންސާނާ ނޭވާހޮޅިއަށް އެޅިއްޖައުމަށް ދާނދެން ތައުބާގެ ދޮރުކޮޅު ވަނީ ހުޅުވިފައެވެ. ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އުޑާހަމައަށް އަރާވަރަށް ތިޔަބައިމީހުން ފާފަކުރި ކަމުގައި ވިޔަސް ތައުބާވުމުން މާތް ﷲ ފާފަ ފުއްސަވާހުއްޓެވެ." أخرجه ابن ماجه އެހެން ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. "ތިމަން ރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ރެއާއި ދުވާލު ފާފަކުރަމުއެވެ. އަދި ތިމަން ރަސްކަލާނގެ ހުރިހައި ފާފައެއް ފުއްސަވަމުއެވެ. ފަހެ ތިޔަބައިމީހުން ފާފަފުއްސެވުމަށް އެދި ތިމަން ރަސްކލާނގެ ޙަޟްރަތުގައި ދަންނަވާށެވެ! ތިމަން ރަސްކަލާނގެ ތިޔަބައިމީހުންގެ ފާފަ ފުއްސަވާހުށީމެވެ." أخرجه مسلم
Advertisement
25 އޭޕްރީލް 2025