އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު
ޤައުމަށް ދިމާވާ ކޮންމެ މައްސަލައެއްގައި، ކުރިމަތިލުމުގެ ހިތްވަރު ލިބިފައިވާ ބަޔަކަށް ވުމަށް ޒުވާނުންގެ ކިބައިން މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، މާލެއަތޮޅު ހިންމަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި 6 ވަނަ ޤުރްއާން މުބާރާތާއި، 2 ވަނަ ބަންގި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެ މަނިކުފާނު ވިދާޅުވީ، ޒުވާނުންނަކީ ޒިންމާދާރުކަމާއެކީގައި، ޤައުމަށް ދިމާވާ ކޮންމެ މައްސަލައެއްގައި ކުރިމަތިލުމުގެ ހިތްވަރު ލިބިފައިވާ، ފާސިޤުކަމާއި އަދި ފަސާދައިގެ ތެރޭގައި ނުޖެހި، ޤައުމު ދެމެހެއްޓުމުގައި އެންމެ އިސް ސަފުގައި މަސައްކަތްކުރާ ބަޔަކު ކަމުގައި ވުމަށެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ ރޭ ދެއްކެވި ވާހަކަފުޅުގައި، ދީނީ ރޫޙު އާލާކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ޙަޤީޤީ މާނާގައި ތަރައްޤީއަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކަމަށް ވިދާޅުވެއްޖެއެވެ. އަދި ކީރިތި ޤުރުއާނަށް ލޯބިކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރޭ ހިންމަ ފުށީގައި އޮތް މި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ހިންމަފުށި ހިމެނޭ ކުލަސްޓަރގެ އެގްޒެކެޓިވް އަދި ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު ޙަލީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ އަނާރާ ނަޢީމާއި، ހިންމަފުށީ ކައުންސިލްގެ މެންބަރުންގެ އިތުރުން ގިނަ ޢަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެލެއްވިއެވެ.
ހަބަރު: ސަރުކާރު
Advertisement
25 އޭޕްރީލް 2025