އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު
މާލެއަތޮޅު ހިންމަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި 6 ވަނަ ޤުރްއާން މުބާރާތާއި، 2 ވަނަ ބަންގި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
ރޭ ހިންމަފުށީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ރޭ ނަތީޖާ ފާޅުކުރި، ދެ މުބާރާތުގައި ބައިވެރިވެ ކާމިޔާބު ހޯއްދެވި އެންމެހައި ދަރިވަރުންނާ އެ ދަރިވަރުންގެ ޢާއިލަތަކަށް ޢިޚްލާޞްތެރި ތަހުނިޔާ އަދާކުރެއްވިއެވެ. އަދި މުބާރާތުގައި ބައިވެރިވި އެންމެހައި ދަރިވަރުންނާ އެ ދަރިވަރުންގެ އާއިލާތަކާ، އަދި އެ ކަމުގައި ޝާމިލްވި އެންމެހައި ފަރާތްތަކުގެ މަސައްކަތު އަގުވަޒަންކުރައްވާ ޝުކުރުއަދާކުރެއްވިއެވެ.
ރޭ ހިންމަފުށީގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، އެ ފަދަ މުބާރާތްތަކުގައި ދަރިވަރުން ބައިވެރިކޮށް، ޚާއްޞަކޮށް އެ ދަރިވަރުންނަށް ކާމިޔާބު ލިބިގެން ދިޔުމަކީ ބެލެނިވެރިންނަށް ޚާއްޞަ އުފަލެއް ލިބިގެންދާނެ ކަމެއްކަމަށް ފާހަގަކުރައްވާ، ގިނަ ޢަދަދެއްގެ ބެލެނިވެރިން ރޭގެ އިޙްތިފާލުގައި ބައިވެރިވިކަން އެއީ ޖަލްސާގެ އެންމެހައި ހާޟިރީންނަށް ވަރަށް ބޮޑު އުފަލެއް ލިބިގެން ދިޔަ ކަމެއް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މުޅި މުޖުތަމަޢު ތަރައްޤީކޮށް، މުޅި މުޖުތަމަޢު ބިނާކުރުމުގައި، ޚާއްޞަ ގޮތެއްގައި، ދީނީ ރޫޙު އާލާކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ޙަޤީޤީ މާނާގައި ތަރައްޤީއަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓްމަންޓެއް" މިނިސްޓަރ ވިދާޅުވިއެވެ.
ހިންމަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި 6 ވަނަ ޤުރްއާން މުބާރާތާއި، 2 ވަނަ ބަންގި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ޚާއްޞަ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމް ޙާވާލުކޮށްދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ. މުޅި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން 1 ވަނަ ހޯދާ ޙައްޖު ކޯޕަރޭޝަނުން ދެއްވި ޢުމުރާ ދަތުރު ހޯއްދެވީ ތަމްކީން ޙުސައިނެވެ.
ހަބަރު: ސަރުކާރު
Advertisement
25 އޭޕްރީލް 2025