އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނުރައްކާތެރި ސިއްޙީ ހާލަތެއްގައިވާ އަސްކަރީ ރިޓަޔަރޑް އޮފިސަރަކަށް ދީލަތި އެހީއެއް ދެއްވާ

ނުރައްކާތެރި ސިއްޙީ ހާލަތެއްގައިވާ އަސްކަރީ ރިޓަޔަރޑް އޮފިސަރަކަށް ދީލަތި އެހީއެއް ދެއްވާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 35 ސިކުންތު

ދިވެހި ސިފައިންގެ ޚިދުމަތުގައި 35 އަހަރު ވަންދެން މަސައްކަތްކުރެއްވުމަށްފަހު ރިޓަޔަރ ކުރައްވާފައިވާ އަލީ މުޙައްމަދު އަށް ދިމާވެފައިވާ ނުރައްކާތެރި ސިއްޙީ ހާލަތާ ގުޅިގެން އާއިލާއިން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

އަލީ މުޙައްމަދަށް ވަނީ ސިކުނޑީގެ ބްރެއިން އެޓްރޮފީ (ފްރޮންޓަލް ލޯބްގެ އަވަސް ކުޑަވުން) އަދި ނިއުރޯ ޑީޖެނެރޭޓިވް ބައްޔެއް ޖެހިފައެވެ. މި ބަލީގެ ސަބަބުން އޭނާގެ ދުވަހުން ދުވަހަށް ކުރަންޖެހޭ އަސާސީ ކަންކަން ކުރުމުގެ ޤާބިލުކަން ވަނީ ގެއްލިފައެވެ. މިހާރު އޭނާގެ ހާލަތު ހުރި ގޮތުން އަމިއްލައަށް އެއްވެސް ކަމެއް ކުރުމުގެ ޤާބިލުކަމެއް ނެތް ކަމަށް އާއިލާއިން މަޢުލޫމާތު ދެއެވެ.

އަލީ މުޙައްމަދު ރިޓަޔަރ ކުރެއްވީ ހިތާމަވެރި އެކްސިޑެންޓެއްގެ ސަބަބުން ރަނގަޅަށް ހިނގުމުގެ ޤާބިލުކަން ގެއްލިވަޑައިގެންނެވެ. މި އެކްސިޑެންޓްގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ގޭގައި އޮންނަން ޖެހުމުން ނަފްސާނީ ގޮތުން ޑިޕްރެސްވެ، އޭނާގެ ދިރިއުޅުން މުޅިން ބަދަލުވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

"ފިރިމީހާ ވަޒީފާގައި ހުއްޓާ ދިމާވި އެސިޑެނޓެއްގައި އެއް ފަޔަށް ލިބުނު އެނޖަރީއެއްގެ ސަބަބުން ހިނގުމަށް ދަތިވެ، ނުހިނގި ވަރަށް ގިނަ ދުވަސްވަންދެން އެނދުގައި އޮށޯންނަން ޖެހި ވަރަށް ގިނަ ދުވަސްވަންދެން އޮތުމުގެ ތެރޭގައި ސިކުނޑިއަށް އަސަރުކޮށްފައިވާކަމުގެ އިހުސާސްތަކެއް އަހަރެމެންނަށް ކުރެވެން ފެށި. ބައެއް ރޭރޭ ދަންވަރުގަޑީގައި ޑިއުޓީއަށް ދާން ޔުނީފޯމް އަޅައިގެން ނުކުތުމާއި ހެދުން ލާއިރުވެސް ނުބައިކޮށް ގޮށް އެޅުވުމާއި ފައިވާނަށް ރަނގަޅަށް އަރަން ނޭގުމާއި ގެއިން ބޭރަށް ނުކުމެއްޖިއްޔާ ގެޔަށް ވަންނަން ނޭގުމާއި މިކަހަލަ ކަންތައް ކުރި." އަލީ މުހައްމަދުގެ އަންހެނުން ކިޔއިދިނެވެ.

ހާލަތު މިހެން ހުއްޓާ އެއްދުވަހު މިސްކިތަށް ގޮސް އުޅެނިކޮށް މަގުމަތީގައި ވެއްޓިފައި އޮތްވާ ބަޔަކަށް ފެނިގެން ހޮސްޕިޓަލަށް ގެންދެވުނެވެ. އެހިސާބުން މި ބަލި ތަހައްމަލުކުރަމުންދާކަން އާއިލާއަށް އެނގުނެވެ. އަންހެނުންނާއި އަލީ މުހައްމަދުގެ ދެދަރިން އޭނާ ގެންގުޅެނީ އެއް އަހަރުގެ ކުޑަ ކުއްޖެއް ގެންގުޅޭހެންނެވެ. ބަޑުހައިވިޔަސް ފެން ބޭނުންވިޔަސް ބުނާކަށް އަލީ މުހައްމަދަށް ނޭގެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން އިތުރު ޚާއްޞަ ފަރުވާއެއް ހޯދުމަށް ބެންގަލޫރުގެ މަޝްހޫރު ކަޑަބަމްސް ހޮސްޕިޓަލަށް ރިފަރ ކޮށްފައިވާ ކަމަށާއި، އަލީ މުޙައްމަދުގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން ދާތީ ވީހާވެސް އަވަހަށް ފުރާ ފަރުވާ ކުރުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

އަލީ މުޙައްމަދުގެ ފަރުވާއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ތިރީގައިވާ އެކައުންޓް ނަންބަރުތަކަށް ފައިސާ ޖަމާކުރެވޭނެއެވެ.

ގުޅޭނެ ނަންބަރު: 7730010

ބޭންކް އޮފް މޯލްޑިވްސް (ޔޫއެސް ޑޮލަރު): 7730000200937

ބޭންކް އޮފް މޯލްޑިވްސް (ދިވެހި ރުފިޔާ): 7717330849001

އަދި ފައިސާގެ އެހީތެރިކަން ދެވެން ނެތް ފަރާތްތަކުން އަލީ މުޙައްމަދަށް ހެޔޮ ދުޢާ ކޮށްދިނުމަށް އާއިލާއިން އެދިފައިވެއެވެ.

                   

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު