އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިދޭސީންގެ މައްޗަށް ޤާނޫނު ތަންފީޒުނުވެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިއުމުގެ ނަތީޖާ ދިވެހި ރައްޔިތުންނަށްވެސް އަދި ޤައުމަށްވެސް ފޮންޏެއް ނޫން!

ބިދޭސީންގެ މައްޗަށް ޤާނޫނު ތަންފީޒުނުވެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިއުމުގެ ނަތީޖާ ދިވެހި ރައްޔިތުންނަށްވެސް އަދި ޤައުމަށްވެސް ފޮންޏެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 11 ސިކުންތު

ދިވެހިރާއްޖެއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ޒިޔާރަތްކުރާ، ފިނި ރީތި ފަޅުތަކާއި، ހުދު ވެލިގަނޑުތަކާއި، ދިރޭ ތަކެތީގެ މުއްސަނދިކަމުން ފުރިގެންވާ ޤައުމެކެވެ. މި ޤައުމުގެ ޤުދުރަތީ ރީތިކަމާއި މުއްސަނދިކަމުގެ ސަބަބުން، ގިނަ ބިދޭސީން ދެކެނީ ރާއްޖެއަކީ ރަން ބިސް އަޅާ ކުކުޅެއްގެ ގޮތުގައެވެ. އެހެންނަމަވެސް، މިއީ ޙަޤީޤަތުގައި ކިހާ ވަރަކަށް ރަނގަޅު ވިސްނުމެއްތޯ ވިސްނާލަން ޖެހެއެވެ.

އަށްޑިހައިގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން، ރާއްޖޭގައި ބިދޭސީން މަސައްކަތްކުރަން ފެށިއެވެ. ފުރަތަމަ އެމީހުން ފެންނަން ފެށީ ބޯކޮށާތަންތަނާއި ފަހާތަންތަނުންނެވެ. ދެން ސައިހޮޓާތަކުންނެވެ. އޭރު މަދު މިންވަރަކަށް ފޯރާމީހުންގެ ގޭގޭގައި ނޯކަރުންގެ ގޮތުގައާއި ބޮޑެތި ފިހާރަތަކުގައި ބިދޭސީން މަސައްކަތްކުރިއެވެ. ނަމަވެސް، އިމާރާތްކުރުމުގެ މަސައްކަތަށް ބިދޭސީން ގެނައުމުގެ ފުރުޞަތު ހުޅުވާލުމާއެކު، ރާއްޖެއަށް ބިދޭސީން އެތެރެވާން ހުރި ދޮރު ފުޅާވެގެން ދިޔައެވެ.

މިހާރު ރާއްޖޭގައި ބިދޭސީންގެ ނުފޫޒު ވަނީ ފުޅާވެފައެވެ. އެމީހުން ހޮޓާތަކާއި ފިހާރަތައް ހިންގައި، ބިންވެރިންނާ ކައިވެނިކޮށްގެން ބިންމޯގޭޖުކޮށް، ގެސްޓްހައުސްތަކާއި ކެފޭތަކުގެ މާލިކުންނަށްވެ، އަދި ކުނި އުކާލުމުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރިއާ ހަމައަށް އެކި ބާވަތުގެ މަސައްކަތްތައް ކުރަމުން ގެންދެއެވެ. މިކަން އޮތީ ހަމައެކަނި މާލޭގައެއް ނޫނެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިކަން އެބައޮތެވެ. 

ރާއްޖެއަށް އަންނަ ގިނަ ބިދޭސީން ދެކެނީ މިތަނަކީ ފަސޭހައިން ފައިސާ ހޯދޭނެ ތަނެއްގެ ގޮތުގައެވެ. ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރުމަށް އަންނަ ބިދޭސީން ޤަބޫލުކުރަނީ ރާއްޖޭގައި ވަޒީފާ އަދާކުރުމަކީ އެމީހުންގެ އަމިއްލަ ޤައުމުގައި ވަޒީފާ އަދާކުރުމަށްވުރެ މާ ފައިދާ ބޮޑު ކަމެއް ކަމުގައެވެ. އެހެންނަމަވެސް، މިއީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ރާއްޖޭގައި ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާއި، ވަޒީފާގެ ވާދަވެރިކަން އިތުރުވުމުގެ ސަބަބުން، ގިނަ ބިދޭސީންނަށް އެމީހުން އުންމީދުކުރި ވަރަށް ފައިސާ ހޯދުމަކީ ދަތި ކަމަކަށް ވެފައިވެއެވެ. 

ބައެއް ބިދޭސީން ދެކޭގޮތުގައި ރާއްޖޭގައި ދިރިއުޅުމަކީ ހަމައެކަނި މަޖާ ކުރުމާއި މުނިފޫހިފިލުވުމުގެ ތެރޭގައި ހޭދަކުރެވޭނެ ކަމެކެވެ. އެހެންނަމަވެސް، ޙަޤީޤަތަކީ ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކުވެސް ޤާނޫނުތަކާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭ ކަމެވެ. އިސްލާމީ ޝަރީޢަތުގެ މައްޗަށް ބިނާވެފައިވާ ދިވެހި މުޖުތަމަޢުގެ އާދަކާދަތަކާއި އަޚްލާޤީ މިންގަނޑުތަކަށް ތަބާވުމަކީ ކޮންމެ ބިދޭސީއެއްގެ މައްޗަށްވެސް ލާޒިމު ކަމެކެވެ. މިކަމަށް އަހުލުވެރި ނުވެވޭ ބިދޭސީންނަށް ރާއްޖޭގައި ދިރިއުޅުމަކީ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެކެވެ.

މި ޙާލަތު މިހިސާބަށް ގޮސްފައިވަނީ ބިދޭސީން އެތެރެކުރުމުގެ ނިޒާމު ހަރުދަނާ ނުވުމާއި، ޒިންމާދާރު ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުންނެވެ. މިހާރު ވަނީ ގެންގުޅުނު ބިދޭސީން، އުޅޭ ބިދޭސީންނަށް ބަދަލުވެފައެވެ. މިކަމުގެ ސަބަބުން ދިވެހިންނަށް ލިބެންވާ ވަޒީފާގެ ފުރުޞަތުތައް ގެއްލި، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.                  

ރާއްޖެއަކީ އެމީހުންގެ ވިޔަފާރިތައް ފުޅާކުރުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫންކަން ބައެއް ބިދޭސީން ދެކުނަސް ރާއްޖޭގެ ވިޔަފާރީގެ މާޙައުލަކީ ވަރަށް ވާދަވެރި އަދި ގަވާއިދުތަކުން ބަނދެވިފައިވާ މާޙައުލެކެވެ. ބިދޭސީންނަށް ވިޔަފާރި ފެށުމާއި ހިންގުމުގައި ގިނަގުނަ ހުރަސްތަކެއް ހުރެއެވެ. އަދި ބައެއް ދާއިރާތަކުގައި ހަމައެކަނި ދިވެހިންނަށް އެކަނި ވިޔަފާރި ކުރެވޭ ގޮތަށް ހުންނަ ކަންކަންވެސް ހުރެއެވެ. 

ރާއްޖެއަކީ ޙަޤީޤަތުގައިވެސް ވަރަށް ޚާއްޞަ އަދި ރީތި ޤައުމެކެވެ. އެހެންނަމަވެސް، ބިދޭސީންނަށް ރާއްޖެއަކީ ރަން ބިސް އަޅާ ކުކުޅެއްގެ ގޮތުގައި ދެކުމަކީ ޙަޤީޤަތާ ޚިލާފު ވިސްނުމެކެވެ. ރާއްޖޭގައި ދިރިއުޅުމާއި މަސައްކަތްކުރުމުގައި ގިނަގުނަ ގޮންޖެހުންތަކާއި ޒިންމާތަކެއް ހުރެއެވެ. މި ޙަޤީޤަތްތައް ރަނގަޅަށް ދެނެގަތުމަކީ ރާއްޖެއަށް އަންނަ ކޮންމެ ބިދޭސީއެއްގެ މައްޗަށްވެސް ލާޒިމު ކަމެކެވެ. އަދި ހަމައެހެންމެ، ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއެކު، ދިވެހި މުޖުތަމަޢުގެ އަގުތަކާއި އާދަކާދަތަކަށް އިޙްތިރާމްކުރުމަކީ ކޮންމެ ބިދޭސީއެއްގެ ވާޖިބެކެވެ. މިގޮތަށް ޢަމަލުކުރެވޭނަމަ، ރާއްޖެއަކީ ބިދޭސީންނަށްވެސް ފައިދާހުރި، އުފާވެރި އަދި ކާމިޔާބު ތަޖުރިބާއެއް ލިބިދޭނެ ތަނަކަށް ވެގެންދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު