އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު
ދީނީ ރޫޙު އާލާކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ޙަޤީޤީ މާނާގައި ތަރައްޤީއަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، މާލެއަތޮޅު ހިންމަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި 6 ވަނަ ޤުރްއާން މުބާރާތާއި، 2 ވަނަ ބަންގި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެ މަނިކުފާނު ވިދާޅުވީ، އަޅުގަނޑުމެންގެ މުޅި މުޖުތަމަޢު ތަރައްޤީކޮށް، މުޅި މުޖުތަމަޢު ބިނާކުރުމުގައި، ޚާއްޞަ ގޮތެއްގައި، ދީނީ ރޫޙު އާލާކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ޙަޤީޤީ މާނާގައި ތަރައްޤީއަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ.
ހިންމަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި 6 ވަނަ ޤުރްއާން މުބާރާތާއި، 2 ވަނަ ބަންގި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި، މިއަދުގެ ކުޑަކުދިންނަކީ މާދަމާގެ ޒުވާނުން ކަމަށާ، ޤައުމުގެ މުހިންމު ކަންކަމާ ޙަވާލުވެގެން މި ޤައުމު އާރާސްތު ކުރުމަށްޓަކައި، ޤައުމަށް ދިމާވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި އެންމެ ވަރުގަދަ މަސައްކަތެއް ކުރެވޭނެ ބަޔަކީ ޒުވާނުންނަށް ކަމަށް ވެސް ވިދާޅުވިއެވެ.
ރޭ ހިންމަ ފުށީގައި އޮތް މި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ހިންމަފުށި ހިމެނޭ ކުލަސްޓަރގެ އެގްޒެކެޓިވް އަދި ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު ޙަލީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ އަނާރާ ނަޢީމާއި، ހިންމަފުށީ ކައުންސިލްގެ މެންބަރުންގެ އިތުރުން ގިނަ ޢަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެލެއްވިއެވެ.
ހަބަރު: ސަރުކާރު
Advertisement
25 އޭޕްރީލް 2025