އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަރައްޤީވެ ކުރިއަރައި ދިއުމުގައި ރާއްޖެއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މެލޭޝިޔާގެ ބޮޑުވަޒީރު

ތަރައްޤީވެ ކުރިއަރައި ދިއުމުގައި ރާއްޖެއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މެލޭޝިޔާގެ ބޮޑުވަޒީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ދިވެހިރާއްޖެ ވަނީ ތަރައްޤީއާއި އިޤްތިޞާދީ ގޮތުން އައު މިސްރާބަކަށް ޖަހާފައިކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ފާހަގަކުރެއްވީ މިއަދު ބޭއްވުނު ރާއްޖެ-މެލޭޝިޔާ އިންވެސްޓްމަންޓް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ ދެމެހެއްޓެނިވި އަދި ތިމާވެށްޓާ ރައްޓެހި ތަރައްޤީއެއް ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެވޭ ކަމަށެވެ. އަދި ތަރައްޤީގެ އައު ސިޔާސަތުތަކުގެ ތެރެއިން ޑިޖިޓަލް އަދި އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަންނީ ދާއިރާއިން ކުރިއަރައި ދިއުމަކީ މުހިންމު ކަމެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، މެލޭޝިޔާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހިތްވަރުދެއްވި ބޮޑުވަޒީރު، މެލޭޝިޔާގައިވެސް ދިވެހި އިންވެސްޓަރުންނަށް ވިޔަފާރީގެ ގިނަ ފުރުސަތުތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ.

"މިއީ އައު ދާއިރާތަކުން ދެ ޤައުމު ގުޅިގެން ކުރިއަރާ ދާންވީ ވަގުތު. އެއީ ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ދާއިރާވެސް ހިމެނޭހެން. ދެ ޤައުމުގެ އިންވެސްޓަރުންނަށް ވެސް މި ހުޅުވެނީ އައު މާކެޓުތަކެއް. އަޅުގަނޑު އެދެނީ ދެ ޤައުމުގެ މި ގުޅުން ވަރުގަދަ ކަމާއެކީ ދެމެހެއްޓުމަށް،" މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

މި ފޯރަމްގެ ސަބަބުން ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ، އިންވެސްޓްމަންޓްގެ އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު