އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު
ދިވެހިރާއްޖެ އާއި މެލޭޝިއާ އާއި ދެމެދު މިހާރަށްވުރެވެސް ބޮޑަށް ގުޅިގެން މަސައްކަތްކުރުމަށް ޢަޒުމުކަނޑައަޅާފައިވާކަމަށް ދެ ޤައުމުން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު، ދެ ޤައުމުން ބޭއްވެވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި، ދެ ޤައުމުން ހިއްސާކުރާ އުސޫލުތަކާއި އިޤްތިޞާދީ ދާއިރާއިންނާއި ބައިނަލްއަޤުވާމީ ސުލްޙައަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
މި ބައްދަލުވުމުގައި ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ޤައުމުގެ ޒަމާންވީ ގުޅުން ބިނާވެފައިވަނީ، ދެ ޤައުމުން ހިއްސާކުރާ އިސްލާމީ އަޤީދާ އާއި އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، އިޙްސާންތެރިކަމުގެ ތަރަހައިގެ މަތީގައިކަމަށް ވިދާޅުވެފައެވެ.
އިޤްތިޞާދީގޮތުން ގުޅުންބަދަހިކުރުމަށް ކުރެވިދާނޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގައި ވުނަކުރުމަށް ހުރި ފުރުޞަތުތަކަށް އިޝާރާތްކުރައްވާފައެވެ. އެގޮތުން އިޤްތިޞާދީ ޚާއްޞަ ސަރަޙައްދުގައްޔާއި ވިޔަފާރީގެ ދާއިރާގައްޔާއި މާލީ ދާއިރާގައްޔާއި ކަނޑުތަކުގެ ދާއިރާގައި ހުރި ފުރުޞަތުތަކުގެ ބޭނުންހިފުމަށް މެލޭޝިޔާގެ ވުނޭރުންނަށް ދަޢުވަތު ދެއްވައި، މި ފަދަ ފުރުޞަތުތައް މެދުވެރިކޮށް، ދެ ޤައުމުގެ ދެމެދުގައިވާ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރެވިދާނޭކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ފަލަސްތީނުގެ މައްސަލައިގައި މެލޭޝިއާއިން ގެންގުޅޭ ސިޔާސަތަށް ދިވެހިރާއްޖެއިން ތަޢުރީފުކުރައްވާކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. އަދި ދެ ޤައުމުގެ ލީޑަރުންވެސް ވަނީ، މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ފަލަސްތީނުން ކުރާ ޙައްޤު ދައުވާއަށް ތާއީދުކުރެއްވުމުގައި ސާބިތުވެ ތިއްބެވިކަމަށް ވިދާޅުވެ، ޢަދުލުވެރިކަމާއި އަމަންއަމާންކަން ޤާއިމުކުރުމަކީ ދެ ޤައުމުންވެސް ހިއްސާކުރާ ޢަޒުމެއްކަން ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ދެ ޤައުމުން ހިއްސާކުރާ ތަސައްވުރުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން، މަތީ ފަންތީގައި މަޢުލޫމާތާއި ޚިޔާލު ބަދަލުކޮށް، އެއްބާރުލުން އިތުރުކުރެއްވުމަށް އަމާޒުހިއްޕަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅުގެ އިޖާބީ ނަތީޖާއާ މެދު ޔަޤީންކަން އޮތްކަން ހާމަކުރައްވަމުން އެމަނިކުފާނު ވަނީ، މި ދަތުރުފުޅުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރާނޭ މަގު ކޮށިގެން ހިނގައްޖެކަމުގައި ވިދާޅުވެފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ، ދިވެހިރާއްޖެ ދެމި އޮންނާނީ، ޤައުމީ އަދި ސަރަޙައްދީ ފެންވަރުގައި ތަރައްޤީ އާއި އަމަން އަމާންކަމާއި ހަމަޖެހުން ޤާއިމުކުރުމަށް، މެލޭޝިއާއިން ގެންގުޅޭ ތަސައްވުރު ހިއްސާކުރާ، މެލޭޝިއާގެ ޙަޤީޤީ ރަޙުމަތްތެރިއެއްގެ ގޮތުގައި ކަމަށެވެ.
Advertisement
28 އޭޕްރީލް 2025