އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 39 ސިކުންތު
މުޖުތަމަޢުގެ އެންމެ މުހިންމު ބައެއްގެ ގޮތުގައި ބެލެވޭ ޒުވާނުންނަކީ ޤައުމުގެ މުސްތަޤްބަލް ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާނެ ބައެކެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޒުވާނުން ކުށުގެ ވެއްޓަށް ހުށަހެޅިގެން ދިއުމެވެ. މި މައްސަލައަކީ ވަކި ފަރުދެއްގެ ނުވަތަ ވަކި ފަރާތެއްގެ އިހުމާލުން ދިމާވެފައިވާ ކަމެއް ނޫނެވެ. މިއީ މުޅި މުޖުތަމަޢުގެ އިހުމާލުން ދިމާވެފައިވާ ނުރައްކާތެރި މައްސަލައެކެވެ.
ޒުވާނުން ކުށުގެ ވެއްޓަށް ހުށަހެޅިގެން ދިއުމުގައި އެންމެ ބޮޑު އިހުމާލެއް އޮތް ފަރާތަކީ މައިންބަފައިންނެވެ. ދަރިންގެ ތަރުބިއްޔަތާއި ތަޢުލީމަށް އެކަށީގެންވާ ސަމާލުކަމެއް ނުދިނުމާއި، ދަރިންނަށް ރަނގަޅު ނަމޫނާއެއް ދެއްކުމުގައި ފަރުވާކުޑަވުމަކީ ޒުވާނުން ނުބައި މަގަށް ދިއުމަށް މަގުފަހިވާ ކަންކަމެވެ. މީގެ އިތުރުން، ދަރިންނަށް އެކަށީގެންވާ ލޯބ ލޯބިއާއި އަޅާލުން ނުދިނުމާއި، އެކުދިންގެ ޝުޢޫރުތަކަށް އިޙްތިރާމް ނުކުރުމަކީވެސް ޒުވާނުން ކުށުގެ ވެއްޓަށް ހުށަހެޅުމަށް މެދުވެރިވާ ސަބަބުތަކެވެ.
ހަމައެއާއެކު ސްކޫލްތަކުގައި ކިޔަވައިދެވޭ މަންހަޖުތަކުގައި އަޚްލާޤީ ތަރުބިއްޔަތަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވުމާއި، ދަރިވަރުންގެ ހުނަރުތައް ދެނެގަނެ އެ ހުނަރުތައް ތަރައްޤީކުރުމަށް މަސައްކަތް ނުކުރުމަކީ ޒުވާނުން ނުބައި މަގަށް ދިއުމަށް މަގުފަހިވާ ކަންކަމެވެ. މީގެ އިތުރުން، މުދައްރިސުންގެ ފަރާތުން ދަރިވަރުންނަށް އެކަށީގެންވާ އަޅާލުމާއި މަގުދެއްކުން ނުލިބުމަކީވެސް މި މައްސަލައަށް ދިމާވާ އެއް ސަބަބެވެ.
ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، އެކުދިންގެ ހުނަރުތައް ތަރައްޤީކުރުމަށް ޕްރޮގްރާމްތައް ހިންގުމާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ޤާއިމްކޮށްދިނުމުގައި ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރުމަކީ ޒުވާނުން ކުށުގެ ވެއްޓަށް ހުށަހެޅުމަށް މަގުފަހިވާ ކަމެކެވެ. އަދި ހަމައެހެންމެ، ޒުވާނުންގެ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށް އެކަށީގެންވާ ސިޔާސަތުތަކެއް އެކުލަވާލައި ތަންފީޒު ނުކުރުމަކީވެސް މި މައްސަލައަށް ދިމާވާ އެއް ސަބަބެވެ.
މިކަމުގައި އެންމެ ބޮޑު އިހުމާލެއް އޮތް ފަރާތަކީ މީޑިއާއެވެ. މީޑިއާގެ ޒަރީޢާއިން ގެނެސްދޭ ކޮންޓެންޓްތަކުގައި އަޚްލާޤީ މިންގަނޑުތަކަށް ސަމާލުކަން ނުދިނުމާއި، ޒުވާނުންނަށް ނޭދެވޭ އަސަރުކުރާފަދަ މަންޒަރުތަކާއި މަޢުލޫމާތު ފެތުރުމަކީ ޒުވާނުން ނުބައި މަގަށް ދިއުމަށް މަގުފަހިވާ ކަންކަމެވެ. މީގެ އިތުރުން، ޒުވާނުންނަށް ފައިދާހުރި އަދި ހެޔޮ ނަމޫނާ ދައްކައިދޭ ޕްރޮގްރާމްތައް އެކަށީގެންވާ މިންވަރަށް ނުގެނެސްދިނުމަކީވެސް މި މައްސަލައަށް ދިމާވާ އެއް ސަބަބެވެ. މިސާލަކަށް ސޯޝަލް މީޑިއާގައި ދައުރުކުރާ ޕޯސްޓުތަކާއި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި ޖައްސާ ލައިވްތަކުގައި ހަޑިހުތުރު ބަހުން މުއާމަލާތްކޮށް އައުގުރާނަ ގޮވާ މަންޒަރު ފެނުމުން ޒުވާނުންނަށް އެކަން ވަނީ ޓްރެންޑަކަށެވެ. އެހިސާބުން ދެން އެމީހުންވެސް އެ ކަންތައް ކޮޕީކޮށް ހަޑިހުތު ބަހުމް މުއާމަލާތް ކުރަން ދަސްކުރެއެވެ.
ނަމަވެސް، މި ހުރިހާ ފަރާތްތަކުގެ އިހުމާލު އޮތްކަމުގައި ވިޔަސް، ޒުވާނުން އަމިއްލައަށްވެސް އެކުދިންގެ ޒިންމާ އުފުލަންޖެހެއެވެ. އަމިއްލަ ނަފްސަށް ކޮންޓްރޯލް ނުކުރެވުމާއި، ރަނގަޅު ނުބައި ވަކި ނުކުރެވުމާއި، ދީނީ އަޤީދާ ބަލިކަށިވުމަކީ ޒުވާނުން ކުށުގެ ވެއްޓަށް ހުށަހެޅުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކެވެ.
ޒުވާނުން ކުށުގެ ވެއްޓަށް ހުށަހެޅިގެން ދަނީ ވަކި ބައެއްގެ އިހުމާލަކުން ނޫނެވެ. މިއީ މުޅި މުޖުތަމަޢުގެ އިހުމާލުން ދިމާވެފައިވާ މައްސަލައެކެވެ. މި މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި މުޖުތަމަޢުގެ ހުރިހާ ފަރާތްތަކުން އެކުގައި މަސައްކަތްކުރަން ޖެހެއެވެ.
ހަމައެކަނި ސަރުކާރު ނުވަތަ ފުލުހުން ކުށްވެރިކޮށް މުޖުތަމައު ހަލަބޮލިކުރުމަކީ މިކަމުގައި އޮތް ހައްލެއް ނޫނެވެ. މިފަދަ ކަންތައްތައް ހިންގަން ފެށުމުން މިއަދުގެ ޒުވާނުންގެ ފަރާތުން އަންނަ އޮތް ޖީލަށްވެސް ދަސްވާނީ އެ ކަންތަކެވެ. މަގުމަތީގައި އަޑުގަދަކޮށް އައުގުރާނަ ގޮވުމަކީ ވަރަށް ގައްޑާ އަދި މީހާގެ ޖެހިލުންކަން ކުޑަކަން ދައްކަން ކުރާ ކަމެއް ގޮތުގައިވެސް ސިފަވެގެންދާނެއެވެ.
އޭގެ ބަދަލުގައި އެހެން މީހުންނަށް އިހުތިރާމްކޮށްގެން ތިމާއަކީ އިހުތިރާމު ލިބިގެންވާ މާތް މީހަކަށް ވުމަށް ދަރިންނަށް ނަސޭހަތްދީ ދަރިން ތަރުބިއްޔަތު ކުރަން އެބަޖެހެއެވެ. އެއީ މިހާރުގެ މައިންބަފައިންނަށް އުދަގޫ ކަމަކަށް ވެދާނެއެވެ. ސަބަބަކީ ދިރިއުޅުމުގެ ކަންތައް ހުންނަ ގޮތުން ދެމަފިރިން ވަޒީފާ އަދާކުރަން ޖެހުމާއި ދަރިންނަށްވުރެ ބޮޑަށް ސިޔާސީ ހަރަކާތްތަކަށް އިސްކަން ދިނުމުގެ އިތުރުން މައިންބަފައިން ކުދިންނަށް މިނިވަންކަންދީ ބޭނުން ގޮތަކަށް އުޅުމުގެ ހުއްދަ ދީފައި އޮންނާތީއެވެ.
މައިންބަފައިން ދަރިންގެ ތަރުބިއްޔަތަށް އިތުރަށް ސަމާލުވެ، ތަޢުލީމީ ދާއިރާއިން އަޚްލާޤީ ތަރުބިއްޔަތަށް އިސްކަންދީ، ސަރުކާރުން ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކޮށްދީ، މުޖުތަމަޢުގެ އެހެނިހެން މެންބަރުން ޒުވާނުންނަށް އެހީތެރިވެދީ، އަދި ޒުވާނުން އަމިއްލައަށްވެސް ރަނގަޅު މަގަށް ދިއުމަށް މަސައްކަތްކޮށްގެން މެނުވީ މި މައްސަލައަށް ދާއިމީ ޙައްލެއް ނުލިބޭނެއެވެ.
Advertisement
29 އޭޕްރީލް 2025