އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު
މިއަހަރުގެ މާރިޗް މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ޢާއިލީ މައްސަލަތަކާ ގުޅޭ 26 މައްސަލައެއް ހުށަހަޅާފައިވާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ މައްސަލަތައް ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން ބުނެފައިވަނީ އެގޮތުން މި ބާވަތުގެ 09 މައްސަލައެއްވަނީ ރިޕޯޓުކޮށްފައިކަމަށާއި ހަމައެއާއެކު، ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 08 މައްސަލަ، ހަޟާނާގެ 07 މައްސަލައާއި، ދަރިން ޚަރަދު ދިނުމުގައި ޖެހޭ 02 މައްސަލަ މީގެތެރޭގައި ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 15 މައްސަލައެއް މާރިޗު މަހު ވަނީ ހުށަހަޅާފައެވެ. އެގޮތުން، ރުޅި އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެ 04 މައްސަލަ، އަދި ގެއިން ނިކުމެގެން ދިއުމުގެ 01 މައްސަލަ އާއި، ސްކޫލަށްދާން ބޭނުން ނުވުމުގެ 01 މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދި މިނޫންވެސް އެހެން ބާވަތުގެ 09 މައްސަލަ ރިޕޯޓްކުރެވިފައިވެއެވެ.
ހަމައެހެންމެ، 2025 ވަނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 164 އެވެ. އޭގެ ތެރެއިން، 61 އަންހެން ކުދިންނާއި 80 ފިރިހެން ކުދިން ހިމެނެއެވެ.
2025 ވަނަ އަހަރުގެ މާރިޗް މަހުގައި ދައުލަތަށް އަލަށް 02 ކުއްޖަކު ނެގިފައިވާއިރު، 01 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވިފައިވެއެވެ.
Advertisement
28 އޭޕްރީލް 2025